28 ޖުލައި 2017 | ހުކުރު | ފުސް 14

މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި އަނބުރާ ނެންގެމަށް އެ ޕާޓީން އަންގައިފި

  • މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރެއްވި 
  • މަސީހުގެ މައްސަލަ މި މަހުގެ 24 ކުރިން އެޖެންޑާކުރަންޖެހޭ
  • މަސީހާ ދެކޮޅަށް ސޮއިކުރެއްވި މެމްބަރުންގެ ގޮނޑި ނުގެއްލޭ

| | |



ޕީޕީއެމްގެ މެމްބަރުން މަސީހާއެކު: ޕީޕީއެމްގެ 11 މެމްބަރަކު މަސީހާ ދެކޮޅަށް ސޮއި ކުރެއްވި -- ފޮޓޯ:ޓުވިޓާރ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރިންގެ ސޮއި އަނބުރާ ނެންގެވުމަށް ޕާޓީން އަންގައިފި އެވެ

ސައި އަނބުރާ ނެގުމަށް ސިޓީ ފޮނުއްވިއިރު، މަސީހާ ދެކޮޅަށް ޕީޕީއެމްގެ 11 މެމްބަރަކު ސޮއި ކުރައްވާފައިވާއިރު، އިސްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ފިޔަވައި އަނެއް  10 މެމްބަރުން ވަނީ ޕާޓީން ވަކިވެވަޑައިގަތުމަށް ސިޓީ ފޮނުއްވައިފަ އެވެ. 

ސުޕްރީމް ކޯޓުން އާދީއްތަ ދުވަހުގެ ރޭ ނެރުނު އަމުރާ ގުޅިގެން، މަސީހާ ދެކޮޅަށް ސޮއި ކުރެއްވި މެމްބަރުންގެ ގޮނޑި ނުގެއްލޭނެ ކަމަން ވަނީ ކަށަވަރުވެފަ އެވެ،

ޕީޕީއެމްއިން މެމްބަރުންނަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މަސީހާ ދެކޮޅަށް ސޮއި ކުރައްވާފައިވަނީ ޕާޓީގެ ފިކުރާ ހިލާފަށް ކަމަށް ކަމަށާއި، އެއީ ޕާޓީގެ އަސާސީ ގަވާއިދާ އަދި ޕީޖީ ގްރޫޕްގެ ވެސް ގަވާއިދާ ހިލާފު ކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އެފަދަ ގަރާރެއްގައި ސޮއިކުރެއްވުމަކީ ޕާޓީގެ އަސާސީ ގަވާއިދުގެ 38 ވަނަ މާއްދާގެ ހ. އާއި ށ. އާ ހިލާފު އަދި ޕާލިމެންޓްރީ ގްރޫޕުން ފާސްކޮށްފައިވާ އެ ގްރޫޕްގެ ހިންގާ ގަވާއިދުގެ 22 ވަނަ މާއްދާއާ ހިލާފަށް ކުރައްވާފައިވާ ސޮޔެއް ކަމަށް މެމްބަރުންނަށް ފޮނުވި ސިޓީގައިވެ އެވެ. އެހެންވެ، މެމްބަރުން ކުރައްވާފައިވާ ސޮއި ހޯމަ ދުވަހުގެ ރޭ 12 ޖެހުމުގެ ކުރިން ނަގަންޖެހޭނެ ކަމަށް ވަނީ އަންގައިފަ އެވެ.

ސިޓީ ފޮނުއްވި ނަމަވެސް ސޮއި އަނބުރާ ނުނަންގަވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވަނީ ވިދާޅުވެފަ އެވެ. 

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި 45 މެމްބަރަކު ސޮއި ކުރައްވާފައިވެ އެވެ. މި ޖުލައި 3 ވަނަ ދުވަހު މި މައްސަލަ ހުށަހެޅުމާއެކު، މައްސަލައިގައި ސޮއި ކުރެއްވި ޕީޕީއެމްގެ މެމްބަރުން ޕާޓީން ވަކިކުރުމަށް މަގުފަހި ކުރުމަށްޓަކައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް  ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ. އެ މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ޕާޓީ ވަކިވެއްޖެ ނަމަ، ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ ގޮނޑި ގެއްލިގެންދާނެ ކަމަށެވެ. މި ހުކުމަށް ފަހު ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ބުނެފައި ވަނީ  ހުކުމުގައި ބަޔާންކޮށްފައިވާ ތިން ހާލަތުންކުރެ ހާލަތަކީ އެ ހުކުމްކުރި ތާރީހުގެ ކުރީގައި ވުޖޫދުވެފައިވާ ހާލަތެއް ނަމަ، ނުވަތަ އެއިން ހާލަތަކާ ގުޅޭ އެއްވެސް އިޖުރާއަތެއްގެ މައްޗަށް ބިނާކޮށް އެޅިފައިވާ ނުވަތަ އަޅާ އެއްވެސް ފިޔަވަޅެއް ނަމަ އެފަދަ އެއްވެސް ހާލަތެއްގެ މައްޗަށް ނުވަތަ އެފަދަ އެއްވެސް ހާލަތަކާ ގުޅިފައިވާ އިޖުރާއަތެއް ނުވަތަ ކަމެއްގެ މައްޗަށް އެ ގަޟިއްޔާގެ ހުކުމުގެ އަސަރު އެއްވެސް ގޮތަކުން މާޒީއަށް ރުޖޫއަވާގޮތަށް ތަންފީޒު ކުރުން ހުއްދަކުރެވިފައިނުވާކަން އެ ހުކުމުން ސާފުކޮށް އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ކުރި ހުކުމާ ގުޅިގެން ފާޑުކިޔުންތައް އަމާޒުކުރަމުން ދަނިކޮށް، އާދީއްތަ ދުވަހުގެ ރޭ ނެރުނު އަމުރުގައި ވަނީ، ސިޔާސީ ޕާޓީއަކުން އެ ޕާޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ވަކިކުރުމުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނު އާއި ޕާޓީގެ އަސާސީ ގަވާއިދުގައި ނުވަތަ އެ ނޫން ގާނޫނަކުން ނުވަތަ ގަވާއިދަކުން ވިޔަސް ކަނޑައަޅާފައިވާ ގާނޫނީ އިޖުރާއަތުއަށް ތަބާވުން އިސްތިސްނާ ކުރެވިފައި ނުވާ ކަން އެ ހުކުމުގެ ގަޟިއްޔާއިން އެނގޭ ކަމަށެވެ.

މި އަމުރުގެ ސަބަބުން މަސީޙުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެކަން ވަނީ ކަށަވަރުވެފަ އެވެ. 

މިއީ މަސީހުގެ މައްސަލަ މަޖިލީހަށް ވެއްދި ތިން ވަނަ ފަހަރެވެ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ މާޗް 8، 2017 ގަ އެވެ. އެ ފަހަރު ހުށަހެޅި 26 މެމްބަރުންގެ ސޮޔާއެކު އެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅި ދުވަހު އިދިކޮޅު ފަރާތްތައް މަޖިލީހުން ބޭރުކޮށް، ރޯލް ކޯލް ވޯޓް ނަގައި މައްސަލަ ބޭރުކޮށްލި އެވެ. ދެ ވަނަ ފަހަރަށް މަސީހުގެ މައްސަލަ ހުށަހެޅީ 31 މެމްބަރުންގެ ސޮޔާއެކު އޭޕްރީލް 9 ގަ އެވެ. އެ ފަހަރު އެ މައްސަލަ މަޖިލީހުން ބޭރުކޮށްލީ، މަޖިލީހުގެ ގަވާއިދަށް ކުއްލިއަކަށް ގެނައި ބަދަލާއެކު އެވެ. ގަވާއިދަށް ގެނައި ބަދަލުގައި ބުނެފައިވަނީ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު އެވެ.

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ