21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

މެޗު ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ: ޖަވާޒް

  • ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބެލުމަށް ދަނޑަށް ވަދެވެނީ ޓިކެޓު ގަނެގެން
  • މާޅޮސް އަދި މިލަންދޫ ބައްދަލުކުރި މެޗުގައި 2،000 އެއްހާ ސަޕޯޓަރުން ދަނޑަށް ވަތް
ލީވާން އަލީ | MrLeevaan

| 12 އޯގަސްޓު 2017 | ހޮނިހިރު 14:12 | |އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ހުސެއިން ޖަވާޒު -- ފޭސްބުކް

ގަލޮޅު ރަސްމީ ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެއްޖެ ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓްރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް ދިން އިންޓަވިއުއެއްގައި ޖަވާ ވިދާޅުވީ، ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު އިތުރުވެފައިވާ ކަމަށާއި، މިއީ ވަރަށް ޕޮޒިޓިވް ކަމެއް ކަމަށެވެ.

ޖަވާ ވިދާޅުވީ، ރާއްޖެތެރެއިން ޓީމުތައް ދިވެހި ޕްރިމިއާ ލީގަށް އައުމުން ސަޕޯޓަރުން އައުން ވެގެންދިޔައީ ޕޮޒިޓިވްކަމެއް ގޮތުގައި ކަމަށާއި، އެ ރަށްރަށުގެ ގިނަ ސަޕޯޓަރުން މެޗު ބެލުމަށް ދަނޑަށް ވަންނަމުން އަންނަ ކަމަށެވެ.

މާލޭ ލީގުގެ މެޗުތައް ބެލުމަށް ދަނޑަށް ވަންނަ ސަޕޯޓަރުންގެ އަދަދު މަދުކޮށް ފެނިފައިވާއިރު، މެޗު ބެލުމަށް ދަނޑަށް ސަޕޯޓަރުން ވައްދާފައި ވަނީ ޓިކެޓާ ނުލާ ހިލެއެވެ.

އެހެން ނަމަވެސް ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ބެލުމަށް ދަނޑަށް ވަދެވެނީ ޓިކެޓު ގަނެގެނެވެ. އެގޮތުން ސިޑިބަރިން ފަސް ރުފިޔާއަށް ޓިކެޓު ވިއްކަމުން އަންނައިރު، ގޮނޑިބަރިން ޓިކެޓު ވިއްކަނީ 10 ރުފިޔާއަށެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކުގެ ޓިކެޓު ގަލޮޅު ދަނޑުގެ ދެ ކައުންޓަރަކުން މިހާރު ވިއްކާއިރު، ފުރަތަމަ ދެ މެޗުގެ ޓިކެޓު ވިއްކާފައިވަނީ އެންމެ ކައުންޓަރަކުންނެވެ.

ޖަވާ ވިދާޅުވީ، ޓިކެޓަށް ޑިމާންޑު ބޮޑުވާނަމަ އިތުރު ތަންތަނުންވެސް ޓިކެޓު ވިއްކުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ކަމަށާއި، ދުރާލާވެސް ޓިކެޓު ވިއްކުމަށް ފަށާނެ ކަމަށެވެ.

މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ގިނަ އަދަދަކަށް ސަޕޯޓަރުން ވަދެފައި ވަނީ މާޅޮސް އަދި މިލަންދޫ ބައްދަލުކުރި މެޗުގައެވެ. އެ މެޗަށް 2،000 އެއްހާ ސަޕޯޓަރުން ވަނީ ވަދެފައެވެ.

މިފަހަރުގެ ލީގް ފޯމެޓަށް އަލަށް ގެނައި ބަދަލާއެކު މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމަށް ޕްރިމިއާ ލީގުން ވަނީ ޖާގަ ލިބިފައެވެ.

ދިވެހި ޕްރިމިއާ ލީގުގައި މިފަހަރު ވާދަކުރަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ނ.މިލަންދޫ އަދި އއ.މާޅޮހެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް