22 ނޮވެންބަރު 2017 | ބުދަ | 10 ނޮރަ

ޓެލެތޯންގެ ކާމިޔާބީ އާއި ރާއްޖެ ޓީވީގެ މުވައްޒަފުންގެ ހިތްވަރުގެ ވާހަކަ!

  • ކެނޑިނޭޅިދަނީ އެހީވަމުން
  • ކުޑަކުދިންވެސް ދަނީ އެމީހުންގެ ޕިގީ ބޭންކްތައް ފޮއްޓަށް އަޅަމުން
  • ޓެލެތޯން ފެށިތާ 10 ގަޑިއިރު ތެރޭގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ

| | | dhonbandaara | |ޓެލެތޯން ފެށުމުގެ ގޮތުން ރާއްޖެ ޓީވީގެ މުވައްޒަފުން ފޮއްޓަށް ފައިސާ އަޅަނީ -- ފޮޓޯ:މުހައްމަދު ޝަރުހާން

އެއްބަޔަކު އުޅުނީ ރިޕޯޓްތައް ނުނިންމިދާނެތީއެވެ. 24 ގަޑިރަށް ފަށާ ބޮޑު ޓެލެތޯނެއްގެ ތެރެއިން ވައި އަނގަ ނުތަޅާ ރައްޔިތުންނަށް މަންޒަރު ކިޔައިދެވޭތޯއެވެ. އިންފޯރ ގްރެފިކްސްތަކައިގެން އެޑިޓަރުންވެސް ހޭބޯ ނާރައެވެ. ގެސްޓުންނަށް ގުޅުމުގައި ފޯނުން އަތްދޫކޮށްލެވޭވަރެއް ނުވެއެވެ. ރަށްރަށުގެ ކައުންސިލްތަކާއި ކްލަބު ޖަމްއިޔާތަކުގެ ފޯނު ނަގާފައި ރިސެޕްޝަނަށް އެހެން ކަމަކަށް ފުރުސަތެއް ނުލިބުނެވެ. ސްޕޮންސަރެއްގެ ނަމެއް ވެއްޓިދާނެތީ މާކެޓިންގ ޑިޕާޓްމަންޓުންވެސް ދެލޯ މުދުނަށް އަރާފައެވެ. ބޭރުކުރަން ޖެހޭ ފޮށިތަކުގައި އިސްޓިކާ ތަތްކޮށް ގަޑިއަށް ނުގެންދެވިދާނެތީވެސް އުޅުނީ އެއްބަޔަކެވެ. ރިޕޯޓްތަކަށް އެހެން އަޑުތައް އަރާފާނެތީ ކިތައްމެ ހޭލަމޭލައަށް އުޅުނަސް އެންމެންގެ ތެރޭގައި ހުންނަ އަޑު އަޅާ ބޫތު ކައިރީގައި ބާރަށް މީހަކަށް ގޮވާލެވޭކަށްވެސް ނެތެވެ. ކެމެރާތަކުގެ ފޯކަސް ރަނގަޅު ކުރުމާއި ޓޯކްބެކުން ގުޅުން ރަނގަޅުކޮށް މައިކްތަކުގެ އަޑު ހެޔޮވަރު ކުރުމުގައިވެސް ވަކި އިތުރު ބަޔަކު ނެތެވެ. ރަނިން އޯޑަރަށް އައިޓަމްތައް އެޅުމާއި މަޅިއެއް ނާރާ އޮމާންކޮށް ގެންދެވޭތޯ ޕްރޮޑިއުސަރުންނާ އޮންއެއަރ ކުދިންވެސް ހަމަ ހުއްޓިއެއް ނުތިބެއެވެ.

މިއީ ބޮޑު ސިންގާ ޓީމަކުން ކުރާވަރުގެ ބޮޑު ޓެލެތޯނަކަށް ވިޔަސް، މިއީ މި ޓެލެތޯނަށް ތައްޔާރުވެގެން އައިއިރު ރާއްޖެ ޓީވީގެ އެތެރޭގެ ހާލަތެވެ. ނިންޖެއް ކަމެއް ނެތި ވަރުބަލިކަމުގައި ނުތިބެ އެންމެން އެންމެނަށް މަސައްކަތުގައި އުޅެނިކޮށް ކުއްލިއަކަށް އެދިޔައީ މުޅި އިމާރާތުން ކަރަންޓެވެ. އޭރު އެއޮތީ ޓެލެތޯން ފަށަން އެންމެ 15 މިނެޓަށް ވެފައެވެ. އަމިއްލަ ބާރުން ހުރިހާ ކަމެއްވެސް ބީވެގެން ދިޔައީއެވެ. އެންމެން ވެސް އެކަކު އަނެކަކަށް ބަލާލެވުނެވެ. ދެން ހަދާނީ ކިހިނެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ. ނަސީބު މާ ގޯހެއް ނޫނެވެ. ޓެލެތޯން ފަށަން ހަމަޖެހިފައި އޮތް ގަޑިއަށް ވުރެ ލަސްވީ އެންމެ 12 ވަރަކަށް މިނިޓެވެ. ކަރަންޓު ލިބުނެވެ. ގެއްލުނު ވަގުތު ކޮޅަށް އައި ހުރަހެއް ނެތެވެ. އިސާހިތަކު 2:42 ގައި ޓެލެތޯން އެއޮތީ ފެށިފައެވެ. ބެކަޕެއް ނެތުމުން ކޮމްޕިއުޓަރުތަކުގައި ސޭވް ވެފައި ނެތް އެއްޗެހި އިތުރު ހިތްވަރަކާއެކު ނިންމައިގެން ހަމަ ޓީވީ ސްކްރީނުން ފެންނަން ޖެހޭ ހުރިހާ ބައިތަކާވެސް އެކުގައެވެ.

ޓެލެތޯން ފެށުމާއެކު ހިތަށް އެރިއެވެ. މިވަރުގެ ބޮޑު ކަމެއްގައި ޢާއްމުންގެ ތަރުހީބު ލިބޭ މިންވަރު ބަލާލަން ބޭނުންވިއެވެ. ރާއްޖެ ޓީވީ ދޮރުމަތީގައި މަޑުކޮށްލީ އެ ނިޔަތުގައެވެ. ބޭރުގައި ބަހައްޓާފައިހުރި ފޮށި ފެންނަ ހިސާބުގައެވެ.

މަންޒަރު ވަރަށް ރީއްޗެވެ. ހީކުރި ވަރަށްވުރެ މާބޮޑަށްވެސް ކާމިޔާބެވެ. ފެންނަމުންދިޔައީ އުއްމީދީ ކުލަވަރެކެވެ. ހީވީ ފޮށި ނުބަހައްޓައިގެން ތިބިހެންނެވެ. ބައިބަޔަށް ދުރުދުރުގައި ތިބި މީހުންގަނޑުވެސް އެފެށީ ފޮއްޓަށް ފައިސާ އަޅާށެވެ. ފަންކްޝަން ރަނގަޅަށް ނުވެސް ފެށެނީހެވެ. އުމުރުން ދުވަސްވީ މީހުންނެވެ. ޒުވާނުންނެވެ. އެކުގައި ގެނައި ކުޑަކުދިން ލައްވައެވެ. އަންހެން ފިރިހެނުންނެވެ. ރާއްޖެ ޓީވީ ހުރަސްކުރާ ސައިކަލެއް ކާރެއް އެފޮއްޓަށް ކޮންމެވެސް އެއްޗެއް ވައްޓާ ނުލައެއް އެހެން ހުރަހެއް ނުކުރެއެވެ. ކަމާކަންފަށައި އައިސް ފައިސާއަޅަންފެށީ ތިޔަހެނެއް ނޫނެވެ. ކުޑަކުދިން އެކުދިންގި ޕިގީ ބޭންކުތައް ހިފައިން އައިސް އެވަކިލާރިކޮޅުވެސް އަޅާލަނީ ފޮށިތެރެއަށެވެ. ބައެއް މީހުން ފައިސާގެ ބޮޑެތި ބޮނޑިތައް ގެނެސް އެއޮއްސާލީވެސް ހަމަ ފޮށި ތެރެއަށެވެ.

ބައެއް މީހުން ހަމައެކަނި ފޮއްޓަށް އެލީ އެއްޗެއް ލައިފާ އެނބުރި ދިޔައީކީ ނޫނެވެ. ރާއްޖެޓީވީ ތެރެއަށްވަދެ ޓީޝާޓެއް ދެ ޓީޝާޓް ނުގަންނަ މީހަކު މަދެވެ. ދަރިންނަށް ކުދި ޓީޝާޓް ގެންދަން ފެށީކީ މަދު މީހެއް ނޫނެވެ. އިސާހިތަކު ގަޑިއެއްހާއިރު ތެރޭގައި ދެވަނަ ފަހަރަށް ޓީޝާޓް ޕްރިންޓް ނުކޮށް ފަރަކު ނުޖެއްސުނެވެ.

އެސްއެމްއެސްއާއި އެކައުންޓަށް ލިބެންފެށި ފައިސާ މަދު ނޫންކަން އެނގުނީ ޓީވީ ސްކްރީނުން ކުއްލިއަކަށް ލިބުނު ފައިސާގެ އަދަދު އަރުވާލެވުނުއިރު އޮތް ބޮޑު އަދަދުންނެވެ. ބަސްބުނިހާ ހިނދުން އެއަދަދު އިންތިހާއަށް މަތިވަމުންދާތީއެވެ. ފޮށިފޮއްޓާ ވިއްކި ޓީޝާޓް ފައިސާ ނުހިމަނާ އެއަދަދު އިތުރުވާލެއް އަވަސްކަމުންނެވެ.

ކޮންމެއަކަސް މުޅި އެންމެހާ ދިވެހިންގެ ނަމުގައި ރާއްޖެ ޓީވީން އިސްނަގައިގެން ރޮހިންޖާ މުސްލިމުންނަށް އެހީވާން ފެށި ޓެލެތޯން ކާމިޔާބުވާނެ ކަމުގެ ކުލަވަރު ފެންނާން ފެށީ އެކަންޏެއް ނޫނެވެ. ބަރާބަރު 10 ގަޑިއިރު ވީއިރު ލައްކައިން ގުނަންފެށި އަދަދު ގިރާކޮށް އެއްމިލިއަނުން އަދަދު ކިޔާލުމުގެ ނަސީބު ލިބުނީއެވެ. ހަމަ ހަޤީގަތުގައިވެސް ޓެލެތޯން ކާމިޔާބުވީއެވެ. ރާއްޖެ ޓީވީއާއި ގުޅިގެން ރަށްރަށުގައި ބަހައްޓައިގެން ފައިސާއެޅި ފަންޑުފޮށިތަކަށް ލިބުނު ޢަދަދުތައްވެސް ނުހިމަނައެވެ. އިތުރަށް ބަހައްޓަން ރާވާފައިވާ ފޮށިތަކުގެ ވާހަކަވެސް ދޫކޮށްލާފައެވެ.

މިކާމިޔާބާއެކު އަޅުގަނޑުމެން މިތިބީ އިތުރު ހިތްވަރަކާއެކުގައެވެ. މިއަށްވުރެވެސް ބޮޑު ކާމިޔާބީއަކަށް ދިއުމަށް ގިއަރު މައްޗަށްް ޖައްސާލައިގެން އަތުކުރި އޮޅާލައިގެންނެވެ. އަދިވެސް ވަގުތު އެބައޮތެވެ. އަޅުގަނޑުމެންފަދަ އަނިޔާލިބެމުންދާ މުސްލިމުންނަށް އެހީގެ އަތެއް ފޯރުކޮށްލުމުގައި ބައިވެރިވުމުގެ ފުރުސަތެއް އަދިއެއް ނުގެއްލެއެވެ. ފަންޑު ފޮށިތައް ވަނީ އަދިވެސް ހުޅުވާލެވިފައެވެ. އެސްއެމްއެސް ކުރުމަކީ އެހީވެވިދާނެ އެހެން ގޮތެކެވެ. ކިތައްމެ ދުރުގައި ހުއްޓަސް ފައިސާ ފޮނުވާލުމަށް ބޭންކް އެކައުންޓް އަދިވެސް އެއޮތީ ހުޅުވާލެވިފައެވެ. ޓީޝާޓް ގަތުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލެވިފައެވެ. ރަށްރަށުން ނަގާ ފޯރި މެކުހަށް ޖެހުމުގައި އަދިވެސް ވަގުތު އެބައޮތެވެ. އަވަސް ކުރައްވާށެވެ. އެހީތެރިވެދެއްވާށެވެ. މި ޤައުމީ މަސައްކަތުގައި އަވަހަށް ބައިވެރިވެލައްވާށެވެ. ރޮހިންޖާ މުސްލިމުން އެދެނީ ކުޑަވެސް އެހީތެރިކަމަކަށެވެ. ދީލަތި އެހީއަކަށެވެ. އެހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ކުޑަވެސް ތަސައްލީއެއް ލިބުމަށެވެ. ދިރިއުޅުމެއް އާރާސްތު ކުރުމަށެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ