24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރާއްޖެ އާއި ސައުދީގެ ގުޅުން

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

  • ސައުދީން ވަނީ 100 މިލިއަން ޑޮލަރު އެއަރޕޯޓް މަޝްރޫއަށް ހޭދަކުރުމަށް އެއްބަސްވެފައި
  • ރާއްޖެއިން ވަނީ ގަތަރާއި ގުޅުން ކަނޑާލާފަ
  • މިކަމާ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުން
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 6 ޖޫން 2017 | އަންގާރަ 19:55 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ރާއްޖެ އާއި ސައުދީގެ ގުޅުން -- ރާއްޖެއެމްވީ

މެދުއިރުމަތީ ގައުމެއްކަމުގައިވާ ގަތަރާއި އޮންނަ ސިޔާސީ ގުޅުން ކަނޑާލަން ނިންމި ނިންމުންވެގެން ދިޔައީ ދިވެހި ރައްޔިތުންނަށް ޝޮކެއް ލިބި، އެކަމާ މެދު އެތައް ސުވާލު ކުރަން ފެށި ނިންމުމަކަށެވެ.

މިދިޔަ ހޯމަ ދުވަހު ސަރުކާރުން އެ ނިންމުން ނިންމާފައި ވަނީ، ގަތަރަކީ ޓެރަރިޒަމަށް ހިތްވަރުދޭ ގައުމެއް ކަމަށް ބުނެ އެވެ.

އެހެން ނަމަވެސް، ގިނަ ބަޔަކު އަންނަނީ ސަރުކާރުގެ މި ނިންމުމަށް ފާޑު ކިޔަމުންނެވެ. އަދި ދިވެހި ރާއްޖެ ގަތަރާއި ގުޅުން ކަނޑާލަންޖެހުނީ، އެއްވެސް ހާލެއްގައި ގައުމު ބޭނުންވެގެން ނޫން ކަމަށާއި ނުވަތަ އެ ބުނާފަދަ އެއްވެސް ޓެރަރިޒަމާ ގުޅޭ މައްސަލައަކާ ގުޅިގެން ނޫން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެއެވެ. މި ނިންމުން ނިންމަން ޖެހުނީ ސަރުކާރަށް ކުރިމަތިވި މަޖުބޫރުތަކެއްގެ ސަބަބުން ކަމަށާއި ބައެއްގެ ނުޒޫފު ވަކި ހިތްޕާލާފައިވާ މިންވަރުގެ ބޮޑުކަމުން ކަމަށް ގިނަ ބަޔަކު ބުނެއެވެ.

އެންމެ ގިނަ ފަރާތްތަކުން ބުނަނީ، ދިވެހި ސަރުކާރުން، ސައުދީ އަރަބިއްޔާ އިން ގަތަރާ ގުޅުން ކަނޑާލަން ނިންމި ނިންމުމަށް "އާނ" ބަސް ކިޔާ، އެގޮތަށް ނިންމަން ވިސްނީ، ސައުދީ ސަރުކާރުގެ ސަބަބުންނެވެ. އެގައުމުން ރާއްޖެއަށްވާ އެހީތެރިކަމުގެ ބަދަލެއްގެ ގޮތުން ކަމަށް މިފަދަ ފަރާތްތަކުން ބުނެއެވެ.

ހަގީގަތުގައި ވެސް މިއީ ތެދަކަށް ވެދާނެ ބާއެވެ. މިގޮތަށް މިކަން ވެއްޖެ ނަމަ، މިއީ ހަމަގައިމުވެސް އިގްތިސާދީ އަޅުވެތިކަމަކަށް ރާއްޖެ ދިއުމެވެ. މިއީ ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމެއް ނޫނެވެ.

ސައުދީ ސަރުކާރުން މިހާތަނަށް ރާއްޖެއަށްވެފައިވާ އެހީތަކަށް ބަލާ އިރު، މި ސަރުކާރުގެ އެންމެ ބޮޑު އެއް ޕްރޮޖެކްޓް އެއަރޕޯޓް މަޝްރޫއު އަށް 100 މިލިއަން ޑޮލަރު ހަރަދު ކުރުމަށް ވަނީ ނިންމާފަ އެވެ. އަނެއްކޮޅުން ހުޅުމާލޭ ތަރައްގީއަށް 80 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ހަމަޖެހިފައިވާ އިރު، އައިހެވެން ފަދަ މަޝްރޫއުތަކުގައި ވެސް ސައުދީގެ އިންވެސްޓަރުން އަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް އުންމީދު ކުރެއެވެ.

ސްޕެޝަލް އިކޮނޮމިކް ޒޯން އެސްއީޒެޑްގެ މަޝްރޫއުގެ ތެރެއިން، އައިހެވެން މަޝްރޫއަށް އިންވެސްޓް ކުރުމަށް އެދި ސަރުކާރުން މިހާރު ވަނީ ސައުދީއަށް ފީޒިބިލިޓީ ސްޓަޑީ ވެސް ފޮނުވާފައެވެ. އެގޮތުން، 220 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓް އަންނާނެ ކަމަށް ސަރުކާރުން ދަނީ އުންމީދު ކުރަމުންނެވެ.

ހަމަ ގައިމު ވެސް މިއީ ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ބޮޑު ޕަސެންޓެކެވެ. ފައިސާއަށް ބަލާ އިރު ވެސް ރާއްޖެ ފަދަ ގައުމަކަށް މިއީ އާދައިގެ އަދަދެއް ވެސް ނޫނެވެ. މިތިން ޕްރޮޖެކްޓަށް އެކަނި ގާތްގަނޑަކަށް މިއީ 6.1 ބިލިއަން ރުފިޔާ އެވެ. މިއީ ރާއްޖޭގެ ބަޖެޓުގެ ނިސްބަތުން ބަލާ ނަމަ 22.59 އިންސައްތަ އެވެ.

ސައުދީން ހިންގާފައިވާ ތަފާތު އިތުރު މަޝްރޫއުތަކަށް ބަލާ އިރު އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލުގެ މަސައްކަތްތަކަށް 12.5 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ގއ. އަތޮޅުގައި ކުރިއަށް ގެންދިޔަ ހައުސިން ޔުނިޓްތަކުގެ މަސައްކަތްތަކުގެ އިތުރުން، 20 މިލިއަން ޑޮލަރު ސައުދީގެ އެހީގައި ހަރަދުކޮށްފައި ވެއެވެ. ރާއްޖޭގެ ތިން ރަށެއްގެ ބަނދަރުގެ މަޝްރޫއުތަކަށް ސައުދީ ސަރުކާރުން ވަނީ 15 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ. އެގޮތުން ހއ. ހޯރަފުއްޓާއި ހއ. އިހަވަންދޫގެ އިތުރުން ކ. ދިއްފުށީގެ ބަނދަރު ތަރައްގީ ކޮށްފައިވަނީ، ސައުދީގެ އެހީގަ އެވެ.

މި މަޝްރޫއުތަކުގެ އިތުރަށް ވެސް ސައުދީ ސަރުކާރަކީ ރާއްޖެއަށް ފައިސާގެ އެހީ ދޭ ގައުމެކެވެ. އެގޮތުން ބަޖެޓް ސަޕޯޓަށް ރައީސް ޔާމިނުގެ ސަރުކާރުގައި އެންމެ ގިނައިން އެހީ ލިބޭ އެއް ގައުމަކީ ސައުދީ އެވެ.

 

 

މިއީ ސައުދީން ރާއްޖެއަށް ވަމުންދާ، އަދި ވެދީފައިވާ ބައެއް އެހީތަކެވެ. ކޮންމެއަކަސް ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެން އެއީ ސައުދީގެ މުށުތެރޭގައި ރާއްޖެ އޮތް މިންވަރު ދައްކުވާދޭ ކަމެއް ކަމަށް ގިނަ ބަޔަކު ބުނަމުންދާ އިރު، މިކަމަށް ސަރުކާރުން ވަނީ ރައްދުދީފަ އެވެ. ސަރުކާރުން ވަނީ މިއީ ވަކި ބަޔަކު ބުނެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ޓެރަރިޒަމާއި ދެކޮޅަށް ނިންމި ނިންމުމެއް ކަމަށް ބުނެފަ އެވެ. ނަމަވެސް، ސަރުކާރުން ދެއްކި ވާހަކަ ގިނަ ބަޔަކު ސީރިއަސްކޮށް ބަލައެއް ނުގަނެ އެވެ.

މިފަދަ ނިންމުންތަކަކީ، ވަޒީރުން ޕްރެސް ކޮންޕަރެއްސެއް ބާއްވާ، މިއީ ގައުމަށާއި ދިވެހި ރައްޔިތުންގެ ލާބައަށާއި މަންފާއަށް ކުރާ ކަމެކޭ ބުނެގެން ނިންމާލެވޭނެ ނިންމުންތަކެއް ނޫނެވެ. ނުވަތަ ސަރުކާރުން ދިވެހި ރައްޔިތުންނަށް ގެއްލުންވާ އެއްވެސް ކަމެއް ނުކުރާނެ ބުނެގެން ވެސް ނިންމާލެވޭނެ ނިންމުންތަކެއް ނޫނެވެ. މިފަދަ ކަމެއް ނިންމާ އިރު މި ކަމުން ލިބިދޭނެ އިގްތިސާދީ ގެއްލުންތަކާއި ފައިދާތަކާ ގުޅޭ ގޮތުން ކުރެވިފައިވާ ދިރާސާގެ އަލީގައި ރައްޔިތުންނަށް މައުލޫމާތު ދީގެން ނޫނީ ގަބޫލުކުރަން ފަސޭހައެއް ނުވާނެއެވެ.

މެދުއިރުމަތީގެ ގައުމުތަކުގެ ތެރެއިން ގަތަރާއި މިހާތަނަށް ގުޅުން ކަނޑާލާފައި ވަނީ ސައުދީ އަރަބިއްޔާ އާއި، ބަހްރެއިނާއި، މިސްރާއި،ޔަމަނާއި ޔޫއޭއީގެ އިތުރުން ލީބިޔާ އެވެ.

ގަތަރާ ގުޅުން ކަނޑާލުމާ ގުޅޭ ގޮތުން އެމެރިކާ ފަދަ ގައުމުތަކުން ވަނީ، އެގައުމުތަކުން ގަތަރާއި ރަގަޅު ގުޅުމެއް އޮންނަކަން ފާހަގަކޮށް، މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމަށް  އެ ސަރަހައްދުގެ ގައުމުތަކަށް ގޮވާލާފަ އެވެ.

މިއީ މެދުއިރުމަތީގެ މައްސަލައެއްގެ ގޮތުގައި ގިނަ ގައުމުތަކުން ފާހަގަކޮށްފައިވާ އިރު، މުސްލިމު މެޖޯރިޓީ އޮންނަ އެހެން ގައުމުތަކުން ވެސް މިކަމާ ގުޅިގެން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެހެން ނަމަވެސް، ގުޅުން ކަނޑާލާއިގެން ގަތަރަށް މާބޮޑު އަސަރުތަކެއް ނުކުރާނެ ރާއްޖެފަދަ، ގައުމަކުން މިފަދަ ނިންމުމެއް ނިންމުމުން، ގިނަ ބަޔަކު އަންނަނީ، މީގެ މަގްސަދާ މެދު ސުވާލު އުފައްދަމުންނެވެ.

ދިވެހި ސަރުކާރުން ގުޅުން ކަނޑާލާފައިވާ އިރު، އިގްތިސާދީގޮތުން ގަތަރަކީ މިހާރު މާބޮޑު އެހީތަކެއް ވަމުން އަންނަ ގައުމެއް ނޫނެވެ. އެހެންނަމަވެސް މި ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ޑރ. މުހައްމަދު ޖަމީލް އަހްމަދު ނައިބު ރައީސަށް ހުންނެވި ދުވަސް ވަރު މެދުއިރުމައްޗަށް ކުރެއްވި ދަތުރުގައި ގަތަރުގެ ސަރުކާރާ ދެކެވުނު ވާހަކަތަކުގެ ތެރެއިން އެގައުމުން ވަނީ 2014 ވަނަ އަހަރު ބަޖެޓް ސަޕޯޓަށް ސަރުކާރަށް ފައިސާގެ އެހީއެއް ދީފަ އެވެ. މިވަގުތަށް ބަލާއިރު ގަތަރުގެ މަޝްރޫއުތަކެއް ނެތް ނަމަވެސް ހުޅުމާލޭގައި އެޅުމަށް ހަމަޖައްސާފައިވާ ބައިނަލްއަގުވާމީ ސްޓޭޑިއަމް އަށް ފަންޑްކޮށްދޭން ގަތަރު ވަނީ އެއްބަސްވެފައެވެ.

 

ގަތަރުން އެޅުމަށް އެއްބަސްވި ސްޓޭޑިއަމްގެ ކުރެހުމެއް

 

ކަން މިހެން އޮތް އިރު ދިވެހި ރާއްޖެ ފަދަ ގައުމަކުން މަސައްކަތް ކުރަންޖެހޭނީ، މެދުއިރުމަތީގެ ދެބައިވުންތަކަށް ހިތްވަރު ދިނުމުގެ ބަދަލުގައި، އެފަދަ މައްސަލަތައް ހައްލުކުރުމަށެވެ. މިއީ ހާރިޖީ ގޮތުން ސަރުކާރުން ނިންމި އެންމެ ދޯދިޔާ ނިންމުންގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރާ އިރު، މިފަދަ ނިންމުތަކަކީ، ވަރަށް ވިސްނާފައި ނޫނީ ނިންމަންވާނޭ ނިންމުންތަކެއް ނޫނެވެ.

އިގްތިސާދީގޮތުން ފުދުންތެރި އެއްވެސް ބައެއްގެ ނުފޫޒުގެ ތެރެއިން ބޭރުވެ ތިބުމަކީ ރާއްޖެފަދަ ތަރައްގީވެފައިވާ ގައުމަކަށް އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް އެގޮތަށް ގައުމު އޮތުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. ގައުމުގެ އަމަން އަމާންކަން ދެމެހެއްޓޭނީ އެގޮތަށް ގައުމު ބައްޓަންކޮށްގެންނެވެ.

"އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ،" ބުނާ ބީދައިން ސައުދީން ވަމުންދާ އެހީތެރިކަން ބަލައިގަންނަ ކަމުގައިވާ ނަމަ، އެކަން ރާއްޖެ ވެސް ދަންނަން ޖެހެ އެވެ.

އެހެން ގައުމުތަކުން ވެދޭ އެހީތެރިކަން ބަލައިގަތް ކަމުގައިވީ ނަމަވެސް، އެބައެއް ނުޒޫފުން ނިކުންނަން އުދަގޫވެ، އެބައެއް ބުނާހާ ގޮތެއް ހަދަން މަޖުބޫރުވާ ދަރަޖައަށް އެއްވެސް ބައެއްގެ ފަރާތުން އެހީ، ހޯދުމަކީ ގައުމަކުން ކުރަން ވާނޭ ކަމެއް ނޫނެވެ.

 

 

 

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް