22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ދެފުށް ފެންނާނެ ކަމަށް ބުނި ގެދޮރުވެރި ކުރުވުމުގެ ޕްރޮގްރާމުގެ އެއްވެސް ފުށެއް ރައްޔިތުންނަކަށް ނުފެނުނު!

  • 1100 ފްލެޓް އެޅުމަށް ވަނީ ހަމަޖެހިފައި
  • ފްލެޓް ލިބޭ ފަރާތްތައް އިއުލާނު ކުރުމުން ރައްޔިތުން ދަނީ ޝަކުވާ ކުރަމުން
  • 661 ފަރާތެއްގެ ނަން ވަނީ އިއުލާނުކޮށްފަ

| | | FathimathShana | |



ހުޅުމާލޭގައި އަޅާ ފްލެޓް -- ފޮޓޯ:އާކައިވް

ގާތްގަނޑަކަށް އެއްލައްކަ ތިރީސް ހާސް މީހުންގެ އާބާދީއެެއް ހިމެނޭ މާލޭ ސިޓީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަމެވެ. ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން ހުޅުމާލޭ ތަރައްގީ ކުރީވެސް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށެވެ. އަދި 2004 ވަަނަ އަހަރުން ފެށިގެން ހުޅުމާލޭގައި މީހުން ދަނީ އާބާދުވަމުންނެވެ.

އޭގެ ފަހުން އައި ހުރިހާ ސަރުކާރަކުން ވެސް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ވަނީ ގިނަ ޕްރޮގްރާމުތަކެއް ކުރިޔަށް ގެންގޮސްފަ އެވެ. މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު " ގެދޮރުވެރިކުރުން"ގެ ނަމުގައި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ދަތި ހާލުގައި އުޅެމުންދާ ފަރާތްތަަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނަމުންދިޔަ އެވެ. މި ޕްރޮގްރާމުގެ ތެރެއިން 1100 ފްލެޓް އެޅުމަށް ސަރުކާރުންވަނީ ނިންމާފަ އެވެ.

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ކެޓަގަރީ 1 ހާއްސަ ކުރެވިފައިވަނީ މާލޭގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ޝަރުތުތަކުގެ ގޮތުގައި ކަނޑައަޅާފައިވަނީ މާލޭގެ ރަށްވެއްސަކަށްވުމާއި  އުމުރުން 18 އަހަރުވުމުގެ އިތުރަށް އަނބިމީހާ ނުވަތަ ފިރިމީހާއަށް މާލެއިން 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުން ނުވަތަ މަންމަ ނުވަތަ ބައްޕަ ފަރާތުން މާލެއިން 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބެން ނެތުން ނުވަތަ 1000 އަކަފޫޓަށްވުރެ ބޮޑު ތަޅުމުގެ އޭރިއާއެއް ލިބެން ނެތުމާއި ފާއިތުވެ ދިޔަ 5 އަހަރުގެ ތެރޭގައި ބިމެއް މީހަކަށް ދީ ވިއްކާލާފައި ނުވުމެވެ.

މި ކެޓަގަރީގައި ޕޮއިންޓްދިނުމުގައި މާލޭގައި ރަށްވެހިވެފައިވާ  މުއްދަތަށާއި، 18 އަހަރުން ދަށުގެ ދަރިންނަށާއި، މާލެއިން އެމީހެއްގެ، އަދި އެމީހެއްގެ މައިންބަފައިންގެ އަދި އަނބި/ފިރިމީހާގެ ބޯހިޔާވަހިކަން ހުރި މިންވަރަށާއި އަދި އެމީހެއްގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށް ސަރުކާރުން ކަނޑައަޅާފައިވެ އެވެ.

 ކެޓަގަރީ 2 ހާއްސަ ކުރެވިފައި ވަނީ ރަށްރަށުގެ ރަޖިސްޓްރީގައި ތިބި، ނަމަވެސް ދިރިއުޅުން މާލެއަށް ބަދަލުކޮށްގެން މާލޭގައި ގިނަދުވަހު ދިރިއުޅެމުން ގެންދާ ފަރާތްތަކަށެވެ. މި ކެޓަގަރީއަށް ޝަރުތު ހަމަވާ މީހުންގެ ތެރޭގައި ވެސް 600 އަކަފޫޓުގެ ބިމެއް އޮތްތޯ ބެލުމާއި މިދިޔަ ފަސް އަހަރުގެ ތެރޭގައި މީހަކަށް ބިން ވިއްކާލާފައިވާ މީކަމަށް ނުވުން ހިމެނެ އެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހާލަތަށް ވަރަށް ބޮޑަށް އިސްކަން ދޭނެ ކަން އޭރު ސަރުކާރުން ހާމަކޮށްފައިވެ އެވެ.

ކެޓަގަރީ 3 ހާއްސަ ކުރެވިފައިވަނީ މާލޭގެ ބިމުގެ ދަތިކަމުގެ ސަބަބުން ދަތި ހާލުގައި ދިރިއުޅޭ ބިންވެރި އާއިލާތަކަށް ލިބިފައިވާ ބިން ދައުލަތަށް ލިބޭ ގޮތަށް، އޭގެ ބަދަލުގައި އެ ގޯއްޗެއްގެ މިލްކުވެރިކަމުގައިވާ ހުރިހާ ފަރާތްތަކަށް ފްލެޓް ލިބޭ އުސޫލުން ހިންގޭ ކެޓަގަރީއެކެވެ.

 މި ހުރިހާ ކެޓަގަރީތަކެއް ވެސް ސޯޝަލް ހައުސިން ސްކީމެއްގެ ގޮތުގައި ސަރުކާރުން ދިޔައީ ޕްރޮމޯޓް ކުރަމުންނެވެ. އަދި ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކުރިއަށްގެންގޮސްފައިވާ "ވެށިފަހި" ޕްރޮގްރާމަކީ ސޯޝަލް ހައުސިން ސްކީމެއް ނޫން ކަމަށާއި އެ ސްކީމުގައި ފްލެޓް ލިބުމުގެ ފުރުސަތު އޮތީ ބޮޑު މުސާރަ ލިބޭ ފަރާތްތަކަށް ކަމަށް މި ސަރުކާރުން ބުނަމުންދިޔަ އެވެ. އަދި ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކުުރުން ޕްރޮގްރާމުގެ ދަށުން، އެންމެބޮޑަށް އިސްކަން ދޭނީ އެންމެ ހާލުގައި ގެދޮރުވެރިކަން އެންމެ ބޮޑަށް ބޭނުންވާ ފަރާތްތަކަކަށް ކަމަށް ސަރުކާރުން ބުންޏެވެ.

ރައްޔިތުންވެސް ސްކީމު އިފްތިތާހުކޮށް ކުރިމަތިލުމަށް ހުޅުވާލުމުން ވަރަށް ބޮޑު ޝައުގުވެރިކަމެއް މި ސްކީމަށް ދިނެވެ. އެގޮތުން 15000 ވުރެ ގިނަ ފަރާތުން ފްލެޓަށް އެދިކުރިމަތި ވެސް ލިޔެ އެވެ.

ސަރުކާރުން އެންމެ ފުރަތަމަ ކަނޑައެޅި ތާރީހަށްވުރެ ފަހުން ފްލެޓް ލިބުނު 661 މީހުންގެ މައުލޫމާތު އިއުލާނުކުރުމުން އަނެއްކާ ވެސް އެތައް ބައެއްގެ ޝަކުވާތަކެއް އޮހިގަތެވެ.

ފުރަތަމަ ކަމަކަށް، ޕްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތާއި ފްލެޓް ލިބުނު ފަރާތްތަކުގެ ޕޮއިންޓް ފެންނާކަށް ނެތެވެ. ދިރިއުޅުމުގެ ހާލަތު ދެނެގަތް އިރު، އެކަން އިވެލުއޭޓްކޮށް، ލިބުނު ޕޮއިންޓްތަކެއް ވެސް އެނގޭކަށްނެތެވެ.

މީގެ ކުރިން ވެށިފަހި ޕްރޮގްރާމުގެ ދަށުން، ފްލެޓްތައް ދޫކުރި އިރު ޕޮއިންޓް ލިބުނު މިންވަރު ވަނީ ހިމަނާފަ އެވެ. އޭރުވެސް ފްލެޓްތައް ދިނުމުގައި ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތުހިމެނޭ މީހުންނަށް ގިނައިން ޕޮއިންޓް ދީފައިވާ ކަމަށް ބުނެ ޝަކުވާތައް ކުރެވުނެވެ. އެހެން ނަމަވެސް މިފަހަރު ލިބުނު ޕޮއިންޓްވެސް ހާމައެއް ނުކުރި އެވެ.

ފްލެޓް ލިބުނު ފަރާތްތަކުގެ ލިސްޓު އާންމުކުރުމާއި ގުޅިގެން، ޝަކުވާ ހުށަހަޅަން ދިޔަ ފަރާތްތަކުން ވަނީ ކަންބޮޑުވުންތަކެއް ފާޅުކޮށްފަ އެވެ. އަދި ލިސްޓުން މީހުންނަށް ލިބުނު ޕޮއިންޓް ނޭނގޭގޮތަށް، މިފަދަ ކަމެއް ކުރުމަކީ ސަރުކާރުން މިކަން ކުރުމުގައި އިހްލާސްތެރިކަމެއް ނެތް ކަން ހާމަވެގެންދާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުންޏެވެ.

ޝަކުވާ ހުށަހެޅި އިތުރު ފަރާތަކުން ބުނީ، ޝަކުވާ ހުށަހެޅުމުގެ ވެސް ބޭނުމެއް ހަގީގަތުގައި ނެތް ކަމަށާއި ސަރުކާރުން ފްލެޓް ދޭނީ އެމީހުންނަށް ފެންނަ ބަޔަކަށް ކަމަށެވެ. މިއީ އެއްވެސް ހާލެއްގައި ގެދޮރު އެންމެ ބޮޑަށް ބޭނުންވެފައިވާ މީހުން ނަން އިސްކަންދީފައިވާ ލިސްޓެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ޝަކުވާ ހުށަހެޅުމަށް ގޮސް ހުރި މީހަކު ބުންޏެވެ.

އިތުރު މީހަކު ބުނި ގޮތުގައި 13 އަހަރުވަންދެން އެއް ކޮޓަރި ގަނޑެއްގައި ފަސް ކުދިންނާއި 6  މާމަދަރިންނާ އެކު އުޅޭ އިރުވެސް، ރަގަޅު ބޯހިޔާވަހިކަމެއް ނެތެވެ.

 މިފަދަ ރައްޔިތުންނަށް އެންމެ ބޭނުންތެރިވެފައިވާ އަސާސީ ހައްގުތަކާ ގުޅިފައިވާ ކަންކަމުގައި އެއިރެއްގެ އޮންނަ ސަރުކާރަކުން، ދެފުށް ފެންނަ އުސޫލުތަކެއް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެވެ. މި މައްސަލައަކީ އެއްފަހަރުން ހައްލު ނުކުރެވިދާނެ މައްސަލައެކެވެ. އެހެން ނަމަވެސް، ސޯޝަލް ހައުސިން ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތަކަކީ އެކަމަށް އެންމެ ޝަރުތުހަމަވާ، ބައެއްކަން ރައްޔިތުންނަށް އެނގެންޖެހެ އެވެ.

 

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ގަބުޅި

2 މަސް ކުރިން

...އިންސާފެއްނެތް ބޯހަލާކް

0
0