20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ގަތަރުގެ މައްސަލަ

ޤަތަރުގެ މައްސަލައިގައި ދިވެހިރާއްޖެ އިސްރާއީލުގެ އަޅުވެތިކަމަށް!؟

  • ސައުދިން ދަނީ އިސްރާއީލަށް ވާގިވެރިވަމުން
  • އީރާނާއި ޤަތަރު ޞާކީ ކުރުމުގައި އެމެރިކާ އާއި ޤަތަރުގެ ނުފޫޒު ބޮޑު
  • އެމެރިކާ އާއި އިސްރާއީލަށް ތަބާ ނުވާ ޤައުމުތަކަށް ދަޏި އެކި އުނދަގޫ ޖައްސަމުން
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 8 ޖޫން 2017 | ބުރާސްފަތި 22:28 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ގަލްފުގެ މައްސަލަ ތެރެއަށް ވަނުމާއިއެކު ރާއްޖެއަށް އެމެރިކާ އާއި ސައުދީއާއި އިސްރާއީލުގެ ނުފޫޒު ވަނީ ބޮޑުވެފައި -- ރާއްޖެއެމްވީ

ދިވެހިރާއްޖެއަކީ ގަލްފުގައި މިހާރު އުފެދިފައިވާ މައްސަލައިގައި ސައުދީ އަރަބިއާ އާއި އެއްބައިވެ، ޤަތަރު އެކަހެރި ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، ޤަތަރާއި ގުޅުން ކަނޑާލި އަރަބި ނޫން ފުރަތަމަ ޤައުމެވެ. ކަމާއި ނުބެހޭ ޤައުމަކުން، ގަލްފުގެ މައްސަލައެއްގެ ތެރެއަށް މިގޮތަށް ކުއްލިއަކަށް ވަނުން ވެގެން ދިޔައީ ދުނިޔޭގެ ސަމާލުކަން އެކަމަށް ލިބުނު ކަމަކަށެވެ.

ސައުދީން އިސްވެ، ޤަތަރާއި ދެކޮޅަށް ފިޔަވަޅުތަކެއް އަޅާފައި މިވަނީ ޤަތަރުގެ ނަން ހުތުރު ކުރުމަށް ހިންގި ކެމްޕެއިނެއްގައި އެކުވެރި އަރަބި އިމާރާތުން އެމެރިކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ޔޫސުފް އަލް އުތައިބާ އިސް ދައުރެއް އަދާކުރެއްވިކަން ހާމަވާ ލިޔެކިޔުންތަކެއް ލީކުވި ދަނދިވަޅުގައެވެ.

މި ލިޔެކިޔުންތަކުން ހާމަވި ގޮތުގައި، ވޭތުވެދިޔަ އަހަރުތަކުގައި ސަފީރު އުތައިބާ ވަނީ، އެމެރިކާގެ ރިޕަބްލިކަން ޕާޓީއާއި ގާތް ގުޅުމެއް އޮންނަ، އިސްރާއީލަށް ތާޢިދުކުރާ ނުފޫޒުގަދަ ޖަމާއަތަކާއި އެކު މަސައްކަތްކުރައްވާފައެވެ.

މީގެ އިތުރުން އެ ލިޔެކިޔުންތަކުން ދެން ހާމަވެގެން ދިޔަ ކަމަކީ މިސްރުގެ ފުރަތަމަ އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުރުސީ މަޤާމުން ދުރުކުރުމަށް އެ ޤައުމުގައި ހިންގި ލޭ އޮހޮރުވުމާއި، އަނިޔާވެރި ބަޣާވާތުގެ އަޑީގައި ތިބެ އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއާއިން އެ ޖަރީމާތަކަށް ބާރުދިން ކަމެވެ.

ލީކުވެފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ހިމެނޭ، އެމެރިކާއިން އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅުއްވާފައިވާ ސަފީރަށް، ސަފީރު އުތައިބާ ފޮނުއްވަވާފައިވާ އީމެއިލްތަކަކުން، އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއާ އާއި މެދު ތުރުކީއިން ކުރަމުން އައި ތުހުމަތުތަކަކަށްވެސް ވަނީ ބާރު ލިބިގެން ގޮސްފައެވެ. އެގޮތުން، ދާދިފަހުން ތުރުކީއަށް ގެންނަން އުޅެ ނާކާމިޔާބުވި ބަޣާވާތުގެ އަޑީގައި އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއާ ތިބި ކަމަށް ތުރުކީގެ ބައެއް އޮފިޝަލުން ކުރަމުންދާ ތުހުމަތުތަކަށް މި އީމެއިލްތަކުން ވަނީ ބާރު ލިބިގެން ގޮސްފައެވެ. އެ އީމެއިލްތަކުގައި އުތައިބާ ވަނީ ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން އާއި ދެކޮޅަށް ހިންގަން އުޅުނު ބަޣާވާތަށް އެކުވެރި އަރަބި އިމާރާތާއި ސައުދީ އަރަބިއާ ތާޢިދުކުރާކަން ހާމަކުރައްވާފައެވެ.

ގަލްފުގެ ބާރުތަކާއި ގުޅޭގޮތުން މި ހުރިހާ ކަންތައްތަކެއް ހާމަވެގެން ގޮސްފައިވާ ދަނޑިވަޅެއްގައި، ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމު ދައުލަތަކުން 'ދަލުބޭރުން ޖެހިގެން' މި މައްސަލައިގެ ތެރެއަށް ވަތް ސަބަބަކީ ކޮބާބާވައެވެ؟

މައްސަލަ ދިރާސާކުރާ ފަރާތްތަކުން މި ކަމުގައި އެންމެ ބޮޑަށް ބުރަވާ ޖަވާބަކީ ސައުދީގެ ނުފޫޒެވެ. ސައުދީން ފަހަކަށް އައިސް ރާއްޖެއަށް ދެމުންދާ މާލީ އެހީތަކާއި، އަދި މުސްތަޤުބަލުގައި ދޭނެ ކަމަށް ވައުދުވެފައިވާ އެހީއާއި ރާއްޖެއަށް ގެނެސްދޭން ވަޢުދުވެފައިވާ އެތައް ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަކީ، ރާއްޖޭގެ ހާރިޖީ ސިޔާސަތު އަލް ސައުދު އާއިލާއިން ބޭނުންވާ ގޮތަށް ލެންބުމަށް ދޭ އަގު ކަމުގައި އެފަރާތްތަކުން ދެކެއެވެ.

މީގެ އެއް ހެއްކަކީ ފަހުގެ ތާރީޚުގައި ރާއްޖެއިން ގުޅުން ކަނޑާލި ދެ ޤައުމު ކަމުގައިވާ އިރާނާއި އަދި ޤަތަރާއިވެސް ގުޅުން ކަނޑާލާފައިވަނީ އެކަމުގައި ސައުދީގެ މަސްލަހަތު އިންތިހާއަށް އޮތް ދަނޑިވަޅެއްގައި ކަމަށް ވުމެވެ. އަދި އެ ދެޤައުމާއިވެސް ގުޅުންކަނޑާލީ ރާއްޖެއާއި އެ ޤައުމުތަކާއި ދެމެދު މައްސަލައެއް އޮވެގެން ނޫން ކަމެވެ. އީރާނާއި ގުޅުން ކަނޑާލުމުގެ ހަފްތާއެއް ކުރިން، އަދި ޤަތަރާއި ގުޅުންކަނޑާލުމުގެ ގަޑިއިރުތަކެއް ކުރިން އެ ޤައުމުތަކާއި އޮތް ގުޅުން އިތުރަށް ބަދަހިކޮށް، އިތުރު ދާއިރާތަކުން ގުޅުން ވަރުގަދަ ކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ.

އެހެންކަމުން، ސަރުކާރުން ކިތަންމެ ވަރަކަށް ދޮގުކުރި ނަމަވެސް، ދިވެހިރާއްޖެއިން ޤަތަރާއި ގުޅުން ކަނޑާލުމަށް ނިންމި ނިންމުމަކީ ހަޤީޤަތުގައިވެސް ސައުދީގެ ނުފޫޒު އޭގައި އޮތް ނިންމުމެއް ކަމަށް ޤަބޫލުކުރެވެއެވެ.

ރާއްޖެއިން ކުއްލިއަކަށް ޤަތަރާއި ގުޅުން ކަނޑާލުމާއި، އޭގެ ކުރިންނާއި ފަހުން ވެގެންދިޔަ ބައެއް ކަންކަމަށް އެކުގައި ބަލާއިރު، ހަމަ ގައިމުވެސް ދިވެހި ރައްޔިތުން އެކަމަކާއި ނުހަނު ކަންބޮޑުވާނެ އެއް މަންޒަރު ދަނީ ފެންނަމުންނެވެ. އަދި އެ މަންޒަރަށް ބުރަވެ، އުފެދޭ ތުހުމަތަކީވެސް ވަރަށް ބޮޑު ތުހުމަތެކެވެ. މި ތުހުމަތުތައް ތެދަކަށް ވެއްޖެނަމަ، ދިވެހިރާއްޖެ ފާޅުގައި އަޅުވެތިވެފައިވާ ޤައުމަކަށް ވެގެން ދާނެއެވެ.

މި ފާހަގަ ކުރެވުނު ތުޙުމަތަކީ ދިވެހި ސަރުކާރުން ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކަމަށް އެ ކުރާ މަސައްކަތާއި، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ޤާއިމް ކުރުމަށް ތާޢީދު ކުރާ ކަމަށް، ފާޅުގައި އަޑުހަރުކޮށް ބުނަމުން، ސިއްރިއްޔާތުގައި އިސްރާއީލާއި އެކު މަސައްކަތްކުރާ ކަމުގެ ތުހުމަތެވެ. ނުވަތަ ނޭގުމެއްގެ ތެރޭގައި ނަމަވެސް އިސްރާއީލުގެ އަޅުވެތިކަމާއި ދިމާލަށް ދަތުރުކުރެވޭ ކަމުގެ ބިރުވެރި ލަފާއެވެ.

މި ދެންނެވުނު ތުޙުމަތުގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަވާ ކަމަކީ، ގަލްފުގައި އުފެދުނު ނުތަނަވަސްކަމަށް ނުސީދާކޮށް ޒިންމާ ނެގި ޤައުމެވެ. އެއީ އެމެރިކާއެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ، ގަލްފުގައި "ޓެރަރިޒަމާއި ދެކޮޅަށް" ފެށިފައިވާ ހަރަކާތްތަކަކީ، ދާދިފަހުން އެމަނިކުފާނު ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ކަމަށް ވިދާޅުވެފައެވެ.

ފާހަގަވާ ދެވަނަ ކަމަކީ، ޤަތަރާއި ގުޅުން ކަނޑާލި ޤައުމުތަކަށް އެންމެ ފުރަތަމަ މަރުޙަބާ ކީ ޤައުމެވެ. އެ ޤައުމަކީ އިސްރާއީލެވެ. ޤައުމުތަކުން ޤަތަރާއި ގުޅުން ކަނޑާލުމުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރ އަވިގްދޯ ލައިބަރމަން ވަނީ އެ ޤައުމުތަކަށް މަރުޙަބާ ވިދާޅުވެ، މިއީ އެ ޤައުމުތަކާއި އެކު ގާތް ގުޅުމެއް ގާއިމްކުރަން ލިބުނު ފުރުޞަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އެ ވިދާޅުވާ ގުޅުން މިހާރުވެސް ދަނީ ފެންނަމުންނެވެ. އަދި އެ ގުޅުމުގެ ފައިދާވެސް އިސްރާއީލުން ދަނީ އެންމެ ފުރިހަމައަށް ނަގަމުންނެވެ. އެހެނީ އިސްރާއީލުގައި މިހާރު އޮތް ސަރުކާރު ދެމެހެއްޓުމަށް އެންމެ ބޮޑަށް ޚަރަދުކުރި އެއްބަޔަކީ އަލް ސައުދު އާއިލާކަން ވަނީ ހާމަވެފައެވެ. އަލް ސައުދު އާއިލާ އާއި އެމެރިކާ އާއި ގާތް ގުޅުމެއް އޮތް އިރު، އެމެރިކާ އާއި އިސްރާއީލާއި ދެމެދު އޮތް ގުޅުން އިތުރަށް ހާމަކުރާކަށް ނުޖެހޭނެއެވެ. އަރަބި ގަލްފު ސަރަޙައްދުގައި ހުރި ޤައުމުތަކަށް ބަލާއިރު، މިހާރު ސައުދީ އަރަބިއާގެ ސީދާ ބާރު ނުހިނގާ އޮތީ އީރާނާއި ޤަތަރު އެކަންޏެވެ. ދެން އޮތީ ކުވެއިތާއި އޮމާނެވެ.

ކުވެއިތާއި އޮމާނަކީ ވަކި ފަރާތަކަށް ނުޖެހޭ ސިޔާސަތެއް ގެންގުޅޭ ޤައުމެއް ކަމުން، އިސްރާއީލަށްވެސް، ސައުދީއަށްވެސް އަދި އެމެރިކާއަށްވެސް އެ ދެ ޤައުމުން ލިބޭނެ މާބޮޑު ގެއްލުމެއް ނެތެވެ. ނަމަވެސް އީރާނާއި ޤަތަރު މިއާއި ޚިލާފެވެ.

ސައުދީ އަރަބިއާ އަކީ މުސްލިމު އުންމަތުގެ ލީޑަރު ކަމަށް ކުރާ ދައުވާ އީރާނު ޤަބޫލެއް ނުކުރެއެވެ. އީރާނުގެ މި ވިސްނުމަކީ ބަސްނޭހުމުގެ ގޮތުގައި ސައުދީން ދެކޭއިރު، މި މައްސަލައަކީ އެ ދެ ޤައުމުގެ ދެމެދުގައިވާ ސުންނީ-ޝީއީ ހަސަދަވެރިކަމަށްވުރެވެސް ބޮޑު، ޒަމާންވީ ހަސަދަވެރިކަމެކެވެ. މީގެ އިތުރުން އީރާނަކީ ސަރަޙައްދުގެ ހަމައެކަނި ނިއުކްލިއަރ ބާރެވެ. މިއީ ސައުދީގެ ހައިބަތު ގެއްލޭ ކަމެއްގެ ގޮތުގައި އެ ޤައުމުން ދެކޭއިރު، އެމެރިކާގެ ބަސްނާހާ ޤައުމެއް ނިއުކްލިއަރ ބާރަކަށް ވުމަކީ އެ ޤައުމުން ނުރައްކާތެރި ކަމެއްގެ ގޮތުގައި ދެކޭ ކަމެކެވެ. އަދި ވަކިން، އީރާނު ވެގެންގޮސްފައިވަނީ ސަރަޙައްދުގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާ ކަމުގައިވާ އިސްރާއީލަށް ބޮޑު ނުރައްކަލަކަށެވެ.

ޤަތަރާއި، މިތިން ޤައުމާއި އޮތް މައްސަލައަކީ އަސްކަރީ މައްސަލައެއް ނޫނެވެ. ސިޔާސީ، އިޤުތިޞާދީ މައްސަލައެވެ. ފުރަތަމަ ކަމަކަށް، ޤަތަރަކީ ނިސްބަތުން އަރަބި ދުނިޔޭގައި އެންމެ މުއްސަނދި ގައުމެވެ. އަރަބި ޤައުމުތަކަށް ލިބިފައިވާ ތެލުގެ މުއްސަނދިކަމުގެ އިތުރުން، ޤަތަރުން ވަނީ ތެލަކީ ހުސްވާނެ އެއްޗެއްކަން ކުރީބައިގައި ވިސްނައި، އެހެން ދާއިރާތަކުން އިވެސްޓްކޮށްފައެވެ. ތެޔޮ ހުސްވެދާނެކަން އަލް ސައުދު އާއިލާއަށް ވިސްނުނީ ދާދި ފަހުންނެވެ. އެހެން ވިޔަފާރިތަކުގެ ތެރެއަށް ވަނުމަށް ސައުދީން އަވަސްއަރުވާލައިގެން އުޅެނީ މިހެންވެއެވެ. ތެޔޮ ހުސްވެ، އަރަބި ދުނިޔޭގައި ސައުދީގެ ބާރު ގެއްލި، އަލް ސައުދު އާއިލާއިން ޤަތަރަށް ބޯލަނބަން ޖެހިދާނެތީއެވެ.

ޤަތަރާއި މެދު އެމެރިކާގެ އޮތް މައްސަލައަކީ، އީރާނު އެކަހެރި ކުރުމާއި ޤަތަރު ދެކޮޅުހެދުމެވެ. މި ސަބަބާއި ހުރެ، ޤަތަރުވެސް ވަނީ އީރާނު ފަދައިން ބިރަކަށް ވެފައެވެ. އިސްރާއީލުން ޤަތަރާއި މެދު ހަސަދަވެރިވާ މައިގައިނޑު ސަބަބަކީ އިސްރާއީލުން ފަލަސްޠީނުގައި ހިންގަމުންދާ ޖަރީމާތަކާއިމެދު އަޅައިނުލައި މުޅި އަރަބި ދުނިޔެ އޮތް އިރު، ޤަތަރުން މަޑުން ނޯތުމެވެ. ޤަތަރަކީ އެކި ދާއިރާތަކުން ފަލަސްޠީނަށް އެންމެ ބޮޑަށް އެހީވާ އެއް ޤައުމެވެ.

ގަލްފުގެ މައްސަލައިގެ އަސްލު، އަލް ސައުދު އާއިލާ އާއި އެމެރިކާ އާއި އިސްރާއީލުގެ ބޭނުންތަކާއި، ބާރުވެރިކަމާއި ގުޅިފައިވާއިރު، މިފަދަ މައްސަލައެއްގެ ތެރެއަށް ރާއްޖެއިން ވަންނަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ދަލުބޭރުން މި މައްސަލައިގައި ޖެހި، މައްސަލައިގެ ފުނަށް ވެއްޓިގަތުމުން، ރުހުމުގައިވިޔަސް، ނުރުހުމުގައިވެސް ދެން ވެއްޓިގެންދާނީ އިސްރާއީލާއި އެމެރިކާގެ އަޅުވެތިކަމަށެވެ. އޭރުން ސައުދީންގެ އަޅުވެތިކަމުގައި މި ޖެހިފައިވާ ހާލަތަށްވުރެ ދަތި އުނދަގޫ ހާލަތަކަށް ރާއްޖެ ވެއްޓުނީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް