18 އޯގަސްޓު 2017 | ހުކުރު | މާ 08

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

  • ރިލްވާން ވަގަށްނަގާފައިވަނީ 8 އޮގަސްޓް 2014 ގައި
  • ރިލްވާނު ވަގަށް ނެގި މައްސަލަ އަދިވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުން
  • މި މައްސަލައިގައި މާބޮޑު ކުރިއެރުންތަކެއް ހޯދިފައިނުވާތީ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

| | | FathimathShana | |



ރިލްވާން އޭނާގެ މަންމައާއި އެކު -- ފޮޓޯ:ގޫގުލް

ނޫސްވެރިޔާ އަހުމަދު ރިލްވާން ނުވަތަ ސޯޝަލް މީޑިޔާގެ ނަމުންނަމަ "މޮޔަމީހާ" ގެއްލުނުތާ ތިން އަހަރުވެފައިވާ އިރު އޭނާއަށް ވީގޮތް އޮޅުންފިލުމަށް ކެނޑިނޭޅި ގިނަ ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ.

ރިލްވާނަކީ ގިނަ ބަޔަކާއި ގާތް ގުޅުމެއް ބޭއްވި ދުނިޔެއަށް ލޯހުޅުވިހުރި ނޫސްވެރިއެއްކަމަށް ގިނަ ބަޔަކު ދެކެ އެވެ.

ރިލްވާން ގެއްލުނުތާ މިއަދަށް ތިން އަހަރުވެފައިވާއިރު އަދިވެސް އޭނާ އަށް ވީގޮތް ހޯދިފައިނުވުމަކީ އޭނާގެ އާއިލާއާއި އެކުވެރިންނާއި މުޅި މުޖުތަމައުވެސް ކަންބޮޑުވާ މައްސަލައެކެވެ. ރިލްވާނަށް ވީގޮތް އޮޅުންފިލުވާދިނުމަށް ކަމާ ގުޅޭ މުއައްސަސާތައް އުޒުރުވެރިވެފައިވާ އިރު ފުލުހުންގެ ތަހުގީގު އޮތީ ހުއްޓިފަ އެވެ. އެ މައްސަލައިގައި މާބޮޑު ކުރިއެރުމެއް ލިބިފައިނުވާތީ ރިލްވާންގެ އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރިލްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު މާލެއާއި ހުޅުމާލެއިން ލިބުނު ސީސީޓީވީ ފުޓޭޖާއި، ގަދަކަމުން ރަތް ކާރަކަށް މީހަކު އެރުވި އެރުވުމާއި، އެ ކާރުގެ ޑިކީން ފެނުނު އިސްތައްޓާއެކު ހެކިދެނީ ގަދަކަމުން ބަޔަކު ރިލްވާން ރަހީނު ކުރުން ކަން ފުލުހުން ވަނީ ހާމަކޮށްފަ އެވެ. އެ މައްސަލައިގައި ރިލްވާނު ގެއްލުނުތާ މަސްދުވަހުގެ ތެރޭ ތިން މީހަކު ހައްޔަރު ކޮށް އެއީ ތަހުގީގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ ތިން މީހުންވެސް ވަނީ ދޫކޮށްލާފަ އެވެ. އޭގެ ފަހުންވެސް ދެ މީހަކު ހައްޔަރުކޮށް ވަނީ ދޫކޮށްލާފަ އެވެ.

ރިލްވާން ވަގަށް ނެގި ކަމަށް ފުލުހުން ޔަގީންކުރުމަށް 600 ދުވަސް ނެގި އިރު ރިލްވާންގެ އާއިލާ އާއި އޭނާގެ އެކުވެރިން ކުރިއަށްގެންދިޔަ ތަހުގީގުން އޭނާ ވަގަށް ނަގާފައިވާކަން 17 ދުވަހުގެ ތެރޭގައި ޔަގީން ކޮށްފައިވެ އެވެ. ފުލުހުން ތަހުގީގު ކުރިއަށްގެންދާ ކަމަށް ބުނަމުންދާއިރު އެ ތަހުގީގު ކުރިއަށްދާކަމަށް މިއަދު އޭނާގެ އާއިލާއިން ގަބޫލެއް ނުކުރެ އެވެ. ތުހުމަތު ކުރެވޭ މީހުންނާއި ހެއްކާއި ގަރީނާ ހުރެމެ، އެ މައްސަލަ އެއްވެސް ކޮޅެއްގައި ޖެއްސިފައިނުވުމަކީ ފުލުހުންގެ ޒިންމާދާރު ކަމާމެދު އޭނާގެ އާއިލާއިން ސުވާލު އުފައްދާކަންކަމެވެ. މިކަމުން ރަމްޒުކޮށްދެނީ ދިވެހި ރައްޔިތުންނާމެދު ދިވެހި ސަރުކާރުގެ އެއްވެސް ހަމްދަރުދީއެއް ނެތްކަން ކަމަށްވެސް އޭނާގެ އާއިލާއިން ގަބޫލުކުރެ އެވެ.

ފާއިތުވި ތިން އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް މެންބަރުނާއި ސަރުކާރުގެ އެކި ވަޒީރުންގެ ގާތަށް ގޮސް އޭނާގެ އާއިލާއިން ރިލްވާން ގެއްލުވާލި މައްސަލައަށް އިންސާފުހޯދާދިނުމަށް ގޮވާލި އެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރުމަށް އެތަށް ފަހަރެއްގެ މަތިން ފުރުސަތަކަށް އެދުނު ނަމަވެސް ތިން އަހަރު ވެގެންދިޔަ އިރުވެސް އެފުރުސަތެއް ނުލިބުނެވެ. ގިނަ ބަޔަކު ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަންވެސް ބޭރުކޮށްލާފައިވާ ކަމީ އާއިލާއިން ނުހަނު ކަންބޮޑުވާ މައްސަަލައެކެވެ.

ރިލްވާން ގެއްލުނުތާ ތިން އަހަރުވެގެންދިޔަ އިރު އޭނާއަށް ވީގޮތެއް ހޯދުމަށް އެންމެ އިސްކޮށް މަސައްކަތް ކުރި އޭނަގެ އެކުވެރިޔާ ޔާމީން ރަޝީދު ވެސް ވަނީ އަނިޔާވެރިގޮތަކަށް މިއަހަރުގެ އޭޕްރީލް މަހުގައި މަރާލާފަ އެވެ.

ރިލްވާނު ވަގަށް ނެގި މައްސަލައާއި ޔާމީން އަނިޔާވެރިކޮށް މަރާލި މައްސަލައާއި ދެންވެސް އަނިޔާވެރިކޮށް މަރާލެވޭ އާންމު ރައްޔިތުންގެ މައްސަލަތަކުގެ ތަހުގީގު ފިނިހަކަ ސްޕީޑުގައި ކުރިއަށްދާ އިރު ބައެއް ސިޔާސީ މީހުންގެ މައްސަލަތައް ކާއިރިކާއިރިން އަޑުއެހުންތައް ބާއްވާ،ތަހުގީގު ނިމެންދެން ހައްޔަރުގައި މީހުން ބަހައްޓައިގެންވެސް މައްސަލަތައް ނިންމާލާތަން މިއަދު ފެންނަމުންދެ އެވެ.

މިފަދަ މައްސަލަތަކުގައި އެންމެ އެކަށީގެންވާ ގޮތަށް ތަހުގީގު ކުރިއަށް ނުދާ އިރު ހައްގާއި އިންސާފު ހޯދުމަށް ގޮވާލަމުންދާ ގޮވާލުންތަކުގެ އަޑު ނުކެނޑެ އެވެ. މިފަދަ ކޮންމެ ހާދިސާއަކުންވެސް އާންމު ރައްޔިތުންގެ ހިތަށް ގެނުވަނީ ނާމާން ކަމާއި ބިރުވެރިކަމެވެ. އަދި މިފަދަ ބިރުވެރިކަން ކުރިމަތިކުރުވާ ހާދިސާތައް ދުވަހެއް ދުވަހަކަށް މުޖުތަމައުން ދަނީ އިތުރުވަމުންނެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ