ފިސްކަލް ޒިންމާ ގެ ގާނޫނު އިސްލާހުކޮށް ފިސްކަލް ޒިންމާ ގެ ޗާޓަރު އެކުލަވާލުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރު ކުރަން "ދައުލަތުގެ ފިސްކަލް ޒިންމާގެ ޤާނޫނު" އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފި އެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 1 ޑިސެންބަރު 2025 ވީ ހޯމަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 27 ވަނަ ޖަލްސާގަ އެވެ. ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފިސްކަލް ޒިންމާގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސް ކޮށްފައި ވަނީ 58 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލު ފާސް ކުރަން ނުފެންނަ ކަމަށް 9 މެންބަރުން ވޯޓު ދެއްވި އެވެ.
ޤާނޫނަށް ޢަމަލުކުރަން ފަށާތާ 24 މަސް ދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރެއް އެކުލަވާލައި، ފާސްކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމަށް މި އިޞްލާޙުގައި ބަޔާންކޮށްފައިވެ އެވެ. އަދި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވައިލުމަށްފަހު ތަންފީޒުކުރަންޖެހޭ ކަންކަމާއި، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމްތައް ދައުލަތުގެ ބަޖެޓުގައި ހިމެނުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ފީސިބިލިޓީ ހެދުމުގެ މާއްދާއަށް އެ މުއްދަތުގެ ތެރޭގައި ޢަމަލުކުރުން ލާޒިމް ނޫންކަމަށް ވެސް މި އިޞްލާޙުގައި ވަނީ ކަނޑައަޅައިފަ އެވެ.
ފިސްކަލް ޒިންމާގެ ގާނޫނު މިހާރު އޮތް ގޮތުން އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ބުދަ ދުވަހުގެ ކުރިން ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލައި، ޗާޓަރު ފާސްކޮށް އެއަށް އަމަލު ކުރަން ޖެހެ އެވެ. ސަރުކާރުގެ ފަރާތުން އެ ގާނޫނަށް އިސްލާހު ހުށަހެޅީ އެ މުއްދަތު ފަސް ކުރުމަށެވެ.
ސަރުކާރުން އިސްލާހު ހުށަހެޅީ ގާނޫނު ގެ ދަށުން އެކުލައިލަންޖެހޭ ފުރަތަމަ ޗާޓަރު ހަދަންޖެހޭ މުއްދަތު، ކުރިން އޮތް ހަ މަސް ދުވަހުގެ ބަދަލުގައި، 24 މަސް ދުވަހަށް އިތުރުކުރުމަށާއި މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ގަވާއިދުތައް ހަދަން ވެސް، ދެ އަހަރު ދުވަހު ގެ މުއްދަތެއް ދިނުމަށެވެ.
ފިސްކަލް ޒިންމާ ގެ ގާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ، މާލީ ޒިންމާ ގެ ޗާޓަރު އެކުލަވާލަން ޖެހޭ މުއްދަތު ހަމަވާން ކުޑަތަން ވެފައި ވަނިކޮށް، އެ ޗާޓަރު އެކުލަވާލުން 2 އަހަރަށް ފަސްކުރުމަށް ހުށަހެޅީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ.
ފިސްކަލް ޒިންމާ ގެ ގާނޫނަކީ މިދިޔަ ޑިސެމްބަރު މަހު ތަސްދީގު ކުރި ގާނޫނެކެވެ. އެ ގާނޫނަށް އަމަލުކުރަން ފެށީ ޖޫން މަހުގަ އެވެ. އެ ގާނޫނު ގައި ބުނާ ގޮތުން ފިސްކަލް ޒިންމާގެ ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭނެ އެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން ކުރަން ޖެހޭ ކަންކަން ސަރުކާރުން މިހާތަނަށް ފުރިހަމަކޮށްފަ އެއް ނުވެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވުމާއެކު، މިހާރު ވަނީ މި ޤާނޫނަށް ޢަމަލުކުރަން ފަށައިފަ އެވެ.