25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ގަތަރު މައްސަލަ

ގަތަރު މައްސަލާގައި އެމެރިކާގެ އަސްލު ރައުޔަކީ ކޮބާ؟

  • ރައީސް ޓްރަމްޕް ގެ ބަސްފުޅާއި، އަސްކަރިއްޔާ އަދި ޚާރިޖީ ވުޒާރާގެ ބަސްފުޅު ތަފާތު
  • މެދުއިރުމަތީގައި ހުންނަ އެމެރިކާގެ އެންމެ ބޮޑު އެއާ ފޯސް ބޭސް ހުންނަނީ ގަތަރުގައި
  • ގަލްފުގެ ގައުމުތަކުން ގަަތަރަށް ކުރާ ފިއްތުންތަށް ދަނީ އިތުރު ކުރަމުން
އަހުމަދު އަނޫޝު | IamAhmedAnoosh

| 10 ޖޫން 2017 | ހޮނިހިރު 18:06 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ރައީސް ޓްރަމްޕް ދާދި ފަހުން ސައުދީ ގައި ބޭއްވި ސަމިޓުގައި ވާހަކަފުޅުދައްކަވަނީ -- ގޫގުލް

ގަތަރަކީ ޓެރަރިޒަމަށް ވާގިވެރިވުމުގައި "ވަރަށް މަތީ ހަރުފަތެއްގައި"ވާ ގައުމެއް ކަމަށް އެމެރިކާގެ ރައީސް ވިދާޅުވުމަކީ ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. އެމަނިކުފާނު މިހެން ވިދާޅުވުމަކީ ގިނަ ބަޔަކަށް ސިހުން ގެނުވި ކަމަކަށްވީ ބޮޑުވެގެންވާ ސަބަބެއް އޮވެގެންނެވެ. ސަބަބަކީ އެމެރިކާގެ ބައެއް މުއްސަސާތަކުގެ ބަސް ރައީސް ޓްރަމްޕްގެ ބަހާ ތަފާތު ވުމެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުގެ އަސްލު ސްޓޭންޑް އަކީ ކޮބައިކަން ހަގީގަތުގައިވެސް ސާފު ނުވަނީތޯއެވެ.

ވައިޓް ހައުސް ގައި ހުކުރު ދުވަހު ރައީސް ޓްރަމްޕް މީޑިއާ އާއި ބައްދަލު ކުރައްވާ ވިދާޅުވީ ގަތަރަކީ ޓެރަރިޒަމަށް ވާގިވެރިވުމުގައި "ވަރަށް މަތީ ހަރުފަތެއްގައި" އޮތް ގައުމެއް ކަމުން، ނިންމުމެއް ނިންމަން ޖެހުނު ކަމަށާއި، އުފެދުނު ސުވާލަކީ ފަސޭހަ ގޮތެއް ހިޔާރު ކުރާނިތޯ ނުވަތަ އުނދަގޫ، އެހެން ނަމަވެސް ކޮންމެހެން ނަގަން ޖެހޭ ފިޔަވަޅެއް ނަގާނީތޯ ކަމަށެވެ. އެންމެ ފަހުން ދަތި އުނދަގޫ އެހެން ނަމަވެސް ނަގަން ޖެހޭ ފިޔަވަޅު ނެގީ ކަމަށެވެ. ރައީސް ޓްރަމްޕް ވިދާޅުވީ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓާލަން ޖެހޭ ކަމަށާއި ގަަަތަރަށް، އެކަމަށް ގޮވާލަން ޖެހޭ ވަގުތު އައިސް ޖެހިފައިވާ ކަމަށެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ދާދި ފަހުން ސައުދީ ގެ ރިޔާޒު ގައި ބޭއްވި ސަމިޓްގައި، ގަތަރާ މެދު އަޅާނެ ފިޔަވަޅު، ރޭވުމުގައި އެހީތެރިވެ ދެއްވި ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ ސަރުކާރުގެ އިސް އޮފިޝަލަކު ދާދިފަހުން ރޮއިޓާސް އަށް ވިދާޅުވީ ސަމިޓަށް ޓަކައި ސައުދީގައި ތިއްބެވި ޔޫއޭއީގެ ބޭފުޅުންނާއި އަދި ސައުދީގެ ވެރިން، ގަތަރާ ގުޅުން ކަނޑާލަފާނެ ކަަމުގެ އިޝާރާތެއްވެސް ދެއްވައިފައި ނުވާ ކަމަށެވެ.

ރައީސް ޓްރަމްޕްގެ ވާހަކަފުޅު ތަފާތު ގޮތަަކަށް ބެހެއްޓެވިއަސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ދަނީ ގަލްފުގެ މަޝްރަހު ފިނި ކުރުމަށް މަސައްކަތް ކުރަމުންނެވެ. ސައުދީ އަރަބިއްޔާ އިސްވެ، ގަލްފްގެ ގައުމުތަކާ ގުޅިގެން ގަތަރަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރު ރެކްސް ޓިލާސަން ވިދާޅުވީ އެ ފިޔަވަޅުތަކުގެ ސަބަބުން އިންސާނީ މުސީބާތެއް އުފެދިދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އައިސިސް އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް ގަތަރަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ހުރަސް އެޅޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވީ، އެމެރިކާއިން އުއްމީދު ކުރަނީ، މިހާރުން މިހާރަށް މި ފިޔަވަޅުތައް ލުއިކުރުމަށް ގައުމުތަކުން މަސައްކަތް ކުރާނެ ކަމަށާއި، ހިތްހަމަ ނުޖެހުންތައް ނައްތާލުމަށް ރަނގަޅު ގޮތުގައި ހުރިހާ ގައުމެއް ގުޅިގެން މަސައްކަތް ފަށާނެ ކަމަށެވެ.

ޓިލާސަން ވިދާޅުވީ، ގަތަރުގައި ކާބޯތަކެއްޗަށް ޖެހުމުގެ ބިރު އުފެދިފައިވާ ކަމަށާއި، ކުޑަކުދިންނަށާއި އާއިލާތަކަށް މިކަމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ރޯދަ މަހު މިފަދަ ދަތިތަކެއް ކުރިމަތިވެފައި ވުމީ ކަންބޮޑުވެ ވަޑައިގެންނަވާ ކަމެއް ކަމަށާއި މިކަންކަން އަވަހަށް ހައްލު ކުރުމަށް ގޮވާލައްވާ ކަމަށެވެ. ޓިލާސަން ވިދާޅުވީ، ކުވޭތުގެ އަމީރު އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ސުލްހައިގެ މަސައްކަތްތަކަށް އެމެރިކާއިން ތާއީދު ކުރާކަމަށާއި، މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ކަންކަން ފެންނަން އެބަހުރި ކަމަށެވެ.

ރައީސް ޓްރަމްޕާއި އަދި ޚާރިޖީ ވަޒީރު ޓިލާސަން ގަތަރު މައްސަލާގައި ވިދާޅުވި ބަސްފުޅުތައް ތަފާތު ކަމަކަށް ވައިޓް ހައުސް އިން ގަބޫލެއް ނުކުރެއެވެ. ވައިޓް ހައުސްގެ އިސް އޮފިޝަލަކު ވިދާޅުވީ ދެބޭފުޅުން ތިއްބެވީ "އެއް ވިސްނުމެއްގައި" ކަމަށެވެ. އޮފިޝަލް ވިދާޅުވީ ގަތަރުގެ މައްސަލައަށް އެމެރިކާ އިން ހައްލެއް ބޭނުންވާ ކަމަށާއި އެހެންނަމަވެސް އެމެރިިކާ އިން ހައްލު ބޭނުން ވަނީ ރައީސް ޓްރަމްޕް ދާދިފަހުން ސައުދީގެ ރިޔާޒުގައި ބޭއްވި ސަމިޓްގައި އެކަށައެޅުއްވި އަސާސްތަކާ ފުށުނާރާ ގޮތަށް ކަމަށެވެ. އޮފިޝަލް ވިދާޅުވީ މަޝްރަހުގެ ހަލަބޮލި ކަމާއެކީ ގަތަރަށް ދިމާވެދާނެ އިންސާނީ ކާރިސާއަކާ މެދު ރައީސް ޓްރަމްޕް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި އަދި ހަމައެއާއެކު ގަތަރުން "ޓެރަރިޒަމަށް ވާގިވުމާ މެދު" ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަަމަށެވެ.

އެމެރިކާގެ އަސްކަރިއްޔާ ގެ ބަހަަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ދާދިފަހުން އަސްކަރިއްޔާ އިން ވަނީ ގަތަރަށް ތައުރީފުވެސް ކޮށްފައެވެ. ގަތަރަކީ "ދެމެހެއްޓެނެވި ގޮތެއްގައި ސަރަހައްދުގެ ސަލާމަތަށް މަސައްކަތް ކުރާ" ގައުމެއް ކަމަށް އަސްކަރިއްޔާ އިން ވަނީ ބުނެފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ "އެއާ ފޯސަސް ސެންޓްރަލް ކޮމާންޑް"ގެ ތަރުޖަމާނު ލެފްޓެނެންޓް ކާނަލް ޑެމިއަން ޕިކާޓް ވިދާޅުވީ ގަތަރުގައި ހުންނަ މިލިޓަރީ ބޭސް އަށް އެއްވެސް އަސަރެއް ނުކުރާ ކަމަށާއި ހުރިހާ ފްލައިޓެއް ވެސް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "އެމެރިކާ، އިސްލާމިކް ސްޓޭޓް (އަައިއެސް)އާ ދެކޮޅު އިރާގު، އަދި އެމެރިކާ އިން އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވާގިވެރިވާ ސީރިޔާ އިން"، ގަތަރުގައި އެމެރިކާގެ އަސްކަރިއްޔާ އިން ތިބޭ ތިބުމަށް، ގަތަރުން ދޭ އެއްބާރުލުމަށް އަބަދުވެސް ޝުކުރުވެރިވާ ކަމަށާއި އަދި ގަތަރު ސަރަހައްދުގެ ސަލާމަތްތެރިކަމަށްޓަކައި ދޭ އަހްމިއްޔަތު ކަމަށް ވެސް ޝުކުރުވެރިވާ ކަމަށެވެ. ޕިކާޓް ވިދާޅުވީ އެމެރިކާގެ އަސްކަރިއްޔާ ނުވަތަ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑް އިން ގަތަރާ މެދު އަމަލުކުރާ އުސޫލަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެމެެރިކާ ގެ އަސްކަރިއްޔާގެ އޮފިޝަލަކު އަލްޖަޒީރާ އަށް ވިދާޅުވީ މިލިޓަރީ ނަޒަރިއްޔާތަކުން ބަލާއިރު، މިހާރު ލިބެމުންދާ ޚަބަރުތަކުން އެއްވެސް އަސަރެއްް ނުކުރާ ކަމަށެވެ.

އެމެރިކާގެ ބޮޑު މިލިޓަރީ ވައިގެ ބޭސްއެއް ކަމަށްވާ އަލް-އުދެއިދުގައި 10،000 އެމެރިކާ ސިފައިން ތިބެއެވެ. ގަލްފު ހަނގުރާމަ 1991 ގައި ނިމުމަށްފަހު އެމެރިކާ އާއި ގަަތަރުން ވަނީ ދެގައުމުގެ މެދުގައި އަސްކަރީ އެއްބާރުލުން ދޭ އެގްރީމެންޓެއްގައި ސޮއިކޮށްފައެވެ. މި އެގްރީމެންޓާއި ގުޅިގެން ދެގައުމުގެ އަސްކަރީ ގުޅުން ވަނީ ވަރުގަދަވެފައެެެވެ. 2003 ގައި އެމެރިކާގެ އަސްކަރިއްޔާ އިން، ސައުދީ އަރަބިއްޔާގައި ހުންނަ "ޕްރިންސް ސަލްޓަން އެއާފޯސް ބޭސް" އިން ގަތަރުގެ ބޭސްއަށް ވަނީ ބަދަލުވެފައެެވެ.

ރައީސް ޓްރަމްޕް ޚާރިޖީ ވުޒާރާ، އަދި އަސްކަރިއްޔާގެ ބަސްފުޅުތައް ތަފާތު އިރު ގަލްފުގެ ސަރަހައްދަށް ދިމާވެގެން އުޅޭ ހަލަބޮލި ކަމަކީ އެމެރިކާ އަށް ދިމާވެފައިވާ ވަރުގަދަ ޚާރިޖީ ގުޅުންތަކުގެ އިމްތިހާނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަރަބި ހަ ގައުމަކުން ގަތަރާ ގުޅުން ކަނޑާލި ފަހުން ރައީސް ޓްރަމްޕް ވަނީ ސަރަހައްދުގެ ބާރުގަދަ ގައުމުތަކަށް ގުޅުއްވާ މަޝްވަރާ ކުރައްވާފައެވެ.

ބުރާސްފަތި ދުވަހު އިވިގެން ދިޔަ އަޑަކީ ގަތަރާ އަވަށްޓެރި ގުޅުން ކަނޑާލި ގައުމުތަކުން، އަނެއްކާވެސް އާ ހަރުފަތަކަށް ކަންކަން ބަދަލުކޮށްލި ވާހަކައެވެ. ސައުދީ، ބަހްރައިން، މިސްރު އަދި ޔޫއޭއީ ވެގެން ނެރުނު ބަޔާނެއްގައި ވަނީ ގަތަރުގައި ގާއިމުވެފައިވާ ނުވަތަ ގަތަރުން ފަންޑު ކުރާ 59 މީހަކާއި އަދި 12 މުއައްސަސާއެއް ހިމެނޭ ގޮތުން "ޓެރާ ލިސްޓް" އެއް އެކުލަވާލާ އާންމުކޮށްފައެވެ. މި ލިސްޓުގައި މުސްލިމް ބްރަދާހޫޑާއި އަދި އެ ޖަމާއަތުގެ ރޫހާނީ ލީޑަަރު ވެސް ހިމެނެއެވެ. އަދި ގަތަރުގެ މަޝްހޫރު 18 ފަރާތެއް ވެސް ހިމެނެއެވެ. މި ނެރުނު ލިސްޓާ ގުޅޭ ގޮތުން ގަތަރުން ބުނީ، އެއީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ލިސްޓެއް ނޫން ކަމަށެވެ.

ގަތަރަށް، އަރަބި ގައުމުތަކުން ފިއްތުންތައް އިތުރުކޮށް އިންޒާރު ދެމުން ދިޔަޔަސް ގަތަރުން ތިބޭނީ އެގައުމު ގަބޫލު ކުރާ ގޮތުގައެވެ. އެކަން ޔަގީންވީ ގަތަރުގެ ޚާރިޖީ ވަޒީރު ބުރާސްފަތި ދުވަހި އަލް ޖަޒީރާ އަށް ވިދާޅުވި ބަސްފުޅުންނެވެ. އޭނާ ވިދާޅުވީ އަރަބި އަވަށްޓެރި ގައުމުތަކުން ކޮންމެފަދަ ޕްރެޝަރެއް ކުރިޔަސް، އެގައުމުގެ މިނިވަން އަދި މުސްތަގިއްލު ޚާރިޖީ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ

ގަތަރުން ޓެރަރިޒަމަށް ހިއްވަރު ދޭ ކަމަށް ބުނެ ގަތަރާ އޮންނަ ޑިޕްލޮމިޓިކް ގުޅުން އަރަބި ހަ ގައުމަކުން ކަނޑާލައިފައިވާއިރު އެ ހަ ގައުމަކީ ސައުދީ އަރަބިއްޔާ، ޔޫއޭއީ، މިސްރު، ބަހްރައިން, ޔަމަން އަދި ލީބިޔާ އެވެ. ގަތަރާ ގުޅުން ކަނޑާލި ގައުމުތަކުން ބުނާގޮތުން ގަތަރު ދަނީ ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)، އަލް ގައިދާ އަދި މުސްލިމު ބްރަދާ ހޫޑް ފަދަ ޖަމާއަތްތަކަށް ވާގިވެރިވަމުންނެވެ. ގަަަތަރުން ދަނީ ތުހުމަތުތައް ކެނޑިނޭޅި ދޮގު ކުރަމުންވެ. ގަަތަރުގެ ފޮރިން މިނިސްޓްރީގެ ބަހަަށް ބަލާލަމާތޯއެވެ. ގަތަރުގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ގަތަރާ މެދު އެ ގައުމުތަކުން ކަންކުރި ގޮތަކީ އެގައުމުތަކަށް މަގްބޫލު ސަބަބެއް ދެއްކޭނެ ކަމެއް ނޫން ކަމަށާއި އަދި ގަަތަރާ މެދު ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު، ހީތަކެއްގެ މައްޗަށް ދައްކާ ވާހަކަތަކެއް ކަަމަށެވެ. އިތުރަށް ބުނެފައި ވަނީ މިހާރު ހިނގާ ކަންކަމުން ދޭހަވެގެން ދަނީ ގަތަރުގެ ދައުލަތް ނިކަމެތިކޮށްލަން މަސައްކަތް ކުރާ ކަން ކަމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް