ފާއިތުވި ނޮވެމްބަރު 17 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވަން ތާވަލު ކުރި ބޮޑު އެއްވުން ފަސް ކުރަން ޖެހުނީ ސަރުކާރުގެ ނުފޫޒުން އެއްވުން ބާއްވަން އެދުނު އެއްވެސް ތަނެއް ނުލިބިގެން ކަމަށާ ގަސްތުގައި އެކަން ކުރުމަށް ފަހު ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ލީޑަރޝިޕާ މެދު ނަފްރަތު އުފެދޭ ގޮތަށް ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.
އެމްޑީޕީގެ ލީޑަރޝިޕުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ނޫސްވެރިއަކު ވަނީ ނޮވެމްބަރު 17 ގައި އެ ޕާޓީ އިން ބާއްވަން އުޅުނު އެއްވުން ފަސްކުރީ ލީޑަރޝިޕުގައި ހިމެނޭ ބައެއް ބޭފުޅުން ރިޝްވަތު ނަންގަވައިގެން ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރާތީ އެކަމާ ގުޅިގެން ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން އެމްޑީޕީގެ ވަގުތީ ޗެއާޕަރސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުން ރިޝްވަތުގެ ހަޑި އަމަލެއްގައި ނުޖެހޭނެ ކަމަށެވެ.
އެއީ ނުހަނު ޔަގީނާ ގާތަށް އެނގޭ ކަމެއް ކަމަށާ ލީޑަރޝިޕް ގައި މުޅިން ވެސް ތިއްބެވީ އެކުގައި އުޅުއްވާތާ ނުހަނު ގިނަ ދުވަސްވީ، ރަހުމަތްތެރި ބޭފުޅުން ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ.
އެއަށް ފަހު އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު ވަނީ އެ އެއްވުން ބޭއްވުމަށް ޕާޓީ އިން ކުރި މަސައްކަތާ ސަރުކާރުން އެކަމުގައި ކަން ކޮށްފައިވާ ގޮތް ހިއްސާ ކޮށްފަ އެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ އޮކްޓޫބަރު 3 ގަ އެއްވުން ބާއްވަން އާޓިފިޝަލް ބީޗު ހޯދަން އެދުމުން އެތަން ލިބުނު ކަމަށެވެ. ނަމަވެސް ނޮވެމްބަރު 17 ވަނަ ދުވަހު އެއްވުން ބޭއްވުމަށް ކަމާ ގުޅޭ އިދާރާއަށް ސިޓީ ފޮނުވީ އޭނާ ކަމަށާ އެއްވުން ބާއްވަން ކާނިވާ ހޯދުމަށް ސިޓީ ފޮނުވި ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ކާނިވަލުގެ އިތުރުން އާޓީފިޝަލް ބީޗު، ރަސްފަންނު އަދި ބޮނޑިބަތް ޕާކު ހޯދަން އެދި މާލޭ ސިޓީ ކައުންސިލަށް ސިޓީ ފޮނުވި ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ. ނަމަވެސް އެއްވެސް ތަނެއް ނުލިބުނު އެކަމުގައި ސަރުކާރުން އިންތިހާ އަށް ނުފޫޒު ފޯރުވި ކަމަށް ވެސް އިބްރާހިމް ވަހީދު ތުހުމަތު ކުރެއްވި އެވެ.
ސަރުކާރުން ޕްރެޝަރު ކޮށްގެން އަޅުގަނޑުމެންނަށް އެއްވާނެ ތަނެއް ނުދީ މިބުނަނީ ރިޝަވަތު ނަގައިގެން ހުއްޓުވީ އޭ. އެހެނެއް ނޫން. ސަރުކާރުން އެއްވުން ބޭއްވުމުގެ ފުރުސަތު ނުދިނީ. ސަރުކާރުން އަޅުގަނޑުމެންގެ އެއްވުމަށް ހުރަސް އެޅީ. ސަރުކާރުން އަޅުގަނޑުމެން ބާއްވަން އުޅުން އެއްވުން ބޭއްވުމަށް އެމީހުންގެ ނުފޫޒު ފޯރުވައިގެން މިކަން ކުރީ.
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު![]()
އިބްރާހިމް ވަހީދު ވަނީ އެކަމުގެ އިތުރުން ވެސް ކުރިއާ އަޅާބަލާއިރު މިހާރު އެއްވުމާއި މުޒާހަރާ އަދި ޕާޓީގެ ހަރަކާތްތައް ބޭއްވުމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވާފަ އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުއްގައްޔޫމުގެ ވެރިކަމަކީ އެންމެ އަނިޔާވެރި އެއް ވެރިކަން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ކަމަށެވެ. ނަމަވެސް އެ ވެރިކަމުގައި ވެސް މުޒާހަރާ ތަކާއި އެއްވުން ތަކުގައި ބައިވެރިވާ މީހުންނަށް ވަޒީފާގެ ބިރު ނުދައްކާ ކަމަށް ވިދާޅުވި އެވެ.
މި ސަރުކާރަކީ ވަޒީފާގެ ބިރު އިންތިހާއަށް ދައްކާ ބައެއް ކަމަށާ އެއްވުންތަކުގެ ވީޑިއޯތައް ބަލައި، ޕޯޒް ކޮށްގެން މީހުން ދެނެގަތުމަށް ފަހު އެމީހުން ވަކި ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. ވަޒީފާ އަކުން މީހަކު ވަކި ކުރުމަކީ މުޅި އާއިލާ އަށް ދެވޭ އަނިޔާ އެއް ކަމަށް ވެސް އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ވަޒީފާ އަކުން މީހާ ވަކި ކޮށްލީމަ އަނިޔާ އެދެވެނީ މުޅި އާއިލާ އަށް. މާލޭގަ ކުއްޔަށް ގިނަ މީހުން މި އުޅެނީ. ކުލި މި ދައްކަނީ ދެ މީހުން ތިން މީހުން ވެގެން ލިބޭ އާމްދަނީ އިން. އެމީހުން އަޅުގަނޑުމެންގެ އެއްވުންތައް ޕޯޒް ކޮށްގެން ބަލައި މިކަންކަން ކޮށްގެން މީހާ ހޯދައި މީހާ ވަޒީފާ އިން ވަކި ކުރޭ. އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެންގެ މުޒާހަރާ އަކަށް ނިކުމެގެން އެބޭފުޅުންގެ ދިރިއުޅުން ހަލާކުވެގެން ދާކަށް.
އެމްޑީޕީގެ ޗެއާޕަރސަންގެ ނައިބު އިބްރާހިމް ވަހީދު![]()
އިބްރާހިމް ވަހީދު ވިދާޅުވީ ޕާޓީގެ އެއްވުންތައް ބޭއްވުމަށް ސަރުކާރުން ގަސްތުގައި ހުރަސް އެޅުމަށްފަހު ޕާޓީގެ ލީޑަރޝިޕާ މެދު ނަފްރަތު އުފެދޭ ގޮތަށް ސަރުކާރުން ވާހަކަ ފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީ އަކީ ދައްކާ އެފަދަ ވާހަކަތަކަށް ގުޑާ ވަރަށް ވުރެ ވަރުގަދަ ޕާޓީ އެއް ކަމަށް އޭނާ ވިދާޅުވި އެވެ.