21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ބޮއްސުންލާފައި!

  • ކުޑަކުދިން ބަންދުކޮށް ތަޅުލައިގެެން ގެންގުޅޭ
  • ކުޑަކުދިންގެ ހިޔާތައް ހުންނަނީ ކުދިންނަށް ފަސޭހައިން ފިލައިގެން ދެވޭ ގޮތަށް
  • ކުދިން ބެލެހެއްޓުމަށް އެކަށީގެންވާ ތަމްރީން ލިބިފައި ތިބިފައި ތިބި މީހުންނެތްކަން ފާހަގަ ކޮށްފައިވޭ
ސަހުބާން ފަހުމީ | sahubaan

| 12 އޯގަސްޓު 2017 | ހޮނިހިރު 15:00 | |ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ -- ޓްވިޓަރ

ގާނޫނާއި ގަވާއިދުތަކުގައި ކުޑަކުދިން ބެލެހެއްޓުމުގައި އަމަލު ކުރަން ޖެހޭނެ ކަމަށް ބުނެފައިވާ އުސޫލްތަކާ ހިލާފަށް ކުޑަކުދިން ބެލެހެއްޓުމުގައި އިހުމާލުވެފައިވާ ގިނަ ކަންތައްތަކެއް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފެންމަތި ކޮށްފިއެވެ.

އެޗްއާރުސީއެމުން ނެރުނު މި އަހަރުގެ އެންޓި ޓޯޗާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެންޓި ޓޯޗާ ގާނޫނުގެ 17 ވަނަ މާއްދާގައި ކުޑަކުދިންނާއި ބަންދުގައި މީހުން ބޭތިއްބުމަށް ތައްޔާރު ކޮށްފައިވާ ތަންތަން، އެ ގާނޫނަށް އަމަލު ކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ހޯމް މިނިސްޓަރު އިއުލާން ކުރަން ޖެހޭނެއެވެ. އެ އިއުލާން ކުރާތާ ގިނަ ވެގެން ހަތް ދުވަހުގެ ތެރޭގައި އެ ތަންތަނާ ބެހޭ މައުލޫމާތުތައް އެޗްއާރުސީއެމްއަށް ހިއްސާ ކުރަން ޖެހޭނެކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

 

ދ. ވާނީގައި ކުޑަކުދިން ބައިތިއްބައިގެން ބަލަހައްޓަމުން ދިޔަ ނަމަވެސް، ކުޑަކުދިން ބަންދުގައި ބަހައްޓާ ތަންތަނުގެ ލިސްޓްގައި އެ ރަށް ނެތް ކަމަށް އެޗްއާރުސީއެމުން ބުނެ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުދިންގެ ސިއްޙީ ކަންކަން ބެލެހެއްޓުމުގައި ކޮންމެ ކުއްޖަކަށް ވަކި ފައިލެއް ތައްޔާރުކޮށް ކޮންމެ ކުއްޖެއްގެ މެޑިކަލް އެސެސްމެންޓް ހަދައި، ޑޮކްޓަރަށް ދައްކައިފިނަމަ އެކަމުގެ ލިޔުން ފައިލުގައި ރައްކާ ކޮށްފައި ވީނަމަވެސް ބޭސްދެވުނު ކަމާއި، ބޭސް ދެވުނު ގަޑި އެނގޭނެހެން ލިޔެފައި ނެތްކަން އެޗްއާރުސީއެމުން ފާހަގަކޮށްފައިވެ އެވެ.

ފައިލްތަކުގައި ކުއްޖާގެ ދުވަސް ކުރިއަށްދިޔަ ގޮތް ހިމަނާފައިވީނަމަވެސް ސުޕަވައިޒަރުން ސޮއި ކޮށްފައިނުވާކަން ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވާ ކުދިންގެ ފައިލްތައް ބެލިބެލުމުން ފައިލްތްކުގައި ހުންނަން ޖެހޭ ލިޔެކިޔުންތަކަކީ ކޮބައިކަމެއް ފާހަގަވާން ނެތް ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި ބަލަހައްޓަމުންދާ ކުދިންނަށް އަދި ތައުލީމާއި މަސައްކަތްތެރިކަން އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒުން ކުޑަކުދިންގެ ހިޔާ އަށް ބަދަލުކޮށްފައިވާ ކުދިންނާއި އަމާން ހިޔާގައި ތިބޭ ދޮށީ އުމުރުގެ ކުދިންނަށް ހާއްސަ ޕްރޮގުރާމްތަކެއް ކުދިންގެ އުމުރުފުރާ އަދި ކިޔެވުމުގެ ފެންވަރާ އެއްގޮތަށް ކުރިއަށް ނުގެންދާ ކަމަށެވެ.

ކުޑަކުދިންގެ ހިޔާ އަދި އަމާން ހިޔާގައި ބަލަހައްޓާ ކުދިންނަށް ބައެއް ފަންގިފިލާތަކުން ފަސޭހަކަމާއެކު ފިލުމަށް މަގުފައިވެފައިވާ ކަމާއި ކުދިންގެ ރައްކާތެރިކަން އެންމެ ފުރިހަމަ ގޮތުގައި ކަށަވަރުވެފައި ނުވާ ކަމަށް ވެސް ރިޕޯޓްގައި ބުނެ އެވެ. މީގެ އިތުރުން ހިޔާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މުއައްޒަފުން މަދުވުމުން ކުދިން ބަލަހައްޓާ ފަންގިފިލާތަކުގައި ދަންފަޅިއެއްގައި އެންމެ މުއައްޒަފަކު ހުންނަން ޖެހޭ ކަމާއި، ކުދިން އުޅޭ ފަންގިފިލާތައް ތަޅުލައިގެން ކުދިން ބަލަހައްޓަމުންދާ ކަމަށް އެޗްއާރުސީއެމްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. ނަމަވެސް، ދާދި ފަހުން ޖެންޑާ މިނިސްޓަރު އާމިނަތު ޒެނީޝާ ޝަހީދު ޒަކީ ވިދާޅުވެފައިވަނީ ކުދިން ބަލަހައްޓާމަރުކަޒުތަކުގައިންތިޒާމުތައް ހަމަޖައްސާފައިވަނީ ރަނގަޅަށް ކަމަށެވެ. 

ކުދިންގެ އުމުރާ ގުޅޭ ގޮތުން މަރުކަޒުތަކުގައި ތަމްރީނު ޕްރޮގްރާމު ހިންގޭއިރު، އެ ކުދިން ބަލަހައްޓަން ތިބެނީ ތަމްރީނު ލިބިފައިވާ މުވައްޒަފުން ކަމަށާއި ކޮންމެ މަރުކަޒަކަށް ވެސް ބޭނުންވާ މިންވަރަށް މުވައްޒަފުން ތިބޭ ކަމަށް ޒެނީޝާ ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް އެޗްއާރުސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ކުޑަކުދިން ބަލަހައްޓާ ތަންތަނުގެ ހިންގުން ވަނީ ދޯދިޔާވެ، ބޮއްސުންލައިފަ އެވެ.

މަރުކަޒުތަކުގައި ކުދިން ހަލަބޮލިވެ އެއް ކުއްޖަކު އަނެއް ކުއްޖަކަށް އަނިޔާ ކުރާއިރު، އެކަން ހުއްޓުވުމަށް މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އަނިޔާކޮށް ހަދާ ކަމަށް ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވާއިރު، އެފަދަ  ވަގުތުތަކުގައި ކުދިން ހަމަޖެއްސުމުގައި އެހެން މުއައްޒަފެއްގެ އެހީ ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އެކަމުގެ ސަބަބުން ކުދިންނާއި މުއައްޒަފުންގެ ނަފްސަށް ނުރައްކާވާފަދަ ހާލަތަށް ކަންކަންދާކަން ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަލަބޮލި

6 މަސް ކުރިން

ހޫން އަދިވެސްކުލަލެވޭތޯބަލާތި

0
0