ކ. މާލެ
|
24 އޮކްޓޯބަރ 2017 | އަންގާރަ 19:09
ރައީސް ޔާމިން އާއި ސަރުކާރުގެ ޓީމް ރ. ފައިނުގައި
ރައީސް ޔާމިން އާއި ސަރުކާރުގެ ޓީމް ރ. ފައިނުގައި
ރައީސް އޮފީސް
ރައީސް ޔާމިން
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ހޮވައިދީފި ނަމަ ހުރިހާ ދަރަންޏެއް ޚަލާސް ކުރާނަން: ރައީސް
މިސަރުކާރުގެ ދަރަނީގެ ވާހަކަ އިދިކޮޅު ލީޑަރުންނަކަށް ދެއްކުމުގެ ޖާގައެއް ނެތް
މިސަރުކާރުން މިދަނީ ކުރީގެ ދަރަނިތައް ވެސް ދައްކަމުން
ލޯނު ނަގައިގެން މިކުރަނީ ކުރިން ކޮށް ނުދެވިހުރި ގިނަ ކަންކަން

ރާއްޖޭގެ މިއަދުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކުމުގެ އެއްވެސް ޖާގައެއް ކުރީގެ އެއްވެސް ރައީސަކަށް ނެތް ކަމަށާއި ކުރިއަށް އޮތް 2018 ގެ އިންތިޚާބަށް ފަހު ރައީސް ކަމުގައި ހުރެވިއްޖެ ނަމަ ހުރިހާ ދަރަންޏެއް ޚަލާސްކޮށް ނިންމަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރ. ފައިނުގެ ބަނދަރު ހުޅުވުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެކިއެކި ފަރާތްތައް މެދުވެރިކޮށް ލޯނު ނަގައިގެން މަސައްކަތް ކުރަނީ ރައްޔިތުން ބޭނުންވާ އުންމީދުތަކާއި ތަރައްގީ ހާސިލްކޮށް ދިނުމުގެ ބޭނުމުގައި ކަމަށާއި އެމަނިކުފާނުގެ ސަރުކާރާ ހަމައަށް ރާއްޖެ އައިއިރު އެތައް ހާސް މިލިޔަން ރުފިޔާއެއްގެ ދަރަނި އޮތް ކަމަށެވެ. އަދި ސަރުކާރުން މިހާރު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ އެ ދަރަނިތައް ވެސް އަދާ ކުރަމުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި ކުރީގެ އެއްވެސް ލީޑަރަކު އެމަނިކުފާނުގެ ސަރުކާރުގެ ދަރަނީގެ ވާހަކަ ދެއްކުމުގެ އެއްވެސް ހައްގެއް ނޯންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

"ދައުރުތަކެއް ބަދަލުވަމުން ގޮއްސަ އަޅުގަނޑުމެންގެ ސަރުކާރާ ހަމައަށް ވެރިކަން ވާސިލުވެގެން އައިއިރުގަ އަޅުގަނޑުމެން ފެށީ 34 ހާސް ނޫނީ 35 ހާސް މިލިޔަންގެ ބޮޑު ދަރަންޏަކާއެކީ. އެލޯނު ނަގައިގެން އަޅުގަނޑުމެން މިކުރާ މަސައްކަތަކީ އެތައް އަހަރަކުއްސުރެ ރައްޔިތުންނަށް ނުވެފައި ހުރި ކަންކަން. އެއީ ރައްޔިތުން އެދޭ ގޮތް. ރައްޔިތުން ބޭނުންވާ ގޮތް" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ގެނައުމަށް ސަރުކާރުން ލޯނު ނަގައިގެންނާއި އެކި ގޮތްގޮތުން ފައިސާ ހޯދައިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިހާރު ހުރި ދަރަނިތައް 2018 ރައީސް ޔާމީނަށް ކާމިޔާބު ވެއްޖެ ނަމަ އެ ދައުރު ނިމިގެންދާ އިރު އެހެން ބަޔަކު އުފުލަން ނުޖެހޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"މި ސަރުކާރު 2018 އިން ފެށިގެން ކުރިއަށް އޮންނަ ކަމަށްވާ ނަމަ، އެހެން ބަޔަކު ވިސްނާކަށް ނުޖެހޭނެ އެ ދަރަނި އަދާކުރެވޭތޯ. އެ ދަރަންޏަކީ އަޅުގަނޑުމެން ވަކިވެގެން ދާއިރު އެހެން ބަޔަކަށް ތަކްލީފް އުފުލިގެންދާ ކަމަކަށް އިރާދަކުރެއްވިއްޔާ ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ކުރިއަށް އޮތް 2018 ގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދޭފަދަ މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެގޮތުން ރައީސް ޔާމީން ވަނީ ތަރައްގީ އަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ދައްކައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި  ކުރިއަށް އޮތް އިންތިހާބުތަކުގައި އެކަން ދައްކައި ދިނުމަށް އެމަނިކުފާނު ވަނީ ފައިނުގެ ރައްޔިތުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

ރައީސް ޔާމީން ވަނީ މިއަދު އެމަނިކުފާނު ވަޑައިގެންނެވުމުން ދެއްވި ވަރުގެ ތަރުހީބަކާއި އިހުލާސްތެރިކަމެއް 2018 ގައި ވެސް ދައްކައި ދިނުމަށް ފައިނުގެ ރައްޔިތުން ކިބައިން އެދިވަޑައިގެންފައެވެ.

"މިއަދު އަޅުގަނޑާއި އަޅުގަނޑުގެ ޓީމަށް ތިޔަ ދައްކަވައިދިން އިޚްލާސްތެރިކަން 18 އާ ހަމައށް ދާއިރުވެސް ދައްކަވާ. އޭރުން މިއަންނަ ތަރައްޤީ މި ސްޕީޑުގައި ނުވަތަ މިއަށްވުރެ ބާރު ސްޕީޑުގައި ކުރިއަށް ދާނީ. އެކަންކަން ކުރުމުގައި އެބަޖެހޭ ސަރުކާރާ މިމަސައްކަތް ކުރާ ފަރާތްތަކަށް އެހީތެރިވާން. އެންމެބޮޑު އެހީތެރިކަމެއް ދެވޭނީ އިންތިޚާބުތަކުގައި އަޅުގަނޑުމެންނާއެކު މަސައްކަތް ކުރާނެ މީހުންތަކެއް ދެއްކުމުން. އެއީ ރިޔާސީ އިންތިޚާބުން ފެށިގެން ކައުންސިލް އިންތިޚާބުން ފެށިގެން އަދި މަޖިލިސް އިންތިޚާބުގައި ވެސް މިކަންކަން މިގޮތަށް ފެންނަން ޖެހޭނެ" ރައީސް ޔާމީން ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
24 އޮކްޓޯބަރ 2017 | އަންގާރަ 22:03
އިބުރާ
ހުސް މޮޔަމީނަ ގޮވަނީ... ސަރުކާރުގެ ފައިސާއިން ރައްޔިތުންނައް ކޮއްދޭން ޖެހޭ ކަންތަކުގެ މަދު ޕަރސެންޓެއް ކޮއްދީފާ މީނަޔައް ސަނާ ކިޔަން މަޖުބޫރު ކުރުވާއިރު އަސްލު ލޯނުގޮތުގައިނެގި އަދަދު އެގޭނީ ކޮންމެވެސް އެހެންބަޔަކައް އެކަން ތަހުގީގު ކުރެވޭނެ މާހައުލެއް ލިބުނު ދުވަހަކުން.