21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

ބާސާއަތުން ބަލިވި މެޗުގެ ހަދާންތަށް ނައްތާލައިފިން: ސިލްވާ

  • މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޕީއެސްޖީ ކެޓީ 6-5 ގެ އެގްރިގޭޓަކުން ބާސާއަތުން ބަލިވެގެން
  • ޕީއެސްޖީއިން ވަނީ ބާސާގެ ތަރި ނޭމާ އެ ޓީމަށް ގެންގޮސްފަ
  • މި ސީޒަަނަށް ޕީއެސްޖީއިން ވަނީ އެ ޓިމުގެ ސްކޮޑު ވަރަށް ވަރުގަދަ ކޮށްފަ

| | | @Saaif80 | |



މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާއާ ޕީއެސްޖީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ:ގެޓީ އިމޭޖާސް

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސާއަތުން ހިތިގޮތަކަށް ބަލިވެ މުބާރާތުން ކެޓި މެޗުގެ ހަދާންތައް ނައްތާލެވިއްޖެ ކަމަށް ޕީއެސްޖީގެ ކެޕްޓަން ތިއާގޯ ސިލްވާ ބުނެފިއެވެ.

މިދިޔަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16އިގެ ފުރަތަމަ ލެގުގައި ޕީއެސްޖީއިން 4-0 އަކުން ބާސާ ބަލިކުރި ނަމަވެސް ބާސާއިން ވަނީ ދެވަނަ ލެގުގައި ޕީއެސްޖީ ލަދުވެތިގޮތަކަށް ބަލިކޮށްފައެވެ. އެގޮތުން ބާސާއިން ވަނީ ދެވަނަ ލެގު 6-1 ކާމިޔާބުކޮށް 6-5 ގެ އެގްރިގޭޓް ނަތީޖާއަކުން ޕީއެސްޖީ ހިތިގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓުވާލާފައެވެ.

އެހެން ނަމަވެސް މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗަށް ޕީއެސްޖީއިން ނުކުންނައިރު އެ މެޗުގެ މަތިން ހަދާން ނެތިފައިވާ ކަމަށް ސިލްވާ ބުންޏެވެ. އޭނާ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ މިއީ މުޅިން އާ ސީޒަނެއް ކަމަށާ އަދިން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ބާސާ އަދި ޕީއެސްޖީގެ ޓީމުގައިވެސް މިދިޔަ ސީޒަނާ އަޅާކިޔާއިރު ބޮޑެތި ތަފާތުތަކެއް އެބަހުރި ކަމަށެވެ.

މި ސީޒަނުގައި މި ދެ ޓީމުގެ ސްކޮޑުން އެންމެ ފާހަގަކޮށްލެވޭ ބަދަލަކަށް ފެނިގެން ދާނީ މިދިޔަ ސީޒަނުގައި ޕީއެސްޖީ، ބާސާއިން ކަޓުވާލި މެޗުގައި އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދިން ބްރެޒިލްގެ ތަރި ނޭމާ މި ސީޒަނުގައި ޕީއެސްޖީއާ ގުޅިފައިވުމެވެ.

އޭނާވަނީ މިދިޔަ ޓްރާންސްފާ ބާޒަރުގައި ދުނިޔޭގެ ރިކޯޑު ފީއެއް ކަމަށްވާ 222 މިލިއަން ޔޫރޯއަށް ޕީއެސްޖީއަށް ބަދަލުވެފައެވެ. އެހެންކަމުން މިއީ ބާސާއަށް ލިބުނު ފޫނުބެއްދޭވަރުގެ ގެއްލުމެއް ކަމުގައި ގިނަ ބަޔަކު ދެކޭއިރު އެ ޓީމުން ވަނީ ފްރާންސްގެ ހުނަރުވެރި ޒުވާން ފޯވާޑް އުސްމާން ޑެމްބެލޭ 150 މިލިއަން ޔޫރޯއަށް ގެނެސްފައެވެ.

ޕީއެސްޖީގެ ކެޕްޓަން ސިލްވާ ބުނެފައިވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފެށުން ރަނގަޅު ކުރަން ބޭނުން ކަމަށާ އެހެންކަމުން ފުރަތަމަ މެޗުގައި ސްކޮޓްލޭންޑުގެ ސެލްޓިކްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމު ކަމަށެވެ. ހަމައެހެންމެ ސެލްޓިކްއަކީ ޗެމްޕިއަންސް ލީގުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިފައިވާ ޓީމެއް ކަމަށާ ނަތީޖާ ނެރެން ގަދައަޅައި މަސައްކަތް ކުރަންޖެހޭ ކަމަށްވެސް އޭނާ ބުންޏެވެ.

ޕީއެސްޖީއިން ވަނީ ނޭމާގެ އިތުރުން ބާސާގައި އަށް އަހަރު ވޭތުކުރި ތަޖުރިބާކާރު ބްރެޒިލްގެ ޑިފެންޑާ ޑެނީ އަލްވޭސް ވެސް ގެނެސްފައެވެ. ސިލްވާ ވަނީ ނޭމާއާ އަލްވޭސް މީގެ ކުރިން ބާސާއާއެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވުމަކީ ޕީއެސްޖީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށާ އެ ކުޅުންތެރިންގެ ތަޖުރިބާއަކީ މުބާރާތުގައި އިތުރަށް ކުރިޔަށް ދިއުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށްވެސް ބުނެފައެވެ.

މިއަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ޕީއެސްޖީ ހިމެނިފައިވަނީ ބަޔާން މިއުނިކާ ބެލްޖިއަމްގެ އެންޑަލެކްޓް އަދި ސެލްޓިކްއާއެކު ގްރޫޕް ބީގައެވެ.   

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ