19 އޭޕުރިލް 2018 | ބުރާސްފަތި | 12 އައްސިދަ

އަދީބުގެ ސިޓީން ރާއްޖޭގެ ކޯޓްތައް ސަދޫމާ އެއްވަރުކަން އެނގިއްޖެ!؟

  • ސްޓީލިން ޕެރެޑައިސްގައި ވެސް މި ވާހަކަތައް ހިމެނޭ
  • ނަޝީދު މިނިވަން ކުރުމަށް އދ. ގެ ވޯކިން ގްރޫޕުން ގޮވާލި
  • ބައެއް ގައުމުތަކާއި އީޔޫއިން ގަރާރުތަކެއް ފާސްކުރި
އަޒުމޫން އަހުމަދު | azmoon_ahmed

| 16 ޖުލައި 2017 | އާދީއްތަ 14:20 | |ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ގޫގުލް

އެމްޑީޕީގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު(އަބްދުﷲ ގާޒީ) ސިފައިންގެ ބެލުމުގެ ދަށުން ގިރިފުށީގައި އެކަހެރިކުރި މައްސަލައިގައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވާފައިވަނީ، 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. 

އެމަނިކުފާނުގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. ޝަރީއަތުގެ ފުރަތަމަ އަޑުއެހުން އެ އަހަރުގެ ފެބްރުއަރީ 23 ގައި ފެށީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާ ނުލައެވެ. އަވަސް ޝަރީއަތެއްކޮށް، "ހަވާ ފަޓާސްބަރި ދުވެލީގައި" ހުކުމް ކޮށްފައިވަނި މާޗް 13ގައެވެ. 

ރައީސް ނަޝީދު ޖަލަށްލުން ވެގެން ދިޔައީ ސިޔާސީ ގޮތުން ހަމަޖެހުން ލިބިފައިއޮތްވާ އަނެއްކާވެސް ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ރާއްޖެ ވެއްޓުނު ކަމަކަށެވެ. އެމަނިކުފާނު ޖަލަށްލާފައިވަނީ ނުހައްގުން ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުމެ ބޮޑެތި މުޒާހަރާތަކެއް ކޮށް ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާފައިވެއެވެ. އަދި ބޭރުގެ ޖަމިއްޔާތަކާއި ބައެއް ގައުމުތަކުން ވެސް ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލާފައެވެ. އދ.ގެ ވޯކިން ގުރޫޕުން ވެސް ވަނީ ރައީސް ނަޝީދު ދޫކޮށްލުމަށް ގޮވާލައި ގަރާރެއް ނެރެފައެވެ. ހަމައެގޮތަށް އެފަދަ ގަރާރެއް އީޔޫއިން ވެސް ނެރެފައިވެއެވެ. ނަމަވެސް ގަރާރުތަކަށާއި ގޮވާލުންތަކަށް ސަރުކާރުން ދިން ޖަވާބަކީ ރައީސް ނަޝީދު ޝަރުއީ ހައްލެއް ހޯދުމަށް އިސްތިއުނާފު ކުރުމަށެވެ. 

ރައީސް ނަޝީދުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި 13 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވަނީ ހުކުމް ކަށަވަރުކުރުމަށް ކަމަށް ބުނެ ދައުލަތުގެ ފަރާތުންނެވެ. އެ މައްސަލަ ބަލައިގަތުމާމެދު ގޮތެއް ނިންމުމަށް ހައިކޯޓުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއިދުކޮށްފައެވެ.

ހައި ކޯޓުގެ އެ ނިންމުން ދައުލަތުން އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ އަހަރުގެ ޖޫން 27 ވަނަ ދުވަހު ކުރި ހުކުމުގައިވަނީ އެ މައްސަލާގައި ކްރިމިނަލް ކޯޓާއި ހައި ކޯޓުގެ ނިންމުން ވެސް ރަނގަޅު ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ރައީސް ނަޝީދުގެ ފަރާތުން އަމިއްލައަށް ހައި ކޯޓަށް ހުށަހަޅާފައި ނެތުމުން ކްރިމިނަލް ކޯޓުގެ އެ ހުކުމަކީ ޗެލެންޖް ކުރުމުގެ ފުރުސަތު ނެތް "ނިހާއީ ހުކުމެއް" ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލުމުގެ ފަހަތުގައި ރައީސް އަބްދުﷲ ޔާމީން ދައުރެއް އޮތް ކަމަށް ބުނެ މިދިޔަ އަހަރުގެ ފެބްރުއަރީ 11 ގައި ރައީސް ނަޝީދުގެ އޮފީހުން ބަޔާނެއް ނެރެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެ އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން، ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށުގެ ދައުވާ އުފުލާފައި ވަނީ ސީދާ ރައީސް ޔާމީން ޕްރޮސިކިޔުޓަރު ޖެނެރަލް އަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެން ކަން ޔަގީންވާ ކަމަށެވެ.

"މި އޮފީހަށް ލިބިފައިވާ ކަށަވަރު މައުލޫމާތުން ޔަގީންވާ ކަމަކީ، ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ އިން ކުރެވުނު ދައުވާ އަނބުރާ ގެންދަވައި، ޓެރަރިޒަމްގެ ކުށުގެ ދަޢުވާ އުފުލާފައި ވަނީ ސީދާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ޕްރޮސިކިޔުޓާ ޖެނެރަލް އަށް އެކަން އެހެން ކުރެއްވުމަށް އަމުރުކުރައްވައިގެންކަމެވެ." ބަޔާނުގައިވެ އެވެ.

އަބްދުﷲ ގާޒީ އެކަހެރި ކުރި މައްސަލައިގައި، ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު އުފުއްލެވީ ދައުލަތުގެ މުއައްޒަފަކަށް ލިބިފައިވާ ބާރަކުން ކުށްނުކުރާ މީހަކު ހިފައި ހައްޔަރު ކުރުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަކި ކުރި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އެ ދައުވާ ބަދަލު ކުރެއްވީ ޓެރަރިޒަމްގެ ދައުވާ އަކަށެވެ. އެ މައްސަލައަކީ ޓެރަރިޒަމުގެ މައްސަލައެއް ނޫން ކަމަށާއި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ނުކުރެވޭނެ ކަމަށް ސިޔާސީ ހުރިހާ ލީޑަރުން ކަހަލަ ގޮތަކަށް ވަނީ އިއްތިފާގުވެފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، އަދާލާތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފާއިތުވެދިޔަ ފަހުން، އަލްޖާޒީރާ އިން މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ނެރުނު "ސްޓީލިންގ ޕެރެޑައިސް" ޑޮކިއުމެންޓްރީގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާ ވަރަށް އަރިސްކޮށް އުޅުނު މުހައްމަދު ހުސެއިން(އޮއިއްޓޭ) ބުނާގޮތުން، ރައީސް ނަޝީދުގެ މައްޗަށް ހުކުމް ކުރި ދުވަހު މީހަކު ކައިރިއަށް ގޮސް ލިޔުމެއް ނަގަން އަދިބު އޭނާ އަށް ގުޅުއްވައި ވިދާޅުވި އެވެ. އެ މީހާ ދިނީ ސިޓީ އުރައަކަށް ނުލާ އޮތް ލިޔުމެއް ކަމަށާއި އެ ލިޔުން ކިޔާލުމުން އެއީ ރައީސް ނަޝީދުގެ ހުކުމްކަން އެނގުނު ކަމަށް އޮއިއްޓޭ ބުނެ އެވެ. އޮއިއްޓޭ ބުނީ އެ ލިޔުން ގެންގޮސް އަދީބުގެ އަތްޕުޅަށް ދިނުމުން ހިނިވަޑުވަން ފެއްޓެވި ކަމަށާއި އަދި ވަގުތުން ރައީސް އަބްދުﷲ ޔާމީނަށް ގުޅުއްވި ކަމަށެވެ. އަދި އެ ހުކުމް ބަދަލުކުރަންޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށް ވެސް އޮއިއްޓޭ ބުނެ އެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރުން ރަސްމީ ސިފައެއްގައި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު، ހަގީގަތް މިވަނީ ފަޅާއަރާފަ އެވެ. ރައީސް ނަޝީދަށް ނުހައްގުން، ރާވައިގެން ދިން އަނިޔާގެ ތަފްސީލުތައް ހާމަވީ އެވެ. ތެދު ހަގީގަތަކީ ތާއަބަދަށް ފޮރުވޭނެ އެއްޗެއް ނޫނޭ ބުނާ އުސޫލުން، އަދީބު މެދުވެރިއަކަށް ވެގެން ހަގީގަތް މިވަނީ ކިޔައިދީފަ އެވެ. ސުޕްރީމް ކޯޓަށް އަދީބު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކޮށް، ކުރި ހުކުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔެފައިވާ ހުކުމެއް ނޫން ކަމަށާއި، އެ ހުކުމް ލިޔުނު ފަރާތް އެނގިވަޑައިގަންނަވާ ކަމަށެވެ. 

"ދިވެހިރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް ކުރެވުނީ ސަރުކާރުގެ ރޭވުމާއި، ނުފޫޒުގެ ތެރެއިންކަން އަޅުގަނޑު ދެނެހުރީމެވެ. އަޅުގަނޑަށް އެ މައުލޫމާތު އެނގެނީ އަޅުގަނޑަކީ އެއިރު ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު ކަމަށްވެފައި، ސަރުކާރުގެ ވަރަށް ގިނަ ކަންކަން ހިނގަމުން ދިޔައީ އަޅުގަޑުގެ އެނގުމުގެ ތެރެއިން ކަމަށްވާތީ އެވެ." އަދީބުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ، ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކުރުމާއި ގުޅިގެން ރައީސް ނަޝީދު އިސްވެ ހުންނަވައިގެން ނާޒިމްގެ ދިފާއުގައި ފެއްޓެވި ސިޔާސީ މަސައްކަތްތައް ނިމުމަކަށް ގެނެއުމަށް ކަމަށެވެ. "ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރެވުނީ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ހައްޔަރުކުރެވުމާ ގުޅިގެން، ރައީސް ނަޝީދު އިސްވެ ހުންނަވައި ނާޒިމްގެ ދިފާއުގައި ސިޔާސީ މަސައްކަތްތައް ފެއްޓެވުމުން، އެކަން ނިމުމަކަށް ގެނެއުމަށް ކަންވެސް އަޅުގަނޑަށް އެނގެ އެވެ." އަދީބު ވިދާޅުވެފައިވެ އެވެ.

އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްޗަށް ކުރެވުނު ހުކުރުމަކީ ޝަރުއީ ކޯޓެއްގެ ފަނޑިޔާރަކު ލިޔުނު ހުކުމެއް ނޫން ކަމަށެވެ. ހުކުމް ލިޔުނު ފަރާތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ފާހަގަކުރައްވަމުން އަދީބު ވިދާޅުވީ ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށެވެ. ނަމަވެސް، އެ ހުކުމުގެ ލިޔުމަށް ބަދަލު ގެނައީ ކޮންފަރާތެއްގެ އަމުރަށް ކޮން ފަރާތަކުން ކަންވެސް އެނގިވަޑައިގަންނަވާ ކަމަށް އަދީބު ވިދާޅުވެފައިވެ އެވެ.

އެއީ ކޮން ފަރާތެއް ކަމެއް އަދީބު ހާމަ ނުކުރެއްވި ނަމަވެސް، ތުހްމަތު ކުރެވެނީ ކޮން ބޭފުޅަކަށް ކަން އެނގެ އެވެ.  ދިވެހި ދައުލަތުގެ ބާރުތައް މުށު ތެރެއަށް ލައިގެން، ޝަރުއީ ދާއިރާއާއި އެންމެހާ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާތައް މިހިރަ ފަޅާއަރަނީ އެވެ.  ރައީސް ނަޝީދާ ދޭތެރޭގައި ކަންތައް ކުރި ގޮތެއް ސާބިތު ހެއްކާއެކު ސުޕްރީމް ކޯޓުގައި ވިދާޅުވެ ދެއްވާނެ ކަމަށް އަދީބު މިވަނީ ވިދާޅުވެފަ އެވެ. ދެން އޮތީ އެންމެ ސުވާލެކެވެ. އިންސާފު ގާއިމްކޮށްދިނުމުގެ އެންމެ މަތީ މަރުހަލާއިން މި ފުރުސަތު ދޭނެތޯ އެވެ؟ ނޫނީ ބޭއިންސާފު އާންމުވެފައި ބޭއްވުން ވަރިހަމަ ކުރާނީތޯ އެވެ؟ ހުދުމުހްތާރު ވެރިކަމެއް ގާއިމު ކުރެވެނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި މަގާމުތަކުގެ ވެރިންގެ ވެސް ވާގިިވެރިކަން ދީގެންނެވެ. ނަމަވެސް އެވެރިންނަށް އެނގެންވީ ހުދުމުހްތަރާުކަމެއް އަބަދަށް ދެމި ނޯންނާނެ ކަމެވެ. ތިބާމެން ވިސްނާށެވެ. މިރާއްޖެ މިދަރަޖައަށް ވައްޓާލުމުގައި ފަނޑިޔާރުންގެ އަނިޔާވެރި ނިންމުންތަކުން ނުކުތް ނަތީޖާ ހިމެނެ އެވެ. އެ ނިންމުންތައް ސަދޫމުގެ ކޯޓްތަކާ އެއް ފެންވަރުކަން އަދީބުގެ ސިޓީން މިވަނީ ހާމަވެފަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 މަސް ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ހަސަން

9 މަސް ކުރިން

ރައީސް ނަޝީދުގެ މައްސަލައިގައި "ފުރަތަމަ ޑްރާފްޓް ކުރެވުނު" ހުކުމުގައި އޮތީ އެމަނިކުފާނަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށް، ހުކުމް ތަންފީޒް ކުރުން 3 އަހަރު ދުވަހުގެ މުއްދަތަކަށް ފަސްކުރާ ގޮތަށް ކަމަށް އަދީބުގެ ސިޓީގައި އޮތްކަމަށްވާނަމަ، އެ ސިޓީގައިވާ ވާހަކަތަކަކީ ދެކޮޅުޖެހޭ ވާހަކަތަކެއް ނޫން. ޓެރަރިޒަމްގެ ކުށް ސާބިތުވާ މީހެއްގެ އަދަބު ތަންފީޒުކުރުން ފަސްކުރެވޭނެ އެއްވެސް ޤާނޫނެއް އެއްއިރަކުވެސް ހެދިފައެއް ނޯންނާނެ. އަންނިގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މީހުނަށްވެސް އެކަން އެނގޭނެ. ރައްޔިތުންނަށް އޮޅުވާލަންވެގެން އެމީހުން އެކަން ހާމަނުކުރަނީ. މިނޫހުންވެސް އެކަން ހާމައެއް ނުކުރާނެ. އެއީ މި ނޫހަކީވެސް އަންނިގެ ކުށްތައް ފޮރުވަން އުޅޭ ބަޔަކު ހިންގާ ނޫހެއްވީމާ. މިކަމުން އެނގޭ އެއްޗަކީ އަދީބުގެ ސިޓީގައިވާ ވާހަކަތަކަކީ ބަޔަކު ހަދައިގެން ދައްކާ ދެކޮޅުނުޖެހޭ ވާހަކަތަކެއްކަން. އަންނި ޢަބްދުﷲ ޤާޟީ ހައްޔަރުކުރި މައްސަލައަކީ ވަރަށް ސާފުކޮށް އޮތް މައްސަލައެއް. އޭގައި ޝައްކު އުފެދޭނެ އެއްވެސް ޖާގައެއް ނެތް. އަހަރެން މިބުނަނީ ޔާމީނަކީ ވަކި ރަނގަޅު މީހެކޭ ނޫން. ޔާމީނެކޭ އަންނިއެކޭ ނުބައި ނުލަފާކަމުގައި އެއްވެސް ތަފާތެއް ނެތް. އަންނިއަށް ކޯޓުތަކުގެ ތާއީދު އޮތްނަމަ، އަދި މާނުބައި މީހަކަށް އޭނާ ވީސް. އޭނާ އަމިއްލައަކަށްނު ބުނީ، ތިމަންނާގެ ޕާޓީގެ މީހަކު ނޫން މީހަކު ތިމަންނާ ކައިރިއަށް ކަމަކު އަތުވެއްޖިއްޔާ ތިމަންނާގެ ހުރި ނުބައިނުލަފާކަން ދައްކާލާނަމޭ. އެވަރުގެ ނުބައިނުލަފާ މީހެއް އެއީ

0
0
އަހުމަދު

9 މަސް ކުރިން

އެމް.ޑީ.ޕީ މިހުންނާއި،،ރާއްޖެޓީ.ވީ މީހުން .......ޔާ މާ ތާހިރުވާނެއެވެ.ތި އުޅެނީ ރައްޔިތުންނަށް ހެޔޮއެދިގެނެއްނޫނެވެ. ހަމަ ރައްޔިތުންގެ ފައިސާގަޑު ކާށެވެ.އެހެންނޫންނަމަ އަސްލަމްގެ ފޮނުބިލް ދައްކާނީ އޭނާގެ އަމިއްލަ ފައިސާއިން ދޯއެވެ.އެއްފަރާތެއްޖެހުނަސް މީދެންބޮޑުވަރެވެ. މީގަ ދެރައީ 2012 ފެބްރުއަރީ 8 ވަނަ ބޮޑުހުޅުގެ ޒިންމާ އުފުލަންޖެހޭ އެންމެ އިސްފަރާތުގެ ގޮތުގައި ނަޝީދަށް ޓެރަރިޒަމްގެ ދައްވާކޮށް ބޮޑުޙުކުމެއް ނުކުރެވުމެވެ. މިކަން މިހާރުން މިހާރަށް ބަލަން ދިވެހި ސަރުކާރަށް ގޮވާލަމެވެ.

0
0
ޙާލުގެ ދުލުން

9 މަސް ކުރިން

ލިއުން ކިއާލުމުން އަންތަރީސް ވެއްޖެ. އެހެނީ ނަޝީދަށްްލިބެމުންދާ އަނިޔާއަކީ ހުރިހާކަމެއް އެގިހުރެ އަދީބު ހެކިފޮރުވުމުގެ ނަތީޖާ ޤާޟީ އިން ޙުކުމް އިއްވާނީ ދެޚަޞްމުން ގެ ވާހަތަކާއި ލިބިފައިހާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެ ތިބެގެން އެހެން ކަމުން ކުށް ނުކުރާ މީހަކަށްވެސް އަދަބު ލިމުގެ ފުރުޞަތު އޮވޭ. ނޫސް ވެރިންނަކީ ވަރަށްބޮޑު އަމާނާތެއް އެބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ބައެއް އެހެންކަމުން އެހެންކަމުން އިސްލާމްދީނަކީ ޞުލްޙް މަސްލަޙަތަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާ ﷲ ގެ ޙަޟްރަތުގައި ހަމަ ކަނިދީނަކީ އިސްލާމް ދީންކަން ހަނދާނުގައި ބަހައްޓައިގެނ ޒިންމާދާރު ނޫސްވެރިކަމެއް ކުރުން ވަރަށް މުހިންމު.

0
0
ޙާލުގެ ދުލުން

9 މަސް ކުރިން

ލިއުން ކިއާލުމުން އަންތަރީސް ވެއްޖެ. އެހެނީ ނަޝީދަށްްލިބެމުންދާ އަނިޔާއަކީ ހުރިހާކަމެއް އެގިހުރެ އަދީބު ހެކިފޮރުވުމުގެ ނަތީޖާ ޤާޟީ އިން ޙުކުމް އިއްވާނީ ދެޚަޞްމުން ގެ ވާހަތަކާއި ލިބިފައިހާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ބުރަވެ ތިބެގެން އެހެން ކަމުން ކުށް ނުކުރާ މީހަކަށްވެސް އަދަބު ލިމުގެ ފުރުޞަތު އޮވޭ. ނޫސް ވެރިންނަކީ ވަރަށްބޮޑު އަމާނާތެއް އެބައިމީހުންގެ ކޮނޑުގައި އެޅިފައިވާ ބައެއް އެހެންކަމުން އެހެންކަމުން އިސްލާމްދީނަކީ ޞުލްޙް މަސްލަޙަތަށް ވަރަށް ބޮޑު އިސްކަމެއްދީފައިވާ ﷲ ގެ ޙަޟްރަތުގައި ހަމަ ކަނިދީނަކީ އިސްލާމް ދީންކަން ހަނދާނުގައި ބަހައްޓައިގެނ ޒިންމާދާރު ނޫސްވެރިކަމެއް ކުރުން ވަރަށް މުހިންމު.

0
0