21 ސެޕްޓެންބަރ 2017 | ބުރާސްފަތި | އުތުރަ 1

ނޭމާ ޕީއެސްޖީއަށް ބަދަލުވުމަކީ ރަނގަޅު ނިންމުމެއް: ޕެލޭ

  • މިވަގުތު ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ހުރީ ނޭމާ: ޕެލޭ
  • ޕީއެސްޖީގައި ނޭމާގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ: ޕެލޭ

| | | @Saaif80 | |



ނޭމާ ޕެލޭއާއެކު -- ފޮޓޯ:ގޫގުލް

ބްރެޒިލްގެ ހުނަރުވެރި ފޯވަޑް ނޭމާ ޑަސިލްވާ ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވުމަކީ އޭނާ ނިންމި ރަނގަޅު ނިންމުމެއް ކަމަށް ބްރެޒިލްގެ ފުޓުބޯޅައިގެ ރަސްގެފާނު ޕެލޭ ބުނެފިއެވެ.

ބްރެޒިލްއާއެކު ތިންފަހަރު ވާރލްޑްކަޕް ކާމިޔާބު ކޮށްފައިވާ ޕެލޭ މިހެން ބުނެފައިވަނީ ސްޕެއިންގެ މަޝްހޫރު ނޫހެއް ކަމަށްވާ މާސާއަށް ދިން އިންޓަވިއުއެއްގައެވެ.

މި އިންޓަވިއުގައި ޕެލޭ ބުނެފައިވަނީ މިވަގުތު ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔެއްގެ ގޮތުގައި ހުރީ ނޭމާ ކަމަށާ ޕީއެސްޖީއަށް ބަދަލުވުމަކީ އޭނާ ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ. އެގޮތުން ބާސެލޯނާގައި އޭނާ މަޑުކުރިނަމަ އޭނާ އަބަދުވެސް ހުންނަން ޖެހޭނީ މެސީގެ ފަހަތުގައި ކަމަށް ޕެލޭ ބުންޏެވެ. ނޭމާއަށް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދޭނެކަމަށްވެސް ޕެލޭ ބުނެފައިވެއެވެ.

މީގެ އިތުރުން ޕެލޭ ބުނެފައިވަނީ ޕީއެސްޖީގައި ނޭމާގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ދެއްކޭނެ ކަމަށާ ނޭމާގެ ހަގީގީ ކުޅުން މި ސީޒަނުގައި ފެނިގެންދާނެ ކަމަށެވެ. އެހެން ނަމަވެސް ޕެލޭވަނީ ޓީމެއްގެ އެންމެ މުހިންމު ކުޅުންތެރިޔެއްގެ ގޮތުގައި ހުރުމަކީ ވަރަށް ޒިންމާދާރުކަން ބޮޑު ކަމެއް ކަމަށާއި އެ ޒިންމާ ރަނގަޅަށް އަދާ ނުކުރެވިއްޖެނަމަ އެ ކުޅުންތެރިޔެއްގެ ކެރިއާ އަޑިއަޅާލުމަކީ ވެސް ވެދާނެ ކަމެއް ކަމަށް ބުނެފައެވެ.

ޕެލޭއަކީ ބްރެޒިލްގެ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ. އޭނާވަނީ ގައުމީ ޓީމަށް ކުޅުނު 92 މެޗުގައި 77 ލަނޑު ޖަހާފައެވެ. އެހެނަސް ޕެލޭ ދެކޭގޮތުގައި އޭނާގެ ރިކޯޑު މުގުރާލާނީ ނޭމާއެވެ. 25 އަހަރުގެ ނޭމާވަނީ މިހާތަނަށް ބްރެޒިލްއަށް ކުޅުނު 78 މެޗުގައި 52 ލަނޑު ޖަހާފައެވެ.

މި ސީޒަނުގެ ޓްރާންސްފާ މާކެޓުގައި ނޭމާ ބާސާއިން ޕީއެސްޖީއަށް ބަދަލުވެފައިވަނީ 222 މިލިއަން ޔޫރޯއަށެވެ. އޭނާވަނީ މިހާތަނަށް ޕީއެސްޖީއަށް ކުޅުނު ތިން މެޗުގައި ތިން ލަނޑު ކާމިޔާބު ކޮށްފައެވެ. ބްރެޒިލްގެ ސަންޓޯސްއިން ކެރިއަރު ފެށި ނޭމާވަނީ ބާސެލޯނާގައި ވޭތުކުރި ހަތަރު އަހަރުގައި އެ ޓީމަށް ކުޅުނު 123 މެޗުގައި 68 ލަނޑު ޖަހާފައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ