16 ޖުލައި 2018 | ހޯމަ | 03 ފުސް
03 ޛުލްޤަޢިދާ 1439
އިޝާ 19:41
މަޣްރިބް 18:24
އަސްރު 15:38
މެންދުރު 12:16
އިރުއަރާ 06:00
ފަތިސް 04:43

ސުޕްރީމް ކޯޓުގެ ހުކުމް

ގާނޫނާ "ޚިލާފު" ހުކުމެއް ހަލާލުކުރުމަށް ގާނޫނު ބާތިލްކުރުން: ބުއްދީގެ ހަމަތަކުން ވެސް ބޭރު!

 • ހުކުމް ކުރަން ޖެހެނީ ގާނޫނީ ތަރަހައިގެ ތެރެއިން
 • ގާނޫނާ ޚިލާފު ހުކުމަކާއެކު ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއްވެސް ބާތިލް
 • ހިމާރަށް ކުރި ހުކުމް ކޮށްގެން ވިޔަސް ބޭނުމަކީ ގޮނޑި ގެއްލުވާލުން
އަޒުމޫން އަހުމަދު | azmoon_ahmed

| 12 އޯގަސްޓު 2017 | ހޮނިހިރު 10:01 | |

މަގުބޫލް

 1. ސުޕަރ އޯވަރަށް ނުކުންނަވައި، އިބޫ އާއި ފައިސަލް ޖެއްސެވީ ހަޔަކަށް!
 2. ޒުވާނުންގެ ޓްވީޓާއެކީ ޝަހީމް ހޫނުފެނަށް ، އެންމެފަހުން ޓްވީޓް ޑިލީޓް ކުރައްވައިފި
 3. ކެމްޕެއިން ދަތުރުތައް މެދުކަނޑާލެއްވުމަށް ފަހު، އިބޫ ރާއްޖެ އިން ބޭރަށް ވަޑައިގަންނަވަނީ
 4. ޓްރަމްޕް އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅާއި އޮބާމާގެ 2011 ވަނަ އަހަރުގެ ދަތުރުފުޅު: ރާނީ ކަންތައް ކުރެއްވީ ވަރަށް ތަފާތުކޮށް
 5. ރާއްޖެއަށް ފިޔަވަޅު އަޅައިފި ނަމަ ގެއްލުން ވާނީ އީޔޫއަށް: ޖަމީލް އުސްމާން
 6. ނޮވެމްބަރު 17ގައި ހުރިހާ ސިޔާސީ ލީޑަރުން މިނިވަން ވެގެންދާނެ: އިބޫ
 7. ދިވެހި ސަރުކާރުގެ ބައެއް ވެރިންނާމެދު އީޔޫއިން ދަތިކުރުމުގެ ފިޔަވަޅު އަޅަނީ
 8. ޖަލުގައިދޭ ޚިދުމަށް ރަނގަޅު ކުރާކަށް ބޭނުމެއް ނޫން: ނަވާޒް ޝަރީފުގެ ދަރިކަނބަލުން


ދިވެހި ދައުލަތުގެ ބަންޑާރަނައިބު މުހައްމަދު އަނިލް -- މިހާރު

ނިޔާ ކަނޑައަޅުއްވަން ތިއްބަވާ ފަނޑިޔާރުންގެ ކުރިފުޅުމައްޗަށް ހުށަހެޅޭ މައްސަލަތަކުގައި ނިޔާ ކަނޑައަޅުއްވަން ޖެހެނީ އިސްލާމީ ޝަރީއަތާއި، ގާނޫނު އަސާސީ އާއި، ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންވެގެންވާ ހުދޫދުގެ ތެރެެއިންނެވެ. ގާނޫނީ ތަރަހައިގެ ބޭރުން، އަމިއްލަ ނަފްސަށް ފެނިވަޑައިގަންނަވާ ގޮތަށް ނިޔާ ކަނޑައެޅުއްވުމުގެ ބާރެއް އެއްވެސް ފަނޑިޔާރަކަށް ލިބިގެން ނުވެ އެވެ. އެފަދައިން ކަނޑައެޅިފައި ވަނީ ގާނޫނީ ހުކޫމަތު ހިންގެން އަންނަނީ ފަނޑިޔާރުން ގާނޫނަށް ތަބާވެގެން ކަމަށް ވާތީ އެވެ. އިސްލާމީ ޝަރީއަތުގެ މަސްދަރުތަކާއި، އެތައް އަހަރެއްގެ މަސައްކަތުން، އެކުލަވާލެވިފައިވާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ މަފްހޫމަކީ ވެސް މިއީ އެވެ. ހަމަހަމަކަމާއި އަދުލުވެރިކަމާއި އިންސާފުވެރިކަމެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާއި އާންމު ރައްޔިތުންނާ ދެމެދު ޖެހޭ އެންމެ ބޮޑު މައްސަލައަކީ ކޯޓުގެ ތަސައްވަރާއި ހުރުމަތުގެ މައްސަލައެވެ. ކޯޓުތަކުން ނެރޭ އަމުރުތަކާއި ހުކުމްތަކަށް ކިޔާ ފާޑުކިޔުމަށް ފަނޑިޔާރުންނާއި ކޯޓުތަކުގެ ނުރުހުން އަމާޒުވެއެވެ. އަނެއްކޮޅުން ހުކުމްތަކާއި އަމުރުތަކަށް އާންމުންގެ ނުރުހުން އިންތިހާއަށް އަމާޒުވެގެންދެ އެވެ. އަޅުގަނޑުމެން އެންމެންނަކީ އިންސާނުން ކަމަށް ދެކި މި ޒަމާނުގެ ޝަރުއީ ނިޒާމްތައް ބައްޓަން ކުރެވިފައި ވަނީ ފަނޑިޔާރުންނަށް ވެސް ގޯސް ހެދިދާނެ ކަމަށް ގަބޫލުކޮށްގެންނެވެ. އިސްތިއުނާފީ މަރުހަލާތަކާއި، އެކި ތަފާތު ވަތްތަރުގެ ރިވިއު ޕްރޮސެސްތައް ކަނޑައެޅިފައި ވަނީ މި ވިސްނުމުގެ ތެރެއިންނެވެ. ނަމަވެސް، ފާޅުގައި ފަނޑިޔާރަކު އުސޫލުން ބޭރުން، ގާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކުރާ ކަންތައްތަކުގެ ވާހަކަ ދެއްކުމަކީ ގޯހެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. އެހެނީ އަޅުގަނޑުމެން އިންސާނުންނަކީ ކުށް ކުރެވޭ ބައެކެވެ. އަޅުގަނޑުމެންނަށް އޮތީ ގިނަގިނައިން އެކަކު އަނެކަކަށް ހަނދުމަކޮށްދީ، ނުބައި ކަންތައްތައް މަނާކޮށް، ހެޔޮ ކަންތައްތަކަށް ހިތްވަރު ދިނުން ކަމުގައިވާތީ އެވެ.

ކޯޓުތަކުގެ ތަސައްވަރު ގުޅިފައި ވަނީ ފަނޑިޔާރުންގެ ސުލޫކާއި، ތައުލީމީ ފެންވަރާއި، ނެރޭ ހުކުމްތަކާއި، އެ ހުކުމްތަކުގެ ވެލިޑިޓީއާއި، ރިލައަބިލިޓީ އަދި ކޮންސިސްޓެންސީއާކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. މި ހަގީގަތުގެ މައްޗަށް ނަޒަރު ހިންގާލާއިރު، މިފަހުން ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރޭގައި ހިނގި ބައެއް ކަންތައްތަކަކީ އަޅުގަނޑުގެ ބުއްދިއަށް ގަބޫލުކުރެވޭ ވަރުގެ ކަންތައްތަކެއް ނޫނެވެ. އެކަންކަމާ މެދު ފިކުރު ކުރުމުން އަޅުގަނޑުގެ ބޯ ގޮވާވަރުވެއެވެ. ޝަރީއަތުގެ މަޖިލީސް އަޑުއެހުމަށް ވަދެ އިންނައިރު، އިވޭ ބައެއް ވާހަކަތަކާއި ފެންނަ ބައެއް މަންޒަރުތަކަކީ ގައުމެއްގެ ހައިސިއްޔަތުން ވިސްނާލައިފި ނަމަ ކަރުނަ އަޅަންޖެހޭ ވަރުގެ ކަންކަމެވެ. އޭގެ ދެތިން މިސާލެއް ހިއްސާ ކޮށްލެވޭތޯ ބަލާނަމެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ބަންޑާރަނައިބު ވަޑައިގެންނެވީ މަޖިލިސް މެންބަރުން ފްލޯ ކްރޮސް ކުރުމުގެ ކަންތައްތަކަށް ހައްލެއް ހޯދައިދިނުމަށް އެދި އެވެ. އެ މައްސަލަ ހުށަހެޅީ އެކްސްޕާޓޭ ނުވަތަ ދައުވާ ރައްދުވާ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގައި ދިވެހިރައްޔިތުންގެ ނަމުގަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަންޑާރަނައިބު މުހައްމަދު އަނިލް ވަޑައިގެން މައްސަލަ ހުށަހެޅުއްވި އެވެ. ދައުވާ ރައްދުވާ ފަރާތެއް ނެތުމުން އެކަމާ ދެކޮޅަށް ބަހެއް ބުނެލާނެ މީހަކު އިންސާފުގެ ދަރުބާރަކު ނެތެވެ. އަޅުގަނޑު އުންމީދުކޮށްގެން ހުރީ އިންސާފުގެ ދަރުބާރުގެ ތަޚުތުގައި ތިއްބެވި ފަނޑިޔާރުން އެކަމާ ދެތިން ސުވާލެއް ނަމަވެސް ކޮށްލައްވާނެ ކަމަށެވެ. ނަމަވެސް، މައްސަލަ ހުށަހެޅުމާއެކު އަޑުއެހުން ނިމިގެންދިޔައީ އެވެ. ދެން އިވުނީ އެ މައްސަލައަށް ތަދައްޚުލްވާން އެދި ބައެއް ބޭބޭފުޅުން ހުށަހެޅުއްވި ވާހަކަ އެވެ. އަޅުގަނޑުގެ ހުންނަ އުނިކަމަކުން އަނެއްކާ ވެސް އުންމީދެއް ކުރެވުނެވެ. ބަންޑާރަނައިބާ ޗެލޭންޖްކޮށްލަން ކޮންމެވެސް ބަޔަކު ދެން އޮންނަ އަޑުއެހުމެއްގައި ތިބޭނެ ކަމަށް އުންމީދު ކުރީމެވެ. ނަމަވެސް، ތަދައްޚުލްވާން ހުށަހެޅި ބޭބޭފުޅުންނަށް ވަކި ގޮތެއް އަންގަވާނެ ކަމަށް ޖަވާބު ދެއްވުމަށް ފަހު، ދެން ބޭއްވި އަޑުއެހުމުގައި ނިޔާ އިއްވެވި އެވެ. ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލައާ މެދު ޝަރީއަތުގެ މަޖިލީހުގައި އަނގައިން ބުނެލުމުގެ ފުރުސަތެއް  އެއްވެސް މީހަކަށް ނެތެވެ. ޝަރުއީ އެންމެ މަތީ މަރުހަލާއިން ކުރެއްވި ހުކުމަކަށް ވާތީ އިސްތިއުނާފު ކުރުމުގެ ހައްގެއް ވެސް ނެތެވެ. 

ކޮންމެއަކަސް މި ހުކުމެއްގެ އަސަރުކޮށްގެން، މެންބަރުންތަކެއް ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. ގޮނޑި ގެއްލުނު މެންބަރުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފި އެވެ. ހުކުމް ކުރިތާ މަހެއްހާ ދުވަސް ވެފައިވާއިރު، އަޑުއެހުންތައް ކުރިއަށްދަނީ އެވެ. ދެން އިވުނީ ވިސްނާ ވިސްނާ އަޅުގަނޑަށް ފަހުމުނުވި ވާހަކައެކެވެ. ބަންޑާރަނައިބުގެ އޮފީހުގެ ފަރާތުން ދިވެހި ދައުލަތް ތަމްސީލު ކުރައްވަން ވަޑައިގެންނެވި ވަކީލު ވިދާޅުވަނީ ސުޕްރީމް ކޯޓުން ނެރުނު ހުކުމާ ގާނޫނެއްގެ މާއްދާއެއް ތައާރުޒުވާ ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގެ 16 ވަނަ މާއްދާގެ (ބ) އާއި ދިވެހިރާއްޖޭގެ ޝަރުއީ އެންމެ މަތީ މަރުހަލާގެ ހުކުމާ ތައާރުޒުވާ ކަމަށެވެ. އެ މާއްދާއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ބާއްވާ އިންތިޚާބެއްގައި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މީހަކު، ޕާޓީގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ޕާޓީން ވަކިކުރިކަމުގައި ވިޔަސް، އެ މީހަކު އިންތިޚާބުވެފައިވާ މަގާމުގައި ދެމި ހުންނާނެ ކަމަށެވެ. ނަމަވެސް، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބު ކާމިޔާބުކުރާ މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ، ނުވަތަ ޕާޓީން ވަކިވެއްޖެނަމަ، ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ އިންތިޚާބުވެފައި ހުރި މަގާމު ގެއްލޭނެ ކަމަށެވެ. ސާދާ ސީދާ ބަހުން ބަންޑާރަނައިބުގެ އޮފީހުން ދިވެހި ދައުލަތް ތަމްސީލުކުރައްވަމުން އެ ބުނަނީ ސުޕްރީމް ކޯޓުން ހުކުމް ކޮށްފައި އޮތީ ގާނޫނާ ޚިލާފަށް ކަމަށެވެ.

މިކަމާ މެދު ވިސްނައިފި މީހެއްގެ ބޯ ނުގޮވާނެތޯ އެވެ؟ ހުކުމް ކުރަންޖެހެނީ އިސްލާމީ ޝަރިއަތާއި، ގާނޫނު އަސާސީ އާއި، ގާނޫނުތަކާއި، ގަވާއިދުތަކުގެ ތަރަހައިގެ ތެރެއިން، ލިޔެވިފައިވާ އެއްޗެއްގައި ބުނެފައިވާ ގޮތަށެވެ. މި ހާދިސާގައި ސިޔާސީ ޕާޓީގެ ގާނޫނުގެ ހުރިހާ އަކުރުތަކާއި ހުރިހާ ފިލިތަކުގެ ތަރަހައިގެ ތެރެއިންނެވެ. ގާނޫނާ ޚިލާފު ހުކުމެއް ކުރުމަށް ފަހު އެ ހުކުމް ގާނޫނީ އިމުގެ ތެރެއަށް ފެއްތުމަށް ގާނޫނު ބާތިލްކުރުމަކީ ގާނޫނީ އަދި ޝަރުއީ ނިޒާމް ދަންނަ އުސޫލެއް ނޫނެވެ. ގާނޫނާ ޚިލާފަށް ކުރާ ހުރިހާ ކަމަކީ ބާތިލް ކަންކަން ކަމާއި، ބާތިލްކަމަކާއެކު ތަރުތީބުވެގެން އަންނަ ހުރިހާ ކަމަކީ ވެސް ބާތިލް ކަންކަން ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އިޖުރާއަތްތަކުން އެނގެން އެބައޮތެވެ. ބަންޑާރަނައިބަކީ ދިވެހި ދައުލަތް ތަމްސީލްކުރައްވުމުގެ ޒިންމާ އަދާކުރައްވަންޖެހޭ ފަރާތަށް ވާއިރު، ބަންޑާރަނައިބުގެ މި އަމަލުގެ ނިޔަތާ މެދު ވެސް ސުވާލު އުފެދެއެވެ. ހުކުމް ގާނޫނާ ތައާރުޒުވާ ކަމަށް ގަބޫލުކުރާ ހާލުގައި މަސައްކަތް ކުރައްވަން އެ ގެންދަވަނީ ހުކުމް ހަލާލު ކުރެވޭނެ ގޮތްތަކެއް ހޯއްދެވުމަށެވެ. ހިމާރަށް ކުރި ހުކުމް ކޮށްގެން ވިޔަސް ގޮނޑިތަކެއް ގެއްލުވާލުމުގެ ނުބައި ނިޔަތް މި އަމަލުން ހާމަވެއެވެ. 

ސުޕްރީމަސީ އަށް ބަލާއިރު ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އެންމެ ޑިމޮކްރެޓިކް މުއައްސަސާ ކަމުގައި ބަލަނީ ގިނަ ބައެއްގެ މަޝްވަރާއާއި ޚިޔާލު ލިބޭ ގާނޫނު ހަދާ މަޖިލީހެވެ. ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ނިންމަވާ ނިންމެވުމަށް ވުރެ، ގާނޫނު ހަދާ މަޖިލީހުގެ 85 މީހުންގެ ނިންމާ ނިންމުންތަކުގެ ބާރު ގަދަވަނީ މިހެންވެއެވެ. ގާނޫނު އަސާސީއާއި ގާނޫނު އަސާސީގެ ދަށުން ހެދޭ ގާނޫނުތަކަށް ތަބާވެގެން ތިބެ އެ ތަރަހައިގެ ތެރޭގައި ނިންމުންތައް ނިންމަންޖެހެނީ މި ސަބަބަށްޓަކައެވެ. 

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ގާނޫނުގެ އެ މާއްދާ ބާތިލްކޮށްފައިނުވާއިރު، އެ މާއްދާއަށް އަމަލުކުރެވެމުން ދަނިކޮށް މެންބަރުންގެ ގޮނޑި ގެއްލުވާލެވޭނެ ހަމައެއް އޮތް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ. ނަމަވެސް، މި ހުރިހާ ކަމެއްވެސް ގަބޫލުކުރައްވާ ހާލު ބަންޑާރަނައިބު އެ ގެންދަވަނީ ގޮނޑި ގެއްލިފައިވާ ކަމަށް ވަކާލާތު ކުރައްވަމުންނެވެ. ދައްކަވާ ވާހަކަތައް ވެސް ދިމާނުވާކަން މިކަމުން ހާމަވެގެންދެ އެވެ. ދައުލަތެއްގެ ތެރޭގައި މިފަދަ ކަންކަން ހިނގާއިރު، މިއީ ހަމަ ބުއްދީގައި ވިސްނާ ބަޔަކު މޮޔަވާވަރުގެ ކަންތައްތަކެއް ނޫންތޯ އެވެ؟ ދައުލަތެއްގެ ނަޒަރުން މިއަށް ވުރެ ބޮޑު ލަދުވެތިކަމެއް އޮންނާނެތޯ އެވެ. މިފަދަ ކަންކަމުގެ ސަބަބުން ގާނޫނީ ހުކޫމާތާއި ޑިއު ޕްރޮސެސްގެ ޤިޔަމުތަައް ހިމާޔަތްކުރެވޭނީ ކިހިނެއްތޯ އެވެ؟ މިހާރު މި ހިނގަމުންދާ ގިނަ ކަންކަމަކީ އިންސާނީ ބުއްދިއަށް ވިސްނައިގަތުން ފަސޭހަ ކަންކަމެއް ނޫނެވެ. ގާނޫނީ އަދި ޝަރުއީ ނިޒާމު ދަންނަ ކަންކަމެއް ވެސް ނޫނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މަސް ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް