ކ. މާލެ
|
25 އޮކްޓޯބަރ 2017 | ބުދަ 18:28
އދ. ތުނޑުފުށި ރިސޯޓް
އދ. ތުނޑުފުށި ރިސޯޓް
ފޭސްބުކް
ރިސޯޓް ތަރައްގީ ކުރުން
ކުރިއަށް އޮތް އަހަރު 10 ރިސޯޓް ރާއްޖޭގައި ހުޅުވަނީ
ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ދަނީ ފުޅާވަމުން
މިދިޔަ އަހަރުވެސް 10 ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން އިއުލާނު ކުރި
އައް ލައްކަ އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި 10 ރިސޯޓް ތަރައްގީ ކުރަން ނިންމައި ރާއްޖޭގެ ލަގްޒަރީ ރިސޯޓް މާކެޓް އިތުރަށް ފުޅާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ދުނިޔޭގެ ޓްރެވެލް ނިއުސް އެއް ކަމުގައިވާ އީޓީއެންގައި ޝާއިއު ކޮށްފައިވާ  އާޓިކަލްއެއްގައި ވާ ގޮތުން  ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު 50 ރިސޯޓް ތަރައްގީ ކުރެއްވުމުގެ ވައުދު ވެވަޑައިގެންނެވިކަން ފާހަގަ  ކޮށްފައިވެއެވެ.. އަދި އެމަނިކުފާނުގެ ފަސް އަހަރުގެ ވެރިކަމުގައި 18000 ވަޒީފާގެ ފުރުސަތު ފަހި ކުރެއްވުމަށް  ނިންމާފައިވާކަން ފާހަގަކޮށްފައިވެ އެވެ.

މިދިޔަ 2013 ވަނަ އަހަރުން ފެށިގެން މިހާހިސާބަށް އައި އިރު ރާއްޖޭގައި 20 ރިސޯޓް ވަނީ ތަރައްގީ ކުރެވިފަ އެވެ.

މީގެ އިތުރުން ކުރިއަށް ހުޅުވާނެކަމަށް ލަފާކޮށްފައިވާ ރިސޯޓްތަކުގެ ތެރޭގައި ރީތި ފަރާއި  މޮވެންޕިކް ރިސޯޓް އެންޑް ސްޕާ އާއި ކުރެދިވަރު މޯލްޑިވްސް އާއި އެމެރާލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ އާއި ކާޕޭ ޑިއެމް ބީޗު ރިސޯޓް އެންޑް ސްޕާ  ހިމެނެ އެވެ.

މި ރިސޯޓް ތަކުގެ ތެރެއިން ފުށިފަރު މޯލްޑިވްސް ހުޅުވުމަށް ހަމަޖެހިފައިވަނީ މި މަހު އެވެ. ޅ އަތޮޅަށް ނިސްބަތްވާ މި ރިސޯޓްގައި ބީޗު ވިލާ އާއި ވޯޓާ ވިލާގެ އިތުރުން ފަތުރުވެރިންނަށް ކެއުމަށް ގިނަ އޮޕްޝަންތަކެއް ވަނީ ފަހިކުރެވިފަ އެވެ.

މާކިއުރީ މޯލްޑިވްސް މިއަހަރުގެ އޮގަސްޓް މަހު ވަނީ ހިދުމަތްދޭން ފަށާފަ އެވެ. މި ރިސޯޓުގައި 43 ވޯޓަރ ވިލާ އާއި 25 ބީޗު ވިލާ ހިމެނެ އެވެ. މި ރިސޯޓަކީ ރާއްޖޭގެ ސަގާފަތް ދައްކުވާދޭގޮތަށް ޑިޒައިންކޮށްފައިވާ ރިސޯޓެކެވެ.

މީގެ އިތުރުން ރީތި ފަރު ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ ނޮވެމްބަރު މަހު އެވެ. މި ރިސޯޓުގައި 150 ވިލާ ހިމެނެ އެވެ. ގުދުރަތީ މާހަލެއްގެ ތެރެއިން ސަގާފީ ކުލަވަރުތައް ވެސް ފެންނަ ގޮތަށް ތަރައްގީ ކޮށްފައިވާ މި ރިސޯޓަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހެދިފައިވާ ރިސޯޓެކެވެ.

ދ އަތޮޅަށް ނިސްބަތްވާ ބެގްލިއޯނީ ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ 2018  ވަނަ އަހަރުގެ މާރޗު މަހު އެވެ. ގާތްގަނޑަކަށް 96 ވިލާ ހިމެނޭ މި ރިސޯޓުގައި ސްޕާ އާއި ޔޯގާގެ ހިދުމަތްތަކަށް ވަނީ ހާއްސަ ކުރެވިފަ އެވެ.

އދ އަތޮޅުގައި ތަރައްގީ ކުރެވޭ ލަކްސް ރިސޯޓު ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފެށޭ ހިސާބުގަ އެވެ. މީގެ އިތުރުން މޮވެމްޕިކް ރިސޯޓް އެންޑް ސްޕާ ހުޅުވުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރު އެވެ. ގާތްގަނޑަކަަށް 102  ވިލާ ހިމެނޭ މި ރިސޯޓްގައި 70 ވޯޓާ ވިލާ ހިމެނެ އެވެ

 ކާޕޭ ޑިއެމް ބީޗް ރިސޯޓުގައި 115 ޕޫލް ވިލާ ހިމެނޭ އިރު  މި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގަ އެވެ. އޮބްލޫ ސެލެކްޓް އެންޑް ސަންގެލި ރިސޯޓް ހުޅުވުމަށް ހަމަޖެހިފައި ވަނީ 2018 ވަަނަ އަހަރުގެ ޖުލައި ގަ އެވެ. މި ރިސޯޓުގައި 137 ވިލާ ތަރައްގީ ކުރެވެ އެވެ.

އެމެރާލްޑް މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ހުޅުވުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އޮކްޓޫބަރުގަ އެވެ. މި ރިސޯޓުގައި 60 ބީޗް ވިލާ އާއި 60 ވޯޓާ ވިލާ ތަރައްގީ ކުރެވޭނެ އެވެ.

 ގިނަ އަދަދެއްގެ ރިސޯޓްތައް ރާއްޖޭގައި ތަރައްގީ ކުރަމުންދާ އިރު މިދިޔަ އަހަރުވެސް 10 ރިސޯޓެއް ހުޅުވާނެ ކަމަށް ސަރުކާރުން ހާމަކުރި އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިއަލަށް ރާއްޖެއަށް  ވަނީ އަށް ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ.

 

 

:

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް