15 ނޮވެންބަރު 2018 | ބުރާސްފަތި | 02 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

ކުޅިވަރު

ކަޢުބަތުﷲ ގެފުޅު

  • ގެފުޅު ފުރަތަމަ ފަހަރު ބިނާކުރެއްވީ، މަލާއިކަތް ބޭކަލުންނެވެ.
  • ގެފުޅު ދެވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނެވެ
އަބްދުލް ހަންނާން މުހައްމަދް | @A_HaNnAAn_M

| 26 އޯގަސްޓު 2017 | ހޮނިހިރު 07:27 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  8. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!


މައްކާ ގެފުޅު -- ގޫގުލް

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެ އެވެ.

(إِنَّ أَوَّلَ بَيْتٍ وُضِعَ لِلنَّاسِ لَلَّذِي بِبَكَّةَ مُبَارَكًا وَهُدًى لِّلْعَالَمِينَ)
އާލުޢިމްރާން: 96

މާނައީ، "ހަމަކަށަވަރުން، މީސްތަކުންނަށްޓަކައި ފުރަތަމަ ލެއްވި (އަޅުކަމުގެ) ގެޔަކީ، މައްކާގައިވާ ގެފުޅުކަން ކަށަވަރެވެ. ބަރަކާތް ލައްވާފައިވާ ތަނެއްގެ ގޮތުގަ އެވެ. އަދި، ޢާލަމްތަކަށް ތެދުމަގެއް ކަމުގަ އެވެ."

ގެފުޅަކީ، ނަމާދުގައި މުސްލިމުންގެ ޤިބުލަ އެވެ. މުސްލިމުން ޙައްޖަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކުރެ އެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި މުސްލިމަކު ހުއްޓަސް އޭނާގެ ހިތްވާނީ، ގެފުޅާ ގުޅި ލާމެހިފަ އެވެ. އޭނާގެ ހިތުގައި ގެފުޅަށް ވަރަށް ޚާއްޞަ މަޤާމަކާއި ޤަދަރެއް ދެވިފައިވާނެ އެވެ. ކުޅަދާނަކަން ލިބިއްޖެ ނަމަ، މައްކާއަށް ގޮސް ގެފުޅުގެ ވަށައިގެން ޠަވާފުކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަކީ، ހަމަ ކޮންމެ މުސްލިމަކުމެ ނުހަނު ޝައުޤުވެރިކަމާ އެކު ކުރާނެ އުންމީދެކެވެ.

ގެފުޅަށް، "ކަޢުބާގެ" އިތުރުން "އަލްބައިތުލް ޙަރާމް" ގެ ނަން ދެވިފައި ވެއެވެ. މި ނަން ދެވިފައި ވަނީ، ގެފުޅު ކައިރީގައި ހަނގުރާމަކުރުން މާތް ﷲ ޙަރާމްކުރައްވާފައިވާތީ އެވެ. އިސްލާމީ ނަޒަރަކުން ބަލާއިރު، ބިންމަތީގައިވާ އެންމެ މާތް، އެންމެ މުޤައްދަސް ތަނަކީ، ގެފުޅެވެ.

އާދަމުގެފާނު އެޅުއްވި ބިންގަލުގެ މަތީގައި، ކަޢުބަތު ﷲ ގެފުޅު ބިނާކުރެއްވުމަށް، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވިއެވެ. އެހިނދު، އެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް އިބްރާހީމުގެފާނު ފެށްޓެވިއެވެ. އެކަމުގައި އެކަލޭގެފާނާ އެހީތެރިވެވަޑައިގެންނެވުމަށް، އެކަލޭގެފާނުގެ ދަރިކަލުންނަށް ވިދާޅުވިއެވެ. ދެން ނުހަނު ކިޔަމަންތެރިކަމާއެކު، އިސްމާޢީލުގެފާނު، އެކަލޭގެފާނުގެ ބައްޕާފުޅަށް އެހީތެރިވެވަޑައިގެންނެވިއެވެ. އެގޮތުގެ މަތިން، އެ ދެ ބަފައިކަލުން، ގެފުޅު ބިނާކުރައްވައި، މާތް ﷲ ގެ ޙަޟުރަތަށް ހެޔޮ ދުޢާ ކުރެއްވިއެވެ. މިވާހަކަ، ކީރިތި ޤުރުއާނުގައި މާތް ﷲ ބަޔާންކުރައްވާފައި ވެއެވެ.

(وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ)
އަލްބަޤަރާ: 127

މާނައީ، "އަދި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވި ހިނދު، ހަނދުމަކުރައްވާށެވެ. އެހިނދު ދުޢާކުރެއްވިއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާންދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ގެފުޅު ބިނާކުރައްވައި ނިންމެވުމުން، މާތް ﷲ، އިބްރާހީމުގެފާނަށް އެންގެވީ، ދުނިޔޭގެ ކަންކޮޅުތަކުން ގެފުޅަށް ގޮސް ޙައްޖުވުމަށް މީސްތަކުންނަށް ގޮވާލެއްވުމަށެވެ. ދެން އެކަލޭގެފާނު އެ އަމުރުފުޅު ތަންފީޒުކުރެއްވި އެވެ. އެ އަށް ފަހު މިއަދާ ހަމައަށް ވެސް ކޮންމެ އަހަރަކު ދުނިޔޭގެ ކަންކޮޅުތަކުން އެތައް ބަޔަކު ޙައްޖަށްދެ އެވެ.

ގެފުޅަކީ، ކޮޑިއެއްގެ ބައްޓަމަށް ހެދިފައިވާ ބިނާއެކެވެ. (ކޮޑިއަކީ ކިއުބެވެ.) އެއީ މުޅިން ހަތަރެސްކަން ހަމަ ބިނާއެއް ނޫނެވެ. ގެފުޅުގެ ދޮރުކޮޅު ހުންނަ ބިތާއި އޭގެ އަނެއްފަރާތުގެ ބިތުގެ ދިގުމިނަކީ ގާތްގަނޑަކަށް 12 މީޓަރެވެ. މީޒާބުކޮޅު ހުރި ބިތާއި އޭގެ އަނެއް ކޮޅުގައިވާ ބިތުގެ ދިގުމިނަކީ ގާތްގަނޑަކަށް 10 މީޓަރެވެ. ގެފުޅުގެ އުސްމިނަކީ، 15 މީޓަރެވެ.

ސަލާމްލެއްވި އިސްލާޢީލުގެފާނުގެ ޒަމާނުގައި ގެފުޅުގެ އުސްމިނަކީ، 9 މުށް ކަމަށް ވާރިދުވެފައި ވެއެވެ. އޭރު ގެފުޅަކު ފުރާޅުކޮޅެއް ނެތެވެ. އޭރު ގެފުޅުގެ ދޮރުކޮޅު ވެސް ވަނީ ބިމާ ހަމައިގަ އެވެ. ގެފުޅުގައި އެންމެ ފުރަތަމަ ފުރާޅުކޮޅެއް ލެއްވީ ތުއްބަޢު ރަސްގެފާނެވެ. އެއަށްފަހު، ޢަބްދުލްމުއްޠަލިބުގެފާނު، ގެފުޅުގެ ދޮރުކޮޅު ދަނގަޑުން ހެއްދެވި އެވެ. އަދި އެ ދޮރުކޮޅު ރަނުން ޒީނަތްތެރި ކުރެއްވި އެވެ. އެއީ ގެފުޅުގެ ދޮރުކޮޅު އެންމެ ފުރަތަމަ ރަނުން ޒީނަތްތެރިކުރެވުނު ފަހަރެވެ.

މިހާރު، ގެފުޅުގައި ވަނީ، އެންމެ ދޮރުކޮޅެކެވެ. ކޮންމެ އަހަރަކު ތިން ފަހަރު އެދޮރުކޮޅު ހުޅުވެ އެވެ. އެއީ ޒަމްޒަމްފެނުން ގެފުޅުތެރެ ދޮވެ ސާފުކުރުމަށްޓަކަ އެވެ.

މިހާރު، ގެފުޅު ތެރޭގައި ތިން ތަނބުކޮޅާއި ސިޑިކޮޅެއް ވެ އެވެ. އެ ތަނބުކޮޅުތައް ހަދާފައި ވަނީ (މާބްލް) ހަރު ހިލައިންނެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅު ހިފެހެއެއްޓުމެވެ. ސިޑިކޮޅުން އެރެނީ ފުރާޅުކޮޅުގެ މައްޗަށެވެ. ކޮންމެ އަހަރަކު އެއްފަހަރު ފުރާޅުކޮޅަށް އެރުން އޮވެ އެވެ. އެއީ ގެފުޅުގެ އުރަކޮޅު ބަދަލުކުރުމަށްޓަކަ އެވެ.

ގެފުޅުގެ ވަށައިގެން ބިނާކުރެވިފައިވާ، ކުދި ބިނާތަކެއް، މީލާދީން 19 ވަނަ ޤަރުނުގައި ވެސް ފެންނާން ހުއްޓެވެ. އެކަމަކު، މިހާރަކު އެ ބިނާތަކެއް ފެންނާކަށެއް ނެތެވެ.

ގެފުޅުގައި މުހިންމު އުންސުރުތަކެއް ވެ އެވެ. ގެފުޅާ ބެހޭ ގޮތުން ވާހަކަދައްކާއިރު އެ އުންސުރުތަކަށް ބަލާލަންޖެހެ އެވެ. އެހެންކަމުން އޭގެ މައްޗަށް ބަލާލާނަމެވެ.

1  . ޙަޖަރުލް އަސްވަދު އޮންނަނީ، ގެފުޅުގެ އިރު ދެކުނު ކަނުގަ އެވެ.

2  . ގެފުޅުގެ ދޮރުކޮޅު ވަނީ، ގެފުޅުގެ އިރުމަތީ ބިތުގަ އެވެ. ދޮރުކޮޅާއި ބިމާ ދެމެދުގައިވާ އުސްމިނަކީ، 2.13 މީޓަރެވެ.

3  . މީޒާބުކޮޅަކީ، ގެފުޅުގެ ދިޔަދޮވި ކޮޅެވެ. އޭގެ ވަޒީފާއަކީ، ފުރާޅުކޮޅަށް ވެހޭ ވާރޭފެން ބޭރުކުރުމެވެ. މީޒާބުކޮޅު ވަނީ، ގެފުޅުގެ އުތުރު ބިތުގަ އެވެ. ޚާލިޞް ރަނުން ހަދާފައިވާ މީޒާބުކޮޅުން ފެން ބޭރުވާނީ ޙިޖުރު އިސްމާޢީލުގެ ތެރެއަށެވެ.

4  . ގެފުޅުގެ ބިންގާކޮޅުން ބައެއް ބިންމަތިން ފެނެ އެވެ.

 5  . ޙަޠީމުކޮޅަށް ކިޔާ އަނެއް ނަމަކީ، "ޙިޖުރު އިސްމާޢީލު" އެވެ. އެތާނގައި ނަމާދުކުރުމަކީ، ގެފުޅުގެ ތެރޭގައި ނަމާދުކުރުމާ އެއްފަދަވެގެންވާ ކަމެއް ކަމަށް ރިވާވެފައިވެ އެވެ.

6  . މުލްތަޒަމުކޮޅަކީ، ގެފުޅުގެ ދޮރުކޮޅާއި، ޙަޖަރުލް އަސްވަދާ ދެމެދުގައިވާ ތަނެވެ.

7  . އިބްރާހީމުގެފާނުގެ މަޤާމުފުޅުގައި ވަނީ، އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުމަށްޓަކައި އަރާވަޑައިގެން އޭގެ މަތީގައި ހުންނެވި ހިލަކޮޅެވެ.

8  . އައްރުކުނުއް ޝަރުޤީ އަކީ، ގެފުޅުގެ ދޮރުކޮޅު ކައިރީގައިވާ ރުކުނެވެ. ޒަމްޒަމް ވަޅުކޮޅު ވަނީ ގާތްގަނޑަކަށް މިރުކުނާ ދިމާވާ ގޮތަށެވެ. މި ރުކުނަށް އައްރުކުނުއް ޝަރުޤީ އެވެ، ކިއުނީ، މި ރުކުން ގާތްގަނޑަކަށް އިރުމަތީފަރާތާ ދިމާވާތީ އެވެ. (ޝަރުޤަކީ އިރުމައްޗެވެ.) މިރުކުނަށް ކިޔޭ އަނެއް ނަމަކީ، ޙަޖަރުލް އަސްވަދުގެ ރުކުނެވެ. އެއީ މިރުކުނުގައި ޙަޖަރުލް އަސްވަދު އޮންނާތީ އެވެ. ގެފުޅު ވަށައިގެން ޠަވާފުކުރަން ފަށަނީ މިރުކުނުންނެވެ.

9  . އައްރުކުނުލް ޔަމާނީ އަކީ، ޣަރުބިއްޔަ ރުކުނާ ޖެހިގެން އަންނަ ރުކުނެވެ. މިރުކުނަށް އައްރުކުނުލް ޖުނޫބީއޭ ވެސް ކިޔެ އެވެ. އެއީ، މިރުކުން، ގާތްގަނޑަކަށް ދެކުނު ފަރާތާ ދިމާވާތީ އެވެ. މިރުކުނަށް އައްރުކުނުލް ޔަމާނީ އެވެ، ކިއުނީ، ޔަމަނުކަރަޔާ ވީ ފަރާތުގައި ވާތީ އެވެ.

10 . އައްރުކުނުލް ޣަރްބީ އަކީ، ޝިމާލިއްޔަ ރުކުނާ ވިދިގެން އަންނަ ރުކުނެވެ. މިރުކުނަށް، އައްރުކުނުލް ޣަރްބީ އެވެ، ކިއުނީ ގާތްގަނޑަކަށް މަޣުރިބު ފަރާތާ ދިމާވާތީ އެވެ. މި ރުކުނަށް، އައްރުކުނުއް ޝާމީ އެވެ، ވެސް ކިޔަ އެވެ. އެއީ މި ރުކުން، ޝާމުކަރައާ ވީ ފަރާތުގައި ވާތީ އެވެ. މި ރުކުން ވަނީ، ޙިޖުރު އިސްމާޢީލުގެ ހުޅަނގުފަރާތުގަ އެވެ.

11  . އައްރުކުނުލް ޢިރާޤީ އަކީ، ޠަވާފުކުރާ ޙަރަކާތުގެ ގޮތުން ބަލާއިރު، ޝަރުޤިއްޔަ ރުކުނާ ވިދިގެން އަންނަ ރުކުނެވެ. މިރުކުނަށް އައްރުކުނުއް ޝިމާލީ އެވެ، ކިޔެ އެވެ. އެއީ މިރުކުން ގާތްގަނޑަކަށް އުތުރު ފަރާތާ ދިމާވާތީ އެވެ. (ޝިމާލަކީ އުތުރެވެ.) މިރުކުން ވަނީ ޙިޖުރު އިސްމާޢީލުގެ އިރުމަތިފަރާތުގަ އެވެ. މިރުކުނަށް ޢިރާޤިއްޔަ ރުކުނެވެ ކިއުނީ، ޢިރާޤާވީ ފަރާތުގައި ވާތީ އެވެ.

12  . ގެފުޅުގެ އުރަކޮޅަކީ، ކޮންމެ އަހަރަކު އެއްފަހަރު ބަދަލުކުރެވޭ އެއްޗެކެވެ.

13  . ޙަޖަރުލް އަސްވަދާ ދިމާވާ ގޮތަށް ބިންމަތީގައި އަޅާފައިވާ ގާތަކެއް ކުރިން ވެ އެވެ. އޭގެމަތިން ހިނގާފައި ދިއުމަށް މީހުން އެއްވެ ތޮއްޖެހޭތީ، މިހާރުވަނީ އެ ގާތަށް ނަގާފަ އެވެ.

މިދެންނެވީ ގެފުޅުގައިވާ މުހިންމު އުންސުރުތަކެވެ.

ގެފުޅުގެ ހަތަރުކަނުންކުރެ ކޮންމެ ކަނަކަށް ނަންކިޔޭ ދެގޮތެއް ވެ އެވެ. އެއްގޮތަކީ، އެ ކަނެއް ދިމާވާ ފަރާތަށް ނިސްބަތްކޮށްގެން ނަންކިއުމެވެ. އަނެއް ގޮތަކީ، އެކަނުގެ ޚާއްޞިއްޔަތަށް ބަލައިގެން ނަންކިއުމެވެ. މިހެންވެ، ގެފުޅުގެ ހަތަރު ކަނުންކުރެ ކޮންމެ ކަނަކަށް ކިޔޭ އެއް ނަމަށްވުރެ ގިނަ ނަންތައް ވެ އެވެ.

ޢަރަބި ބަހުން ގެފުޅަށް ކިޔަނީ އަލްކަޢުބާ (الكعبة) އެވެ. ކަޢުބާގެ މާނައަކީ ކޮޑި އެވެ. ގެފުޅަށް މިނަން ކިއުނީ، ކޮޑިއެއްގެ ސިފައިގައި ގެފުޅު ބިނާކުރެވިފައި ވާތީ ކަމަށް ބުނެވެ އެވެ. އަދި މިނަން ކިއުނީ ގެފުޅުގެ އުސްކަމުންނާއި، އެހެން ގެތަކަށްވުރެ މައްޗަށް ގެފުޅު އުފުލިފައި ވާތީ ކަމަށް ވެސް ބުނެވެ އެވެ. ގެފުޅަށް ކިޔޭ އެހެން ނަންތަކުގެ ތެރޭގައި، އަލްބައިތުލް ޢަތީޤް (البيت العتيق) އާއި، އަލްބައިތުލް ޙަރާމް (البيت الحرام) ހިމެނެ އެވެ.

ހަތަރެސްކަން ބައްޓަމަށް ގެފުޅު ބިނާކުރެވިފައިވަނީ، އުޑުގައިވާ އަލްބައިތުލްމަޢުމޫރާ އެއްގޮތަށް ކަމަށް ވެސް ރިވާވެފައިވެ އެވެ. އަދި ގެފުޅު ބިނާކުރެވިފައިވަނީ، އިސްލާމްދީނުގެ އަސާސީ ހަތަރު ކަލިމައެއްގެ މައްޗަށް ތަރަހަކުރެވިގެން ކަމަށް ވެސް ބުނެވެ އެވެ. އެ ހަތަރު ކަލިމައަކީ:

1  . ސުބްޙާނަ ﷲ (سُبْحَانَ اللَّهِ)
2  . އަލްޙަމްދު ލިއްލާހި (الْحَمْدُ لِلَّهِ)
3  . ލާއިލާހަ އިއްލަ ﷲ (لَا إِلَهَ إِلَّا اللَّهُ)
4  . ﷲ އަކުބަރު (اللَّهُ أَكْبَرُ) މި ހަތަރު ކަލިމަ އެވެ.

ކީރިތި ޤުރުއާނުގައި ގެފުޅުގެ ނަންފުޅެއްގެ ގޮތުގައި، އަލްކަޢުބާ (الكعبة) ނަންގަނެވިފައިވަނީ ދެ ފަހަރު އެވެ.

1  . ފުރަތަމަ ފަހަރު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގަ އެވެ.
2  . ދެވަނަ ފަހަރު ނަންގަނެވިފައިވަނީ، އެ ސޫރަތުގެ 97 ވަނަ އާޔަތުގަ އެވެ.

ކީރިތި ޤުރުއާނުގައި ގެފުޅުގެ ތަފާތު ނަންފުޅުތައް ނަންގަނެވިފައި ވެ އެވެ. އެނަންފުޅުތަކުގެ ތެރެއިން:

  1.  އަލްކަޢުބާ: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 95 ވަނަ އާޔަތުގަ އެވެ.
  2. އަލްބައިތު: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްބަޤަރާ ސޫރަތުގެ 12 ވަނަ އާޔަތުގަ އެވެ.
  3. އަލްބައިތުލް ޢަތީޤް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްޙައްޖު ސޫރަތުގެ 29 ވަނަ އާޔަތުގަ އެވެ.
  4. އަލްބައިތުލް ޙަރާމް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގަ އެވެ.
  5. އަލްމަސްޖިދުލް ޙަރާމް: މިނަންފުޅު ނަންގަނެވިފައިވަނީ، އަލްމާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގަ އެވެ.
  6. އަލްބައިތުލް މުޙައްރަމް: މިނަންފުޅު ނަންގަނެވިފައިވަނީ، އިބްރާހީމު ސޫރަތުގެ 37 ވަނަ އާޔަތުގަ އެވެ.
  7. އައްވަލު ބައިތު: މިނަންފުޅު ނަންގަނެވިފައިވަނީ، އާލުޢިމްރާން ސޫރަތުގެ 96 ވަނަ އާޔަތުގަ އެވެ.


ގެފުޅު ހުންނަނީ، މައްކާގެ ޙަރަމްފުޅުގެ މެދުތެރޭގަ އެވެ. އެތަނަކީ ދުނިޔޭގެ ޗާޓަށް ބަލާއިރު، ދުނިޔޭގެ ބައްރުތަކުގެ މެދެވެ. މިކަމާބެހޭ ގޮތުން ކުރެވިފައިވާ އެތައް ދިރާސާތަކެއް ވެ އެވެ. އެ ދިރާސާތައް ވަނީ އާންމުކުރެވިފަ އެވެ.

ގެފުޅުގެ ހަތަރު ފާރު އަމާޒުކުރެވިފައި ވަނީ ދުނިޔޭގެ ބޮޑެތި ބައްރުތައް ޝާމިލުވާނެހެން، ދުނިޔޭގެ ހަތަރު ބިތަށެވެ.

އެންމެފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތް ބޭކަލުން ކަމަށް ރިވާވެފައި ވެ އެވެ. ތާރީޚީ ރިވާޔަތްތައް ބުނާ ގޮތުގައި، 12 ފަހަރު ގެފުޅު ބިނާކުރެވިފައިވެ އެވެ.

  • 1  . ފުރަތަމަ ފަހަރު ބިނާކުރެއްވީ، މަލާއިކަތް ބޭކަލުންނެވެ.
  • 2  . ދެވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނެވެ.
  • 3  . ތިންވަނަ ފަހަރު ބިނާކުރެއްވީ، އާދަމުގެފާނުގެ ދަރިކަލުން ޝީޘުގެފާނެވެ.
  • 4  . ހަތަރުވަނަ ފަހަރު ބިނާކުރެއްވީ، އިބްރާހީމުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުން އިސްމާޢީލުގެފާނެވެ.
  •  5  . ފަސްވަނަ ފަހަރު ބިނާކުރީ، ޢަމާލިޤުންނެވެ.
  • 6  . ހަވަނަ ފަހަރު ބިނާކުރީ، ޖުރުހުމް ވަންހައިގެ މީހުންނެވެ.
  • 7  . ހަތްވަނަ ފަހަރު ބިނާކުރެއްވީ، ޤުޞައްޔު ބްނު ކިލާބެވެ.
  • 8  . އަށްވަނަ ފަހަރު ބިނާކުރީ، ޤުރައިޝު ވަންހައިގެ މީހުންނެވެ.
  • 9  . ނުވަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 65 ވަނަ އަހަރު، ޢަބްދު ﷲ ބްނު އްޒުބައިރެވެ.
  • 10  . ދިހަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 74 ވަނަ އަހަރު، އަލްޙައްޖާޖު ބްނު ޔޫސުފެވެ.
  • 11  . އެގާރަވަނަ ފަހަރު ބިނާކުރެއްވީ، ހިޖުރައިން 1040 ވަނަ އަހަރު، މިޞްރުގެ ވާލީ މުޙައްމަދު ޢަލީ ބާޝާ އެވެ.
  • 12  . ބާރަވަނަ ފަހަރު ބިނާކުރެއްވީ ކިންގ ފަހުދު ބްނު ޢަބްދުލްޢަޒީޒެވެ. އެމަނިކުފާނުގެ ޒަމާނުގައި ގެފުޅު ވަރަށް ބޮޑަށް މަރާމާތުކޮށް އާކުރެވުނެވެ.


މަލާއިކަތް ބޭކަލުންނާއި، އާދަމުގެފާނު ގެފުޅު ބިނާކުރެއްވީ ވަކިވަކިން ނޫން ކަމަށް ވެސް ރިވާވެފައި ވެއެވެ. އެ ރިވާޔަތް ބުނާ ގޮތުގައި، ގެފުޅު ބިނާކުރެއްވީ އާދަމުގެފާނެވެ. ހިލަތައް ގެނެސް ދެއްވުމުގައި މަލާއިކަތް ބޭކަލުން އެކަލޭގެފާނަށް އެހީތެރިވެވަޑައިގެންނެވި އެވެ.

މިދެންނެވީ ގެފުޅުގެ ބިނާއާ ގުޅިފައިވާ ބައެއް ވާހަކަތަކެވެ. މިނޫން ވާހަކަތައް ވެސް އެ ބިނާއާ ގުޅިފައި ވެއެވެ. އެ ބިނާގެ މައްޗަށް އެތައް ނަޒަރަކުން އަލިއަޅުވާލެވިދާނެ އެވެ. ބަހަވީ ނަޒަރަކުން ބަލާއިރު، ދިވެހި ބަހުގައި ވަނީ އެ މާތް ބިނާއަށް ވަރަށް މަތިވެރި މަޤާމެއް ދެވިފަ އެވެ. އާދޭހެވެ. އެއް ނަޒަރަކުން ބަލާއިރު، އެ މާތް ބިނާއަކީ، މަޢުނަވީ ގޮތުން ފުރާނަ ލައްވާފައިވާ ތަނެއް ކަމަށް ދިވެހި ބަހުގައި ވަނީ ބެލިފަ އެވެ. ދިވެހިބަހުން އެ މާތް ބިނާއަށް ގެފުޅުގެ ނަމުން ނަން ދެވިފައިވަނީ މި ސަބަބަށްޓަކަ އެވެ. އަނެއް ނަޒަރަކުން ބަލާއިރު، އެއީ އެ ތަން މާތް ކުރުމުގެ ގޮތުން ދެވިފައިވާ ނަމެވެ.

މައުޟޫމާތު: ބަޚުރު

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް