28 ޖުލައި 2017 | ހުކުރު | ފުސް 14

ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު، ރައީސް މައުމޫނު ރާއްޖެ ވަޑައިގަންނަވައިފި

  • ސިންގަޕޯ އެއާލައިންސް ފްލައިޓް 452 އިން މިރޭ
  • ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހު
  • އޭސީސީއަށް ފޮނުވި ސިޓީގައި 10 ދުވަހުގެ ދަތުރުފުޅެއް ކަމަށް ވިދާޅުވި

| | | sampathmasiw | |



ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމް -- ފޮޓޯ:މުހައްމަދު ޝަރުހާން

ރައީސް މައުމޫން އަބްދުލްގައްޔޫމް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ރާއްޖެ ވަޑައިގަންނަވައިފި އެވެ.

 

ރައީސް މައުމޫން ރާއްޖެ ވަޑައިގެންނެވީ ހުކުރު ދުވަހުގެރޭ ސިންގަޕޯ އެއާލައިންސް ފްލައިޓް 452 އިންނެވެ. އަނބިކަނބަލުން ނަސްރީނާ އިބްރާހީމްއާއެކު ރައީސް މައުމޫން ސިންގަޕޫރަށް ވަޑައިގެންނެވީ މިމަހުގެ 8 ވަނަ ދުވަހު އެވެ.

 

ވެލާނާއި އިންޓަރނޭޝަނަލް އެއާޕޯޓުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ވަނީ ރައީސް މައުމޫނަން މަރުޙަބާ ދަންނަވާފައެވެ.

 

ރައީސް މައުމޫންގެ ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު މިރޭ ރާއްޖެ ވަޑައިގެންނެވިއިރު، ސުޕްރީމް ކޯޓުން ބުރާސްފަތި ދުވަހު ވަނީ ޕާޓީއިން ވަކިވުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، ހުކުމް ކޮށްފަ އެވެ. އެ ހުކުމާއެކު ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީއަށް އައި ކަޅު ދުވަހެއް ކަމަށެވެ. ރައްޔިތުންނަށް ކަންބޮޑުނުވުމަށް ގޮވާއްލައްވަމުން އެމަނިކުފާނު ވިދާޅުވީ ޚުދުމުޚުތާރު ވެރިކަން އަބަދުވެސް ފެއިލްވާނެ ކަމަށާއި މޮޅުވާނީ ރައްޔިތުން ކަމަށެވެ.

 

ރައީސް މައުމޫން ވިދާޅުވީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރުމުން ގޮނޑި ގެއްލިއްޖެ ކޮންމެ މެންބަރަކު އަލުން ހޮވައިދިނުމަށް މަސައްކަތް ކޮށް ދެއްވާނެ ކަމަށެވެ.

 

ރައީސް މައުމޫން ސިންގަޕޫރަށް ފުރާވަޑައިގެންނެވީ، އެންޓި ކޮރަޕްޗަން ކޮމިޝަން(އޭސީސީ) އިން ބަލަމުންދާ މައްސަލައެއްގައި އެމަނިކުފާނުގެ ބަޔާނެއް ނެގުމަށް ބޭނުންވެގެން އެކަމަށް އެދިފައިވަނިކޮށެވެ.

 

މި ދަތުރުފުޅާއި ގުޅިގެން އެ ބާޔާން ދެއްވުން ފަހުގެ ތާރީޚަކަށް ލަސްކުރެއްވުމާއި ގުޅޭގޮތުން، ރައީސް މައުމޫން، އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ ރައީސް ހަސަން ލުތުފީއަށް ފޮނުއްވާފައިވާ ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ، މުހިންމު އާއިލީ ބޭނުމެއްގައި ޖުލައި 8 ގައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ގަސްދުކުރައްވާތީވެ، ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެން ކޮމިޝަނުން ނިންމަވާ ގޮތެއްގެ މަތިން ކޮމިޝަނަށް ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ދަތުރުފުޅުގައި ގާތްގަނޑަކަށް 10 ދުވަހު ޤައުމުން ބޭރުގައި ހުންނަވަންޖެހޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

 

އޭސީސީން އަންގާ ގޮތެއްގެ މަތިން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ރައީސް މައުމޫނު ވިދާޅުވިއިރު، ރައީސް މައުމޫނު މީގެ ކުރިން ވަނީ އޭސީސީއަށް ވަޑައިގެން ބަޔާން ދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭސީސީން ބުނެފައިވަނީ ރައީސް މައުމޫނު އޭސީސީއަށް ވަޑައިގެންނެވުމަކީ އެ ކޮމިޝަންގެ އުސޫލާ ހިލާފު ކަމަކަށް ވާތީ، ރައީސް މައުމޫނުގެ ބަޔާން ނަގާނެ ގޮތެއް ކޮމިޝަންގައި މަޝްވަރާކުރުމަށް ފަހުގައި ނިންމާނެ ކަމަށެވެ. ކޮމިޝަނުން މިކަމާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ނުދެއެވެ.

 

އޭސީސީން ރައީސް މައުމޫނުގެ ބަޔާނެއް ނެގުމަށް މަސައްކަތްކުރަނީ ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރު އޮޑިޓް ރިޕޯޓާއި ގުޅިގެންނެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ