ކްރިމިނަލް ކޯޓުގެ ގާޒީ، ހުސެއިން ފާއިޒް ރަޝާދު މަގާމުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން، ގާޒީ ފާއިޒް ވަކިކުރުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު، އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ފާސް ކުރީ އަންގާރަ ދުވަހު އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވާ ގޮތުގައި، ފުލުހުން ތުހުމަތު ކުރާ ސ. ހިތަދޫ / ކޯޒީކޯނާ، އަލީ އަންވަރު މުޙައްމަދު (41އ) ބަންދުން ދޫކޮށްލުމަށް އަމުރު ކުރުމުގައި ފާއިޒް އަމަލު ކުރައްވާފައި ވަނީ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާ ޚިލާފަށް ކަމަށް ބުނެ، އެ ކޮމިޝަނަށް މައްސަލައެއް ހުށަހެޅިފައިވެއެވެ
ޖޭއެސްސީ އިން ބުނެފައިވަނީ އަލީ އަންވަރުގެ ބަންދާ މެދު ގޮތެއް ކަނޑައެޅިއިރު، ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ގާޒީ ފާއިޒު އަމަލު ކޮށްފައިވާކަން ތަހުގީގު ކޮމިޓީ އަށް ސާބިތުވެފައިވާ ކަމަށެވެ.
އަންގާރަ ދުވަހު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި، ޖޭއެސްސީ އިން ފޮނުވާފައިވާ ރިޕޯޓް ދިރާސާ ކުރުމަށްފަހު، އެކަމާ ގުޅޭގޮތުން ގޮތެއް ނިންމުމަށް މަޝްވަރާކޮށްފައިވެ އެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކޮމިޓީން ވަނީ ފާއިޒް ވަކި ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ނިންމާފައެވެ.
ފާއިޒް ގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން ގާޒީ ފާއިޒް މިހާރު ވެސް ހުރީ ސަސްޕެންޝަންގަ އެވެ. ގާޒީ ފާއިޒް މިދިޔަ މަހުން ފެށިގެން ސަސްޕެންޑު ކޮށްފައި ވަނީ ފަނޑިޔާރަކު ސަސްޕެންޑު ކުރެވޭ އެންމެ ދިގު މުއްދަތު ކަމަށްވާ 60 ދުވަހުގެ މުއްދަތަށެވެ.
މިއީ ގާޒީ ފާއިޒް ސަސްޕެންޑް ކުރެވުނު ދެވަނަ ފަހަރެވެ. މީގެ ކުރިން 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ވެސް ފާއިޒް ސަސްޕެންޑް ކުރި އެވެ.
އޭރު އޭނާ ސަސްޕެންޑް ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް ކުރެއްވި މައްސަލައިގައި، އެ މައްސަލަ ބެއްލެވި ފަނޑިޔާރުން "ރަހީނު" ކުރެވުނު ކަމަށް ބުނާ އޯޑިއޯ އެއް ލީކުވުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކުރެވުނު ނަމަވެސް، މަހެއްހާ ދުވަސް ފަހުން ޖޭއެސްސީން ވަނީ އެ ސަސްޕެންޝަން އުވާލާފަ އެވެ.