28 ޖުލައި 2017 | ހުކުރު | ފުސް 14

އެންމެ ފަހުން ރައީސް ޔާމީންވެސް އަތަށް ގޮއްވާލައްވައިފި

  • މީޑީއާ އާއި ބައްދަލުކުރެއްވީ ގިނަ ދުވަސްތަކެއް ފަހުން
  • ގިނަ މައްސަލަތަކެއްގައި ވާހަކަފުޅު ދެއްކެވި
  • ދެއްކެވި ގިނަ ވާހަކަފުޅުތަކަށް ރައްޔިތުން ދަނީ ފާޑު ކިޔަމުން

| | | @IxmaealNaail | |



ރައީސް ޔާމީން: އެކުގައި ތިއްބެވި ބޭފުޅުން ކަންކުރާގޮތުން މުޅިންވެސް ބެދިވަޑައިގަންނަވަނީ ލަދުގައި -- ފޮޓޯ:ޓުވިޓާރ

ސަރުކާރަށް އޮތް ތާޢީދު ބޮޑުކަމުން މަޖިލީހުގެ ނައިބު ރައީސް ވެސް ޕީޕީއެމާއި ގުޅިއްޖެއެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންނެވި ނަމަވެސް، ރީކޯ މޫސަ ޕީޕީއެމާ ގުޅުމަކީ އެ ޕާޓީއަށް މާ ބޮޑު ކަމަކަށް ވީހެނެއް ހިޔެއް ނުވެއެވެ. އެހެނީ އިލްހާމުމެން ފަދަ ބައެއް މެންބަރުން ޕީޕީއެމަށް ސޮއިކުރައްވަން ބޭއްވި ވަރުގެ ހަފްލާގަނޑެއް ވެސް ބާއްވާލަން ޕާޓީއަށް ނުކެރުނެވެ. އެކަމަކު އެ ވާހަކަ އެހެން ވަގުތަކަށް ބާއްވާލާނަމެވެ.

މިފަހަރު ދައްކާން މި އުޅެނީ ރީކޯގެ "ޝަރަފުގައި" ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް މަނިކުފާނު މުޅި ޤައުމުގެ ކުރިމަތީގައި ޤުރުބާންވެގެންދިޔަ ވާހަކައެވެ. މިހާރުވެސް ޖޯކަކަށް ވެފައިވާ އެމަނިކުފާނުގެ ސަރުކާރަށް ފާޑުކިޔާ ފަރާތްތަކަށް ދައްކާނެ ވާހަކަ އިތުރުކޮށްދިން ވާހަކައެވެ. ރައްޔިތުންގެ ކުރިމަތީގައި ރައީސް މީހާ ލަދުގަންނާން ޖެހުނު ވާހަކައެވެ.

އާނއެކެވެ. އައި އޭމް ސީރިއަސްއެވެ.

އަންގާރަ ދުވަހުގެ ރޭގެ ޕްރެސް ކޮންފަރެންސް ނިމުމާއެކު، އެމަނިކުފާނުގެ އަރިހުގައި އުޅޭ އެތައް ބޭފުޅުންނެއް އެމަނިކުފާނުގެ ހިތްވަރުފުޅާއި، ދެގޮތެއް ނުވާ އަޒުމުފުޅާއި، ގަޓުގެ ބަނދިވަރު ލިޔެ ޓްވީޓްކުރިއެވެ. މަޖިލިސް މެންބަރުންނާއި ސަރުކާރުގެ މަޤާމުތަކުގައި ތިބި ފަރާތްތަކާއި ވަރުވަރުން ލައްވާފައި ތިބި ކޯޑިނޭޓަރުންނެވެ. އެމީހުންގެ ޓްވީޓްތަކުގައި ރައީސް ޔާމީންގެ ހިތްވަރާ، ފެންވަރާ، ކެރުން ހުރިވަރު މީޑިއާއަށް އެނގުނު ވާހަކައާއި، ރައީސް ޔާމީންގެ ސާބިތުކަމުން ރައްޔިތުންނަށް ހަޤީޤަތް ސާފުވި ވާހަކައާއި، ރައީސް ޔާމީނަކީ ޖެންޓަލްމޭނެއް ކަމާއި، ރައީސް ޔާމީނުހައި ކެރޭ ރައީސަކު ނެތް ވާހަކައާއި، ސުވާލު ހުސްވެގެން ނޫސްވެރިން ގެއަށް ދިޔަ ވާހަކަވެސް އޮތެވެ.

ހައްތަހާވެސް ތެދެވެ. އައި އޭމް ސީރިއަސްއެވެ.

އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން މީޑިއާ އާއި ބައްދަލުކުރެއްވީ ވަރަށްވެސް ހިތްވަރުފުޅާ އެކުއެވެ. ފަންވަރުފުޅާވެސް އެކުއެވެ. ފަސްޖެހިވަޑައިނުގެން މީޑިއާއާ ކުރިމަތިލެއްވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން މިހާތަނަށް ފެނިފައިވާ މީޑިއާގެ މައިކާ ދުރު މިޒާޖުފުޅު އެއްފަރާތް ކުރައްވާ، ސުވާލު ހުސްވެގެން ނޫސްވެރިން ގެއަށްދަންދެން، ނޫސްވެރިން ކުރި ކޮންމެ ސުވާލަކަށް ޖަވާބުދެއްވަން ނޫސްވެރިންނާއި އެކު އެ އިންނެވީ ގައިމު ސަބަބެއް އޮތީމަތާއެވެ. ހަމަ ގައިމުވެސް އެއީ އެމަނިކުފާނު ކުރައްވާހިތްޕުޅުން ކުރެއްވި ކަމެއް ހެނެއް ހިޔެއް ނުވެއެވެ. އޭގެ އެއް ހެއްކަކީ އެމަނިކުފާނާއި ސުވާލެއް ކުރިމަތިކުރެވުމުން، ސުވާލު ކުރެވުނީ އެމަނިކުފާނާއިކަންވެސް އެމަނިކުފާނަށް ޔަޤީންވެވަޑައިނުގަތުމެވެ.

ރައީސް ޔާމީނުގެ ޕްރެސް ކޮންފަރެންސް ބޮޑަށް ސިފަވީ، މިއޮއްހާ ދުވަހު އެމަނިކުފާނުގެ ސަރުކާރު ދިފާޢުކުރުމަށް މައިކު ދަށަށް ފޮނުވިހާ މީހުން ފެއިލްވެ، އިތުރަށް އެމީހުން ފޮނުއްވައިގެން ބޮޑު ރިހުމަށް އެދިވަޑައިނުގަންނަވާތީ ކުރެއްވި ކަމެއްގެ ގޮތުގައެވެ. ނޫން ނަމަ އަންގާރަ ދުވަހު ސަރުކާރުގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުން މީޑިއާ އާއި ބައްދަލުކޮށް، މީޑިއާއިން ސުވާލެއް ކުރުމުން، ތުއްތު ބަބައިން އުޅޭހެން އުޅުއްވުމުން އެމަނިކުފާނުވެސް ގަންނާކުރެއްވި ލަދުފުޅެއްގެ ބޮޑުކަމުން، "ބަލަގަ ޕްރެސް ކޮންފަރެންސް ބާއްވާނީ މިހެންނޭ" ވިދާޅުވެ، ނިހާނުއާއި އަދުރޭ އާއި ޚަލީލާއި ފަލާހްމެން ފަދަ ބޭފުޅުންނަށް ދެއްކެވި މިސާލެއްގެ ގޮތުގައެވެ.

ނިހާނުމެން ފެއިލްވީއެވެ. އައި އޭމް ސީރިއަސްއެވެ.

އައުވާނުން ފެއިލްވުމުން، އެކަމާ ހިތްހަމަޖެހިވަޑައިނުގަތްވަރުން، ނޫސްވެރިން ކުރިމަތީގައި އެމަނިކުފާނަށްވެސް ހެއްދެވުނީ މުޅިން ގަޅިއެވެ. އެޅުއްވުނީ ޅައެއްޗިއްސެވެ. ދެއްވި ކޮންމެ ޖަވާބަކުން ދޭހަވީ މުޅިން އެހެން ކަންކަމެވެ.

ފުރަތަމަ ދެއްކެވީ، ކުރީގެ ނައިބުރައީސް އަޙުމަދު އަދީބު ބެއްސެވި ފައިސާގެ ވާހަކައެވެ. އެ ފައިސާއަކީ "ސަރުކާރު ދަމަހައްޓަން" ފައިސާވެރިން ދިން ފައިސާ ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރެއް ދެމި އޮންނަނީ އެ ސަރުކާރަކުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތުގެ ސަބަބުން ކަމަށްވެފައި، އެ ޚިދުމަތް ދިނުމަށް ދައުލަތުގެ ބަޖެޓެއް ފާސްކުރެވިފައި އޮތުމުން، ހެޔޮއެދޭ ވިޔަފާރިވެރިން ދޭ މިފަދަ ފައިސާ އަދީބު މެދުވެރިކުރައްވައި ބެއްސެވީ ކޮން ބޭނުމެއްގައިތޯ ސުވާލު އުފެދެއެވެ. ވިސްނާ ފިކުރުކުރާ މީހުން، ރައީސް އެ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ޕީޕީއެމަށް މެންބަރުން ގެންދިއުމަށް ޚަރަދު ކުރުމުގެ ވާހަކަ ކަމަށް ތުހުމަތުކުރެއެވެ. ދެން ވިދާޅުވީ އެމަނިކުފާނު އެއޮއް ހުރިހާ ފައިސާގެ ހިސާބު ނުބަލަހައްޓަވާ ވާހަކައެވެ.

އިކޮނޮމިސްޓެއް ކަމާއިމެދު ސުވާލު އުފެދިއްޖެއެވެ. އައި އޭމް ސީރިއަސްއެވެ.

ދެން އައީ އަދީބުގެ ބޭސްފަރުވާގެ ވާހަކައެވެ. ސާފު ސީދާ ބަހުން ރައީސް ޔާމީން މުޅި ޤައުމުގެ ކުރިމަތީގައި އަދީބުގެ ފުރާނައަށް އަގުކިޔުއްވީއެވެ. ދެން ކިޔުއްވިއްޔާ ކިޔުއްވީއެވެ. އެކަމަކު ދަންނަވަންތޯއެވެ. އަޅުގަނޑަށް ހީވެފައި އޮތީ ފައިސާ ދައްކަނީ ބިލު ފޮނުވީމައިކަން އިކޮނޮމިސްޓަށް އެނގިލައްވާނެ ކަމަށެވެ. އަދީބުގެ އަތުން ހޯއްދަވަން ތި އުޅުއްވާ ފައިސާގެ ބިލަކީ އޭސީސީގައި އޮތް އެމްއެމްޕީއާރްސީ އާއި ގުޅޭ ރިޕޯޓެވެ. ފުރަތަމަ ރިޕޯޓް ނެރުއްވާށެވެ. ފައިސާ ދައްކަން ޖެހޭ މީހާ ކަށަވަރުވާނީ އޭރުންނެވެ.

ފަހަރުގައި އެފައިސާ ރައީސް ޔާމީންވެސް ދައްކަވަން ޖެހިވަޑައިގެންފާނެ ނޫންތޯއެވެ. އައި އޭމް ސީރިއަސްއެވެ.

ސިހުރުގެ ތުހުމަތުތަކާއި ގުޅޭގޮތުން ވިދާޅުވި ވާހަކައަކީ، ލަންކާގެ ސިހުރުވެރިއެއްކަމަށް ބުނާ އަސޭލާ އާއި ބައްދަލުވެވަޑައިގެންނެވީ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަކަށްފަހު ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް، ރައީސް ޔާމީނަށް އަސޭލާ ތަޢާރުފުކޮށްދެއްވުމުން ކަމެވެ.

އައި އޭމް ސީރިއަސްއެވެ. ޕާޓީގެ ކައުސިލް ބައްދަލުވުމަށް މަނިކުފާނު އާދައިގެ ޓީޝާޓުގައި ވަޑައިގަތީމައި ވަރަށް ހުތުރެވެ.

 

ފަންޑިތަ އާއި ސިހުރު ޤަބޫލުނުކުރައްވާ ވާހަކަވެސް ވިދާޅުވިއެވެ. އާ ޔު ސީރިއަސް!

އަޅުގަނޑުގެ އިޚުލާސްތެރި ނަސޭހަތެކެވެ. މަނިކުފާނު ބަޤަރާ ސޫރަތުގެ 102 ވަނަ އާޔަތާއި ފަލަޤު ސޫރަތުގެ 4 ވަނަ އާޔަތް އަލުން ކިޔަވައިވިދާޅުވެ، އެ އާޔަތްތަކުގެ މާނަވެސް ބައްލަވާށެވެ.

އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. 

މުޅި ޤައުމުގެ ކުރިމަތީގައި ރައީސް މިފަދަ ވާހަކަފުޅުތަކެއް ދައްކަވަންޖެހިވަޑައިގަންނަވާ ހާލަތަށް އެމަނިކުފާނުގެ ލޭގެ ޕްރެޝަރު ހިއްލާލުމުގެ ޒިންމާ މިއަދު އެމަނިކުފާނުގެ ފަހަތުގައި އޮތް ޕީޕީއެމްގެ ލީޑަރޝިޕުން ނަގަން ޖެހޭނެއެވެ.

ނިހާނުއާއި އަދުރޭ އާއި ޚަލީލާއި ފަލާހްމެން ފަދަ ބޭފުޅުން ފެއިލްވުމުން، މިފަހަރު ރައީސް މަނިކުފާނު އެ ޖެހިވަޑައިގަތީ ގުރުބާން ކަންބަޅިއަށް ވެވަޑައިގަންނަވާށެވެ.

އެންމެ ފަހުން، މަނިކުފާނާއި ކުރިމަތިކުރަމުން ގެންދިޔަ ވަރުގަދަ ސުވާލުތަކުގެ ސަބަބުން އަރުތެރެހިކެމުން ދިއުމާއެކު ކުރިމަތީގައި ބަހައްޓާފައި ހުރި ފެންތަށި އެކޮށް ހުސްވިއިރުވެސް އަރިހުގައި ތިއްބެވި އެއްވެސް ބޭފުޅަކަށް އެނގިވަޑައެއް ނުގަތެވެ.  ލަދުން ބޯހަލާކެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ


މަރިޔަން

2 ހަފްތާކުރިން

އާރ ޔު ސީރިއަސް ވ ސަޅި ނާއިލް !!!!

0
0
އިންސާނާ

2 ހަފްތާކުރިން

ދުނިޔެއަށް ބޭކާރުއިންސާނަކަށް މިހުރީ ވެފާ ދުނިޔެއަށް ނޭވާލިޔަސް އެއްވެސް ލިބޭ އުފަލެއްނެތޭ

4
0
އާދަނު

2 ހަފްތާކުރިން

އަދީބު ވަގަށްނެގި ރައްޔިތުންގެ ލާރި ރައްޔިތުންނަށް ނުލިބޭހާ ހިނދަކު އޭނައަށް ބޭސްފަރުވާ ކުރެވިގެން ނުވާނެ. އަހަރުމެންވެސް މިތިބީ ބޭސްފަރުވާ ނުކުރެވިފައި.

5
1
އަލީ

2 ހަފްތާކުރިން

އިސްމާއިލް ނާއިލް ނަޝީދު، މީހުންގެ އަބުރާ ބެހުމާއި ބެހޭގޮތުން ގުރުއާނާއި ސުންނަތުގައި އޮތީ ކީކޭކަން އެނގޭތަ؟ 24 ގަޑިއރު ތި ދަނީ ސާބިތު ނުހިފޭ ދޮގު ވާާހަކަ ފަތުރަމުން. މިކަމާއި ބެހޭގޮތުން ގުރުއާނާއި ސުންނަތުގައި އޮތީ ކީކޭ؟؟

1
9
ވަޒަންބެ

2 ހަފްތާކުރިން

ރައީސް ގެ ވާހަކަފުޅުތަކުން އެނގުނު އެއްމެ މުހިއްމު އެކައްޝަކީ މިރައީސަކީ އެބޭފުޅާގެ ވިސްނުންނޫން އެހެންމީހަކު ދައްކާ ވާހަކައެއް އަޑުނާހާނެ ރައީސެއް ކަމެވެ. ދެވަނަކަމަކީ މިރަޢިސަކީ އެބޭފުޅާގެ އަމިއްލަ ފިލޯސަފީއެއްގެ މައްޗަށް ނޫންގޮތަކަށް ކަންކަން ގޮސްގެންވާނެ ކަމަށް ގަބޫލު ނުކުރާނެ ބޭފުޅެއް ކަމެވެ. ނޫސްކޮންފަރެންސް ގައިވެސް ފެނުނީ ފަޑިޔާރު ހެދިފައި ހުކުން ކުރަން އިންނަ މީހެއްގެ ގޮތެވެ. ޝުކުރިއްޔާ މިރައީސް

5
1
އައްލާ އައްޑޫ ހިތަދޫ ބަދަރުން

2 ހަފްތާކުރިން

މިއީ ހާދަހާގޮތެއްފޮތެއްނެއް މީހެކެވެ. އެންމެގެ ކުރިމަތީގައި މިބުނަނީ ތިމެންނާއަށް ލިބެންވާ ފައިސާ ނުލިބި ހުރެގެން އަދީބު މަރުވިއަސް ބޭސް އަދީބު ކޮށް ނުދޭނެވާހަކައެވެ. އަދީބު މިގައުމަށް ދައްކަންޖެހޭއެއްވެސް ފައިސާއެއް ވާކަމަކަށް އަދި ކޯޓުހުކުމެއްނެތެވެ. ދެންކޮންފައިސާއެއް ނުލިބެގެން ތިޔަ ތެޅެނީ...

7
1
މާލޭ މުޙައްމަދު

2 ހަފްތާކުރިން

މީ މިނިވަން ނޫސްވެރިކަންތަ ނޫނީ ސިޔާސީ ޕާޓީއެއްގެ ސިޔާސީ ފިކުރު ޕްރޮމޯޓްކުރާ ޕޯޑިއަމެއްތޯ ސުވާލު އުފެދޭ. މިއަށް ޖަވާބެއްދީބަލަ ރާއްޖެ އެމްވީ. މަވެސް މީ ދިވެހި ރައްޔިތެއް

3
8