22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ގާސިމަށް ކުރި ހުކުމުގެ ދަށުން ބޭސްފަރުވާއަށް އެކަށީގެންވާ ވަގުތު ދިނުން ލާޒިމްކުރޭ: ވަކީލުން

  • ކަރެކްޝަނުން ބުނީ އިތުރު މުއްދަތެއް ދެވެން ނެތް ކަމަށް
  • ވަކީލުން ވަނީ އެ ނިންމުން މުރާޖާ ކޮށްދިނުމަށް ހުށަހަޅާފަ
  • ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީ ތިން މަސް މަޑުކުރަން

| | | azmoon_ahmed | |ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް -- ފޮޓޯ:ރާއްޖެ އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ ދަށުން، ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން ހުންނެވުމަށް އެކަށީގެންވާ ވަގުތު ދޭން ލާޒިމްކުރާކަމަށް ބުނެ، ފަރުވާއަށް އިތުރު މުައްދަތެއް ނުދޭން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ނިންމި ނިންމުން މުރާޖާ ކޮށްދިނުމަށް އެދިއްޖެ އެވެ.

ތިން އަހަރާއި ދެ މަހާއި 12 ދުވަސް ވަންދެން ގާސިމް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޭސްފަރުވާއަށް ސިންގަޕޫރަށް ވަޑައިގެން އެގައުމުގަ އެވެ. ގާސިމްގެ ބޭސްފަރުވާއަށް ކަރެކްޝަނުން 10 ދުވަސް ދިން އިރު، އެ މުއްދަތު ހަމަވާނީ ހޮނިހިރު ދުވަހު އެވެ.

ގާސިމްގެ އާއިލާގެ ފަރާތުންނާއި ވަކީލުންގެ ފަރާތުން ވަނީ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދި ޑޮކްޓަރުންގެ ލިޔުންތަކާއެކު ކަރެކްޝަނަށް ހުށަހަޅާފަ އެވެ. ވައިގެ މަގުން ދަތުރު ކުރެއްވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ފަހުން ކަމަށް ޑޮކްޓަރުން އަންގަވާފައި ވާތީ ބޭސްފަރުވާގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް އިތުރުކޮށްދިނުމަށް ގާސިމްގެ އާއިލާއިން އެދުނެވެ.

އެހެން ނަމަވެސް، ގާސިމްގެ އާއިލާއަށް އާދިއްތަ ދުވަހު ކަރެކްޝަނުން ފޮނުވި ސިޓީގައި ބުނެފައި ވަނީ ގާސިމްގެ ބޭސްފަރުވާއަށް ދިން މުއްދަތު އިތުރު ކޮށްދިނުމަށް އެދިފައިވާ ގޮތަށް އެކަން ކޮށްދެވެން ނެތް ކަމަށެވެ.

ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ކަރެކްޝަނުގެ އެ ނިންމުން މުރާޖާ ކޮށްދިނުމަށް ހުށަހަޅާފައިވާނެ ކަމަށާއި، އެންމެ 10 ދުވަހުން ހޯދޭ ފަރުވާއަކަށް ވުރެ ގާސިމްގެ ބަލިހާލަތު ސީރިއަސް ކަމަށެވެ. އޭނާ ވިދާޅުވީ މިމަހުގެ 11،12،13، މި ތިން ދުވަހު ހައްދާފައިވާ ގާސިމްގެ ޓެސްޓްތަކުގެ ނަތީޖާ ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި އަމުރުކޮށްފައިވަނީ ޓެސްޓްތައް ހަދައި، ފަރުވާ ފުރިހަމަ ކުރުމަށް ރާއްޖެއިން ބޭރުގައި އެކަށީގެންވާ މުއްދަތެއް ދިނުމަށް ކަމަށާއި އެހެންކަމުން އެކަމަށް ބޭނުންވާ އެކަށީގެންވާ ވަގުތު ދިނުމަކީ ސަރުކާރުގެ މައްޗަށް ލާޒިމް ކަމެއް ކަމަށެވެ.

"އަމާ ބުނީތީ ފަރަށްދާ ހެންނެއް ނޫން މުއްދަތު ދޭން އޮތީ، ކަމަކަށް ކަމެއް ކުރާ ހެންނެއް ނޫން، ފަރުވާ ފުރިހަމަ ކުރެވޭނެ ގޮތަށް މުއްދަތު ދިނުމަށް އަމުރުކޮށްފަ އޮތީ. އެ އަމުރަށް ތަބާވުން ސަރުކާރަށް ލާޒިމްވޭ،" ޝަމީމް ވިދާޅުވި އެވެ.

ގާސިމަށް އިއްވި ހުކުމުގައި ބުނެފައިވަނީ ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓުތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ގާސިމަށް ލިބުމަށްއޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށާއި، އެފަރުވާތައް ގާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކުރާ ކަމަށެވެ.

ގާސިމް މިހާރު ގެންދަވަނީ ސިންގަޕޫރުގެ ޕެރަގަން މެޑިކަލް ސެންޓަރުގެ ހާޓް، ސްޓްރޯކް އެންޑް ކެންސަރ ސެންޓަރުގައި ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. ޑޮކްޓަރުން ގާސިމަށް ލަފާ ދެއްވާފައި ވަނީ ކޮރޮނަރީ އެންޖީއޯގްރާމް އަދި ކޮރޮނަރީ އެންޖިއޯޕްލާސްޓް ހެއްދެވުމަށެވެ. އެ މަރުހަލާތައް މިމަހުގެ 15 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ނޮވެނާ ހޮސްޕިޓަލްގައި މިހާރު ވަނީ ޝެޑިއުލް ކޮށްފަ އެވެ.

ޑޮކްޓަރުން ލަފާ ދެއްވާފައި ވަނީ ގާސިމްގެ ހާލަތު ސްޓޭބަލް ވަންދެން ހާލަތު ގާތުން މޮނީޓާކުރަން ޖެހޭތީ ކަމަށާއި އެކަމަށް ތިން މަސް ހޭދަވާނެ ކަމަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ