މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ވަގުތީ ޗެއާޕާސަން ގެ މަގާމަށް މީހަކު ހޮވުމަށް އެ ޕާޓީ ގެ ގައުމީ މަޖިލިސް އަންނަ ހޯމަ ދުވަހު ގެ ރޭ ބާއްވަން ނިންމައިފި އެވެ.
އެމްޑީޕީ ގެ ޗެއާޕާސަން ގެ މަގާމު ހުސްވީ އެ މަގާމު ގައި ހުންނެވި ފައްޔާޒު އިސްމާއިލް ނޮވެމްބަރު މަހު ގެ 23 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެ އެވެ.
ހުސްވެފައިވާ ޗެއަރޕާސަންގެ މަގާމަށް އިއުލާނު ކުރުމުގެ ކުރިން ވަގުތީ ޗެއަރޕާސަން ކަމުގެ މަގާމަށް ހުށަހެޅުނީ، އަބްދުﷲ ވަހީދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާގެ ނަމެވެ. ރިޔާސަތުން ވަނީ އަލްސަމް ގެ ނަމަށް ވޯޓަށް ނޭހެނެ ކަމަށް ނިންމާފަ އެވެ. ޖަލްސާގެ އިންތިޒާމު ގެއްލުމުގެ ސަބަބުން އެރޭގެ ޖަލްސާ ގައި ޣަފޫރުގެ ނަމަކަށް ވޯޓަކަށް ނާހަ އެވެ.
ރިޔާސަތުން ދެ ފަހަރު ދެ ގޮތަށް އަމަލު ކުރެއްވުމުގެ ސަބަބުން އެ ޖަލްސާ ގެ ނިޒާމު ގެއްލި ހަމަ ނުޖެހުމަކަށް ދިޔުމުން، އަބްދުﷲ ވަހީދު ވަނީ އޭނާ ގެ ނަން އަނބުރާ ގެންދަަވާފަ އެވެ.
މީޑިއާ އަށް ނުވަދެވޭ ގޮތައް އެންމެ ފަހުން އެމްޑީޕީ އިން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހުއްޓާލީ ޖަލްސާ ކުރިއަށް ގެންދެވޭނެ މާހައުލެއް ނެތް ކަމަށް ރިޔާސަތު ގައި އިންނެވި އިބްރާހިމް ވަހީދު އިއުލާނު ކުރެއްވުމަށް ފަހުގަ އެވެ. އަދި އިންތިޚާބު ގައި ވޯޓަށް އެހި އަބްދުﷲ ވަހީދުގެ ނަން ފާސް ނުވާ ކަމަށާއި، ޖަލްސާ ކުރިއަށް ގެންދާނެ ގޮތެއް މަޝްވަރާ ކުރުމަށްފަހު ނިންމާނެ ކަމަށް ވެސް އިބްރާހިމް ވަހީދު އިއުލާނު ކުރެއްވި އެވެ.
އެމްޑީޕީ ގެ ވަގުތީ ޗެއާރ ހޮވަން އެޕާޓީގެ ގައުމީ މަޖިލިސް އިން އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމާފައިވާއިރު އެ މަގާމަށް މިހާރު ކުރިމަތިލާފައިވަނީ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ އެކަންޏެވެ.
ގަފޫރަށް ތާއީދު ކުރައްވާކަން އެމްޑީޕީ ގެ ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވި ފައްޔާޒު ވަނީ ހާމަކުރައްވާފަ އެވެ.
މި ދަނޑިވަޅަކީ ލޯކަލް ކައުންސިލް އިންތިޚާބަށް ވަރަށް ކައިރިވެފައިވާ ދަނޑިވަޅެއް ކަމުން، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭ ފަދަ އެއްވެސް ގޮތަކަށް އަމަލު ނުކުރުމަށާއި، އެފަދަ ފުރުސަތެއް އެއްވެސް ފަރާތަކަށް ނުދިނުމަށް ވެސް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ އިލްތިމާސްކޮށްފަ އެވެ.