Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 14:52
ކ. އަތޮޅު މަދަރުސާގެ ދަރިވަރުން
ކ. އަތޮޅު މަދަރުސާގެ ދަރިވަރުން
އެޑިއުކޭޝަން މިނިސްޓްރީ
އެޑިއުކޭޝަން މިނިސްޓްރީ
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
28 ޖެނުއަރީ 2026 ވާ ބުދަ ދުވަހު ސާނަވީ ނިންމާ އިމްތިހާނުތައް ގްރޭޑް 10 ގެ ދަރިވަރުން ފަށާނެ
މުދައްރިސުންނަކީ ކޮންމެ ކޮންމެ ދުވަސްވަރެއްގައި އަހަރީ ޗުއްޓީ ނެގޭ ބަޔަކަށް ނުވާތީ ގިނަ މުދައްރިސުން ޗުއްޓީ އަށް ދާނެ
މި މައްސަލައާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

ސްކޫލުތަކުން އަހަރީ ޗުއްޓީއަށްދާ ދުވަސްވަރަކީ ގްރޭޑް 10ގެ ދަރިވަރުންގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ކަމަށާއި، ބެލެނިވެރިންނާއި ދަރިވަރުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ނިމިދިޔަ ސަރުކާރު ގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

ރާއްޖެއެމްވީ އަށް އިހުސާން ވިދާޅުވީ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ޑިސެމްބަރު 25 ވަނަ ދުވަހު ދަރިވަރުންނާއި މުދައްރިސުން ބޮޑު ޗުއްޓީއަށް ދާނެ ކަަމަށާއި، ކިޔެވުން ފެށޭނީ 27 ޖެނުއަރީ 2026ވާ އަންގާރަ ދުވަހު ކަމަށެވެ. 28 ޖެނުއަރީ 2026 ވާ ބުދަ ދުވަހު ސާނަވީ ނިންމާ އިމްތިހާނުތައް ގްރޭޑް 10 ގެ ދަރިވަރުން ފަށާނެ ކަމަށާއި، ދަރިވަރުންގެ އެންމެ ފަހުގެ ތައްޔާރީ ތަކުގައި އެހީތެރިވެވޭނެ ނިޒާމެއް ނެތް ކަމަށެވެ.

މިއީ ބެލެނިވެރިންނާއި ދަރިވަރުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ގިނަ މުދައްރިސުން ޗުއްޓީ އަށް ދާނެ ކަމަށާއި، މަދު މުދައްރިސެއް ދަރިވަރުން ގެ ހައްގުގައި މަޑު ކޮށްފާނެ ކަމަށެވެ. ނަމަވެސް މުދައްރިސުންނަކީ ކޮންމެ ކޮންމެ ދުވަސްވަރެއްގައި އަހަރީ ޗުއްޓީ ނެގޭ ބަޔަކަށް ނުވާތީ ގިނަ މުދައްރިސުން އާއިލާތަކާއެކު ވެސް ދަތުރުތައް ކުރާނެ ކަމަށެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ގްރޭޑް 10 ގެ ދަރިވަރުން އިމްތިހާނަށް ތައްޔާރު ކުރުމަށް ބެލެނިވެރިންނަށް ބޮޑު އަގެއް ހޭދަ ކުރުމަށް މަޖުބޫރު ވެފައިވާ ކަމަށާއި، މިއީ މި ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ލިބޭ ދެރަ ނިކަމެތި ކަމެއް ކަމަށެވެ. އަދިވެސް މި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް އެޑިޔުކޭޝަން މިނިސްޓްރީން އަންގާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ މި ސަރުކާރުން ދިރާސީ އަހަރަށް ގެނައި ބަދަލާ ގުޅިގެން ދަރިވަރުންގެ ތައުލީމަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި، ގްރޭޑް 8 ގައި ކިޔަވަން ޖެހޭ ސިލަބަސްގެ ތެރެއިން ބޮޑު ބައި ނުނިމި، ގްރޭޑް 9 ގެ ސިލަބަސް ކިޔަވަން ޖެހުނު ކަމަށެވެ. ކުރު މުއްދަތެއް ގައި ހުރިހާ ސިލަބަސްއެއް ކިޔަވަން ޖެހުމުން އެ ދަރިވަރުންނަށް ވަރަށް ބޮޑު ޕްރެޝަރ އެއް ލިބޭނެ ކަަމަށް އިހުސާން ވިދާޅުވި އެވެ. އަދި ވިދާޅުވީ ރަނގަޅަށް ކަވަރު ކުރެވޭނެ ކަމަށް އުންމީދު ނުކުރާ ކަމަށާއި، މިކަމުގެ ގެއްލުން ވަރަށް ބޮޑު ކަމަށެވެ.

އިހުސާން ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ނިންމުންތަކަކީ އާއްމު މަސްލަހަތު ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއް ކަމަށާއި، މިނިސްޓްރީގެ ނިންމުންތައް ވަރަށް ސާފުކޮށް ކުރީ ބައިގައި ބެލެނިވެރިންނަށް އަންގައި ސާފުކޮށްދޭން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ބެލެނިވެރިންނާއި، ދަރިވަރުން ކަންބޮޑުވަނީ ޔުނީފޯމްގެ ކޯޑާއި ކުލައާ ގުޅިގެން ނޫން ކަމަށެވެ.

މުޅި މުޖުތަމައުގެ ދުޅަހެޔޮ ކަމަށް ތައުލީމީ ދާއިރާ ވަރަށް މުހިންމު ކަމަށާއި، ބެލެވެރިންނާއި ދަރިވަރުންގެ މި ކަންބޮޑުވުންތަކަށް މިނިސްޓްރީން އަވަސް ހައްލެއް ހޯދައިދިނުމަށް އިހުސާން ގޮވާލެއްވި އެވެ.

މި މައްސަލައާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

- ކޮމެންޓް