22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ކޯބީ ބްރަޔަންޓްގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަނީ!

  • އަންނަ ޑިސެމްބަރު މަހު ބްރަޔަންޓުގެ ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާ ކުރާނެ
  • މި ޖާޒީ ނަމްބަރުތަށް ރިޓަޔާ ކުރުމާއެކު ލޭކާސްގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި ދެ ނަމްބަރު ބޭނުން ނުކުރެވޭނެ
  • ގިނަ ބަޔަކު ދެކޭގޮތުގައި އޭނާއަކީ މައިކަލް ޖޯޑަންގެ ފަހުން އެންބީއޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާ

| | | @Saaif80 | |



ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ -- ފޮޓޯ:ގޫގުލް

އެމެރިކާގެ އެންމެ ކާމިޔާބު އެއް ބާސްކެޓް ކުޅުންތެރިޔާ ކަމަށްވާ ކޯބީ ބްރަޔަންޓް ކެރިއަރުގައި ބޭނުންކުރި ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާކުރަން ނިންމައިފިއެވެ.

ބްރަޔަންޓްގެ މުޅި ކެރިއަރު ވޭތުކުރި ލޮސް އެންޖެލްސް ލޭކާސްއިން ހާމަކުރި ގޮތުގައި އަންނަ ޑިސެމްބަރު މަހު ގޯލްޑެން ސްޓޭޓް ވޮރިއާސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވޭ ހަފްލާއެއްގައި ބްރަޔަންޓްގެ ޖާޒީތަށް ރިޓަޔާ ކުރެވޭނެއެވެ.  އޭނާގެ މި ޖާޒީ ނަމްބަރުތަށް ރިޓަޔާ ކުރުމާއެކު ލޭކާސްގެ އެހެން އެއްވެސް ކުޅުންތެރިޔަކަށް މި ދެ ނަމްބަރު ބޭނުން ނުކުރެވޭނެއެވެ.

ބްރަޔަންޓް 20 އަހަރުގެ ކެރިއަރުގައި އޭނާވަނީ ދެ ޖާޒީ ނަމްބަރެއް ބޭނުންކޮށްފައެވެ. އެގޮތުން އޭނާ 1996 ވަނަ އަހަރުން ފެށިގެން 2006 ވަނަ އަހަރާ ހަމަޔަށް ބޭނުންކުރީ ލޭކާސްގެ 8 ނަމްބަރު ޖާޒީއެވެ. އަދި އެ އަހަރުން ފެށިގެން މިދިޔަ އަހަރު އޭނާ ރިޓަޔާ ކުރުމާ ހަމަޔަށް އޭނާ ބޭނުންކުރީ ލޭކާސްގެ 24 ނަމްބަރު ޖާޒީއެވެ.

އޭނާގެ މި ދެ ޖާޒީ ނަމްބަރުވެސް ރިޓަޔާ ކުރުމާއެކު ބްރަޔަންޓް ވެގެންދާނީ މި ޝަރަފް އެރުވިގެންދާ ލޭކާސްގެ 10 ވަނަ ކުޅުންތެރިޔާއަށެވެ. އެގޮތުން މިހާރުވެސް ސްޓޭޕަލްސް ސެންޓަރުގެ ސީލިންގައި ލޭކާސްއަށް ކުޅުނު ބާސްކެޓު ލެޖެންޑުން ކަމަށްވާ ވިލްޓް ޗެމްބަލިންއާ، މެޖިކް ޖޯންސަންއާ، ކަރީމް އަބްދުލް ޖަބްބާރުގެ އިތުރުން ޝެގީލް އޮނީލްގެ ޖާޒީތަށް ވަނީ ރިޓަޔާ ކުރުމަށްފަހު ޑިސްޕްލޭ ކުރެވިފައެވެ.

ބްރަޔަންޓް ނެރުނު ބަޔާނެއްގައި އޭނާ ބުނެފައިވަނީ ކުޑައިރުވެސް އޭނާގެ އެންމެ ބޮޑު އެއް އުއްމީދަކީ އޭނާގެ ޖާޒީއެއް ސްޓޭޕަލްސް ސެންޓަރުގެ ފާރުގައި އެޅުވިގެން ދިޔުން  ކަމަށާ އެހެން ނަމަވެސް ދުވަހަކުވެސް ދެ ޖާޒީ ރިޓަޔާ ކުރާނެ ކަމަށް ހީނުކުރާ ކަމަށެވެ. އަދި ލޭކާސްގެ މެނޭޖްމަންޓުން އޭނާއަށް މިދިން ޝަރަފަކީ ދުވަހަކުވެސް ހަދާނުން ފިލައިގެން ދާނެ ކަމެއް ނޫން ކަމަށްބުނެ އޭނާވަނީ ލޭކާސްއަށާ އެ ޓީމުގެ ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

ލޭކާސްގެ ބާސްކެޓްބޯލް އޮޕަރޭޝަންސްގެ ރައީސް މެޖިކް ޖޯންސަން ބުނެފައިވަނީ ބްރަޔަންޓަށް އަރުވަން ނިންމި ޝަރަފަކީ އޭނާއަށް ހައްގު އެއްޗެއް ކަމަށާ އޭނާއަކީ މިހާތަނަށް އެންބީއޭ އަށާ ލޭކާސްއަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށެވެ.

ބާސްކެޓްބޯލް ހޯލް އޮފް ފޭމްއަށް ބްރަޔަންޓް ހޮވޭނީ 2021 ވަނަ އަހަރު ކަމުގައި ވިޔަސް ލޭކާސްއިން ނިންމީ އޭގެ ކުރިން އޭނާގެ ޖާޒީތަށް ރިޓަޔާ ކުރަން ކަމަށް ލޭކާސްގެ ރައީސް ވިދާޅުވިއެވެ. އަދި މިކަމަކީ ބްރަޔަންޓް ރިޓަޔާކުރި ދުވަހުން ފެށިގެން ކުރަން ނިންމާފައިވާ ކަމެއް ކަމަށާ އަދި މިކަމަށް އަމަލީ ސިފަ ގެނެވުމަކީ ލޭކާސްގެ ހުރިހާ ސަޕޯޓަރުން އެ މީހުން ހިރޯގެ ކާމިޔާބާ ލޭކާސްއަށް އޭނާ ކޮށްދިން މަސައްކަތުގެ އަގު ވަޒަންކުރާކަމުގެ ފުރިހަމަ ހެއްކެއް ކަމަށްވެސް ލޭކާސްގެ ރައީސް ޖީނީ ބުސް ވިދާޅުވިއެވެ.

39 އަހަރުގެ ބްރަޔަންޓް 2016 ވަނަ އަހަރު ރިޓަޔާކޮށްފައިވާ އިރު އޭނާވަނީ ލޭކާސްއާއެކު ފަސް ފަހަރު އެންބީއޭ ޗެމްޕިއަންޝިޕް ހޯދާފައެވެ. ހަމައެހެންމެ 2008 ވަނަ އަހަރު އެންބީއޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުމުގެ އިތުރުން އޭނާ ވަނީ ދެ ފަހަރު އެންބީއޭ ފައިނަލްސްގެ އެމްވީޕީކަންވެސް ހޯދާފައެވެ. އޭނާގެ ކާމިޔާބު ކެރިއަރުގައި ޖުމްލަ 18 ފަހަރެއްގެ މަތިން އޭނާ އެންބީއޭގެ އޯލް ސްޓާ ޓީމުގައި ހިމެނިފައިވާއިރު އޭނާއަކީ މިހާތަނަށް އެންބީއޭގައި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ކާމިޔާބުކުރި ކުޅުންތެރިޔާއެވެ. މީގެ އިތުރުން އޭނާވަނީ އެމެރިކާގެ ގައުމީ ޓީމާއެކު ދެ ފަހަރެއްގެ މަތިން އޮލިމްޕިކް ރަން މެޑަލްވެސް ހޯދާފައެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި އޭނާއަކީ މައިކަލް ޖޯޑަންގެ ފަހުން އެންބީއޭގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ