26 ޖުލައި 2017 | ބުދަ | ފުސް 12

ބަލި ގަބޫލުކުރަންވެސް ނޭނގެނީ ހެއްޔެވެ؟

  • އިންތިހާބުގައި، ޕީޕީއެމް ވަނީ ބޮޑު ބައްޔަކުން ބަލިވެފައި
  • އިންތިހާބު ކާމިޔާބުކުރި ކެނޑިޑޭޓުންނަށް މަރުހަބާ ކިޔާފައެއް ނުވޭ
  • ސަރުކާރުގެ އެކިވެރިން ވަނީ ކައުންސިލް ނިޒާމުގެ އިތުބާރު ގެއްލޭ ގޮތަށް ވާހަކަދައްކަވާފައި

| | | DeNaseer | |



ސަރުކާރުގެ ބައެއް އިސްވެރިން، އިންތިހާބުގެ ނަތީޖާއެކު ދައްކަވާފައިވާ ބައެއް ވާހަކަތައް -- ފޮޓޯ:ރާއްޖެ އެމްވީ

އިންތިހާބުތަކުގައި މޮޅު ލިބޭނީ ކޮންމެވެސް އެއް ސިޔާސީ ޕާޓީއަކަށެވެ. އެ އިންތިހާބުތަކުގައި ކޮންމެވެސް އެއް ސިޔާސީ ޕާޓީއެއް ބަލިވެސްވާނެ އެވެ. ނަމަވެސް ޑިމޮކްރެޓިކް ނިޒާމުގައި މޮޅުވާ ސިޔާސީ ޕާޓީއަށް އަބަދުވެސް މަރުހަބާ ކިޔާނެ އެވެ. އެ މޮޅުވި ޕާޓީއަށް އެއްބާރުލުންދޭނެ ކަމަށް، ބަލިވި ޕާޓީން ހާމަކުރާނެ އެވެ. ހަމަ އެގޮތަށް ޤައުމުގެ ވަލިއުލްއަމުރު ވެސް ކާމިޔާބު ހޯދި ސިޔާސީ ޕާޓީއަށް މަރުހަބާ ކިޔައި، އެ ޕާޓީގެ އިސް ފަރާތްތަކާއި ބައްދަލުކޮށް ސަލާންގަލާންކޮށް ހަދާނެ އެވެ.

 

ރާއްޖޭގެ ތާރީހުގެ ތެރެއިންވެސް އެ މަންޒަރު ވަނީ ފެނިގެންގޮސްފަ އެވެ. 2008 ވަނަ އަހަރު ބަލިވެ، ގެޔަށް ވަޑައިގަންނަވަންޖެހިވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބްދުއް ޤައްޔޫމާއި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބަލިވެވަޑައިގެންނެވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވެސް ވަނީ އެގޮތަށް އަމަލުކުރައްވައިފަ އެވެ. ކާމިޔާބު ލިބުނު ޕާޓީއަށް މަރުހަބާ ވިދާޅުވެފަ އެވެ. އެއްބާރުލުންދޭނެކަން ހާމަކުރައްވާފަ އެވެ. އެ ދުވަހު ރާއްޖޭގެ ސިޔާސީ ހަޔާތުން ފެނިގެން ގޮސްފައިވަނީ ވަރަށްވެސް ރީތި މަންޒަރުތަކެކެވެ. އުފާވެރި މަންޒަރުތަކެކެވެ.

 

އިންތިހާބަކަށް ފަހު، އިންތިހާބެއް ނިމި، މެއި މަހުގެ 6 ވަނަ ދުވަހުގައި ބޭއްވި ކައުންސިލް އިންތިހާބުގެ ނަތީޖާއަށްފަހު، އެ މަންޒަރު އެއްކޮށް ބަދަލުކޮށްލައިފި އެވެ. ބަލިވި ފަރާތްތަކަށް ބަލި ގަބޫލުކުރުމަކީ ފަސޭހަ ކަމަކަށް ނުވި އެވެ. ލިބުނު ބޮޑު ނާކާމިޔާބީއެކު އެކި ބަހަނާތައް ދައްކަން ފަށައިފި އެވެ. އެޔަށްވުރެ އިތުރަށް ޤައުމުގެ ވަލިއްޔުލްއަމުރުގެ މަޤާމުގައި ހުންނެވި މަނިކުފާނު، ގޮނޑިތަކަށް އިންތިހާބުވި ކައުންސިލް މެމްބަރުންނަށް މަރުހަބާވެސް ދެންނެވި މަންޒަރެއް ފެނިގެނެއް ނުދިޔަ އެވެ. އެ ކައުންސިލް މެމްބަރުންނާއެކުގައި ޤައުމައިގެން ކުރިއަށް ވަޑައިގަންނަވާނެކަން ހާމަކުރެއްވި މަންޒަރެއްވެސް ނުފެނުނު އެވެ.

 

އޭގެ ބަދަލުގައި ސަރުކާރުގެ އިސްވެރިންގެ ފަރަތުން ފެނިގެންދިޔައީ، ބަލި ގަބޫނުކޮށް، އެކި ފަރާތްތަކަށް ފާޑުކިޔައި، މަލާމަތުގެ ބަސްތައް ރައްދުކުރަން ފެށި މަންޒަރާއި، އަޑުތަކެވެ. އެ ވާހަކަތައް އަޑުއަހާފައި، މިވެރިންގެ ކިބައިގައި، މިބުނާ ޑިމޮކްރަސީގެ އެއްވެސް ސިފައެއްގެ ކުޑަ މިންވަރެއްވެސް ނެތީބާއޭ ހިތަށް އަރައެވެ.

 

ކައުންސިލްތަކަށް ފިޔަވަޅު އަޅައިގެން ނަމަވެސް ތަރައްޤީ ގެންނާނެކަމަށް މިނިސްޓަރަކު ވިދާޅުވެ އިންޒާރުތައް ދެމުންގެންދިޔައިރު، އަނެއް ބޭފުޅަކު ޤައުމު ތަރައްޤީކުރުމަށް އެމްޑީޕީގެ ކައުންސިލަރުންގެ އެއްބާރުލުން ބޭނުން ނުވާކަމަށް ވިދާޅުވަމުންގެންދިޔަ އެވެ. ދެން ހުންނެވި މިނިސްޓަރަކު ނުކުމެވަޑައިގެން 2018 ވަނަ އަހަރު ވެރިކަމުގެ ހުވާކުރައްވާނީ ރައީސް އަބްދުﷲ ޔާމީންކަމަށް ވިދާޅުވަމުން ގެންދެވިއިރު، ބަންޑާރަ ބޮޑު މިނިސްޓަރު ވިދާޅުވަމުންގެންދެވީ، އިންތިހާބުގެ ނަތީޖާއިން ރައީސް މައުމޫނަށް ތައީދު ނެތްކަން ހާމަވެގެން ހިނގައްޖެ ކަމަށެވެ. އަދި އެވަރުން ނިންމާ ނުލާ، 2018 ވަނަ އަހަރު ފައިނަލްގައި ކުޅޭނީ ރައީސް ޔާމީން އެކަނިކަމަށްވެސް ބަންޑާރަ ބޮޑު މިނިސްޓަރު ވިދާޅުވަމުންގެންދިޔަ އެވެ.

 

އެހެންގޮސް ކިޔާނެކަމެއް ނެތެވެ. ބައެއް ފަހަރު، އެއް ބޭފުޅަކަށްވުރެ މޮޅަށް އަނެއް ބޭފުޅަކު މޮޔަ ގޮވަން ދަސްކުރަނީއޭވެސް ހިތަށް އެރި އެވެ. ނޫނީ ވަކި ބޭފުޅަކާއި، ވަކި ބޭކަނބަލަކު ހިތް ރުއްސުމަށްޓަކައި، މޮޔޮ ގޮވަނީއޭވެސް ހިތަށް އެރި އެވެ. ކޮންމެއަކަސް އެ ހުރިހާ ކޮހެއް ގޮވާ ނިމުނުއިރު، ސާފުވެގެންދިޔަ އެއް ކަމަކީ، ބަލިވި ފަރާތްތަކުގެ ކިބައިގައި ޑިމޮކްރަސީގެ އެންމެ މުހިންމު އެއް ސިފައިގެ ކުޑަވެސް މިންވަރެއް ނެތްކަމެވެ. ބަލި ގަބޫލުކުރުމުގެ ރީތި ސިފަ ނެތް ކަމެވެ. ކާމިޔާބުވި ފަރާތްތަކަށް މަރުހަބާ ކިޔައި، ޤައުމައިގެން ކުރިއަށްދިއުމަށް ތައްޔާރުގައ ތިބިކަން ހާމަކުރުމުގެ ރީތި ސިފަ ނެތްކަމެވެ.

 

ބަލިވި މީހުން ހަނދާނުގައި ބަހައްޓާންވީކަމަކީ، މިއީ ސެމީ ފައިނަލް ނަމަވެސް، ނުވަތަ ކުއާޓާ ފައިނަލް ނަމަވެސް، ރައްޔިތުން ރައްޔިތުންގެ ބަސް ބުނެފިކަމެވެ. ނާކާމިޔާބުގައި ހިތްތިރިކޮށް، ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކަރަން ދަސްކުރާށެވެ. ނޫނީ، އެއްވެސް ފައިނަލަކުން މޮޅެއް، ނުވަތަ ކާމިޔާބީއެއްވެސް ނުލިބޭނެ އެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ


ކަނައްކަފޫޅު

2 މަސް ކުރިން

ދެހާސް 18 ގަ އޮންނަ ރިޔާސީ އިންތިޚާބުގައި ރޭހަށް ނެރެނީ އެއްމެ އަހެއްކަމަށްވާނަމަ ރޭސްޖެހުމުގެ މާނައެއް ނެތެޢްނޫން؟؟؟؟

0
1