21 ފެބުރުއަރީ 2018 | ބުދަ | ހިޔަވިހާ 8

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

  • ރިލްވާންގެ ވާހަކަ ލިޔެފައިވާ ބޯޑެއް، ބެނަރއެއް ފެނުންވެސް ވަނީ ފުލުހުންގެ "ބަޓަނަކަށް އޮބޭ ކަމަކަށް"
  • ރިލްވާންއަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި އާއިލާ ނުކުންނަ ކޮންމެ ފަހަރަކު ކުރިމަތިލާން ޖެހެނީ މިރުސް ފެނާ
  • ރިލްވާން ގެއްލުވައިިލުމުގައި ސަރުކާރުގެ އަތެއްވާކަމަށް ރިލްވާންގެ އާއިލާއިން ތުޙުމަތުކުރޭ
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 9 އޯގަސްޓު 2017 | ބުދަ 22:43 | |ރިލްވާންގެ ވާހަކަ ލިޔެފައިވާ ބޯޑެއް، ބެނަރއެއް ފެނުންވެސް ވަނީ ފުލުހުންގެ "ބަޓަނަކަށް އޮބޭ ކަމަކަށް" -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ނޫސްވެރިޔާ ރިލްވާން ގެއްލުވާލިތާ 3 އަހަރު ވެގެން ދިޔައީއެވެ. ރިލްވާންގެ އާއިލާ، އޭނާއަށް ވީގޮތެއް ނޭނގުމުގެ މޮޅިވެރިކަމުގައި އެ ހޭދަކުރީ 1096 އަށްވުރެ ގިނަ ދުވަހެވެ. ރިލްވާންގެ ރަޙުމަތްތެރިން އޭނާ ހޯދުމަށް އެ ހޭދަކުރީ 26،304 ގަޑިއިރަށް ވުރެ ގިނަ ވަގުތެވެ. އެ މަސައްކަތުން ނަތީޖާއެއް ނުފެނުނެވެ. އެ މަސައްކަތުގައި ސާބިތުވެ ހުއްޓައި ރިލްވާންގެ އެންމެ ގާތް ރަޙުމަތްތެރިޔާ ޔާމީން ރަޝީދު މަރާލައިފިއެވެ. ރިލްވާނަށް ވީގޮތެއް އަދިވެސް ނޭނގެއެވެ.

ރިލްވާނަށް ވީގޮތް ފުލުހުންނަށް ބުނެއެއް ނުދެވުނެވެ.

ރިލްވާންގެ މައްސަލައިގައި ފެށުނީއްސުރެ ފުލުހުންގެ ފަރާތުން ފެންނަމުން ދިޔަ ކަންކަމަށް ވަނީ ގިނަގުނަ ފާޑުކިޔުންތައް އަމާޒުވެފައެވެ. ތަޙުޤީޤު ލަސްވާ ވާހަކައާއި، އެ މައްސަލައަށް އެކަށީގެންވާ ސަމާލުކަން ނުދޭ ވާހަކައެވެ. އަމިއްލަ ޖަމުޢިއްޔާއަކުން ކުރި ފެންވަރަށް ވެސް ފުލުހުންނަށް ތަޙުޤީޤު ނުކުރެވުނު ވާހަކައެވެ. މައްސަލައާއި ގުޅޭގޮތުން ފުލުހުންނަށް އެނގޭ ކަންކަން އާއިލާއާއި ހިއްސާ ނުކުރާ ކަމުގެ ތުޙުމަތެވެ. އެންމެފަހުން އެ މައްސަލައިގެ ތުޙުމަތުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންދިޔަ އެންމެން ދޫކޮށްލައި، އޭގެ ތެރެއިން ބަޔަކު ރާއްޖެއިން ބޭރަށް ފުރުމުގެ ފުރުޞަތުދިނީއެވެ.

އެ މައްސަލައިގައި ތުޙުމަތު ކުރެވުނު މީހުން ފިލުމުގެ ފުރިހަމަ ޒިންމާ ކަމާއިބެހޭ ހުރިހާ ފަރާތްތަކުން ނަގަން ޖެހޭނެއެވެ. ސިޔާސީ މީހުން ގެންގުޅޭ އުސޫލުން އެމީހުން ބަންދު ކޮށްގެން ނުގެންގުޅެވުނީތީ ފުލުހުންނެވެ. ސިޔާސީ މީހުން ދަތުރުމަތީގައި ތިއްބައިވެސް ޕާސްޕޯޓް ކެންސަލްކުރާ އުސޫލުން، އެމީހުންގެ ޕާސްޕޯޓް ކެންސަލް ނުކުރެވުނީތީ އެކަމާއި ގުޅޭ މުއައްސަސާތަކެވެ.

ރިލްވާން ވަގަށްނަގައި، ގެއްލުވާލިތާ 3 އަހަރުވެގެންދިޔައިރު، މި މައްސަލައިގައި ފުލުހުންނާއި ސަރުކާރުގެ ފަރާތުން ފެނިގެން ދިޔަ ކަންކަމަކީ އިންސާނީ ޠަބީއަތުގައިވާ ދެކަމެއްގެ ތެރެއިން އެއް ކަމެއްގެ ސާފު ހެކިތަކެވެ.

ރިލްވާން ވަގަށްނަގައި ގެއްލުވާލި ފަހުން، ރިލްވާންއަށް ވީގޮތެއް ހޯދުމަށް އާއިލާއިން ކުރި އަމަލީ ކޮންމެ މަސައްކަތަކަށް ފުލުހުން ވަނީ ހަރުކަށިކަމާއި އެކު ދެކޮޅު ހަދައި އެކަންކަން ހުއްޓުވާފައެވެ.

ރިލްވާން ގެއްލުވާލިތާ އަހަރު، ދެއަހަރު އަދި ތިން އަހަރު ފުރުނު ދުވަހު އޭނާގެ އާއިލާ އާއި އެކުވެރިން، ސުވާލު މާޗުގެ ނަމުގައި ކުރިއަށް ގެންދިޔަ ހިނގާލުންތަކަށް ފުލުހުން ވަނީ ބާރާއި އެކު ހުރަސްއަޅާފައެވެ. ރިލްވާންގެ މަންމަ އާއި ބައްޕަގެ ލޮލަށް އެއިން ކޮންމެ ފަހަރަކު މިރުސްފެން އަޅައި ފުރައިލިއެވެ. މަޑުމައިތިރި ކަމާއި އެކު ކުރިއަށްގެންދިޔަ އެއިން ކޮންމެ ހިނގާލުމަކަށް ހުރަސްއަޅައި ހިނގާލުމުގައި ހަމަނުޖެހުން އުފެއްދިއެވެ. ރިލްވާންގެ ރަޙުމަތްތެރިންނަށް އެތައް އެތައް އަނިޔާއެއް ދިނެވެ.

އެންމެ ފަހުން ރިލްވާން ވަގަށް ނަގައި ގެއްލުވައިލިތާ 3 އަހަރުވުމާއި ގުޅިގެން ބޭއްވި ހިނގާލުން ހުއްޓުވުމަށް ހަރަކާތްތެރިވި ފުލުހުންގެ އަމަލުތައް ހުރީ ފަހުގެ ތާރީހެއްގައި ސިޔާސި މުޒާހަރާއެއް ހުއްޓުވާން ވެސް ނޫޅޭހާ ހަރުކަށިކޮށެވެ. ހިންގާލުން ދެކޮޅުން ބައްދައި، ހިނގާލުމުގެ ބައިވެރިން ޒާތެއްގެ ކޮށްޓަކަށްލައި ބަންދު ކުރުމަށްފަހު ދެން ފެށި މިރުސްފެން ޖަހާށެވެ. ހީވީ ސްޓޮކް ހުސްކުރަން ދިމާކޮށްފައި ތިބިހެންނެވެ. މިރުސްފެން ޖެހުމުގެ ފޯރީގައި ތިބިވަރުން އެއް ފުލުހަކަށް އަނެއް ފުލުސްމީހާގެ މޫނަށް މިރުސްފެން ޖެހުނުއިރުވެސް ރޭކާނުލިއެވެ. ހިނގާލުމުގައި ބޭނުންކުރި ބެނަރތަކާއި ބޯޑުތައް އަތުލުމަށް އުޅުނުއިރު ހީވަނީ މީހެއްގެ އަތުން ބަރު ހަތިޔާރެއް އަތުލުމަށް ފުލުހުންގެ ފައުޖެއް އަރައިގަނެގެން އުޅުނު ހެންނެވެ.

ކުރުކޮށް ބުނާނަމަ، ރިލްވާނެގ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ފުލުހުންގެ "ބަޓަނަކަށް" އޮބެއެވެ.

މިހެން ވާން ދިމާވަނީ ބެލެވޭ ގޮތުގައި ކުރިން ބުނެވުނު އިންސާނީ ޠަބީއަތުގެ ދެ ސިފައިންކުރެ އެއް ސިފަ ހާމަވުމަށް މެދުވެރިވުމުންނެވެ. އެއްކަމަކީ، ތިމާއާއި ހަވާލުވާ މަސައްކަތެއް އެކަށޭނަ ގޮތުގައި ކުރުމަށް ނުކުޅެދުމުން، އެވާހަކަ ދައްކާ މީހުންދެކެ އާދެވޭ ގަދަ ރުޅިއެވެ.

ރިލްވާންގެ މައްސަލައަށް ބަލާއިރު، ފުލުހުންގެ ނާޤާބިލިއްޔަތުކަން ކިތަންމެހާ ވެސް ރަނގަޅަކަށް ފެނިގެންދިޔައެވެ. ރިލްވާން ގެއްލުވައިލިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމިއްލަ ޖަމުޢިއްޔާއަކުން އެ މައްސަލަ ތަޙުޤީޤުކޮށް ނެރުނު ރިޕޯޓް ފުލުހުން އޭރު ދޮގުކުރިއެވެ. އޭގެ އަހަރެއްފަހުން ފުލުހުންގެ ތަހުޤީޤަށް ހޯދުނު މަޢުލޫމާތު ކަމަށްބުނެ ހާމަކުރީ ޖަމުޢިއްޔާއިން ވެސް ހާމަކުރި ވާހަކަތަކެވެ. ޤާބިލިއްޔަތުކަން އުތުރި އަރަނީއެވެ.

ދެވަނަ ކަމަކީ، ތިމާއަށް ހިންގުނު ޖަރީމާއެއްގެ ވާހަކަ ދެއްކުމުން ތިމާއަށް އެ އިހުސާސްވާ ރުޅިއެވެ. އެ ހިތް ނުތަނަވަސްވުމުގައި އެޅޭ ޅައެއްޗެއްސެވެ. ރިލްވާންގެ އާއިލާއިން ތުޙުމަތު ކުރަނީ މިފަދައިންނެވެ. ރިލްވާން ވަގަށް ނަގައި ގެއްލުވާލުމުގައި ސަރުކާރުގެ އަތެއްވާ ކަމަށް ރިލްވާންގެ މަންމަ ވަނީ ސާފު ބަހުން ތުޙުމަތުކޮށްފައެވެ.

އުފެދޭ ސުވާލަކީ ރިލްވާންގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ފުލުހުން މިވަރަކަށް މި "ހާޑުވަނީ" މިއިން ކޮން ސަބަބަކާއި ހުރެތޯއެވެ؟ އެ ސުވާލަށް ޖަވާބު ލިބުނު ދުވަހަކުން ރިލްވާނަށް ވީގޮތެއް ހޯދޭނެ ކަމުގެ އުއްމީދު އާވެގެން ދާނެއެވެ.

އަދި އެއްވާހަކައެވެ. މި ވާހަކަތައް މިހެން ދެކެވުނީތީ، ރައްޔިތުންނަށް ބިރުދެއްކުމަށް ފުލުސް ކޮމިޝަނަރު އަލަށް ދައްކަވަން ފައްޓަވައިގެން ތިޔަ އުޅުއްވާ އަބުރުގެ ޤާނޫނުގެ ވާހަކައިން މި ވާހަކަތަކަށް ރައްދު ދެއްވުމުގެ ކުރިން އެއްކަމެއް ކޮށްދެއްވާށެވެ. ތިމަންނާގެ މާމަ މަރުވިތާ ވިހި އަހަރުވެއްޖޭ، މާމަ ހޯދާކަށް ތިމަންނާއެއް ނޫޅެމޭ ރިލްވާންގެ އާއިލާއާއި ދިމާލަށް ބުނި ފުލުސްމީހާގެ މައްސަލަ ބަލައިދޭށެވެ. ފުލުހުން އުޅޭ ގޮތުން ލަދުން ބޯހަލާކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 މަސް ކުރިން | ރިވިއު ކުރީ: ހުޝާމް މުހަޢްމަދް


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Faharuga

6 މަސް ކުރިން

Fuluhun kuri kamakah vaathy hardu vaane ehnu..!

0
0