Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 14:25
އެންސްޕާގެ ނަން ބޯޑު ފެންނަ ފޮޓޯ އެއް
އެންސްޕާގެ ނަން ބޯޑު ފެންނަ ފޮޓޯ އެއް
ސޯޝަލް މީޑިއާ
އެންސްޕާ
ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އިނާޔަތް ފޯރުކޮށްނުދީ ލަސްވާތީ އާއްމުން ކަންބޮޑުވުން ފާޅުކުރި
އެންސްޕާ އިން ބުނީ ލިސްޓުގެ ޑިލޭ އެއް އައިސްގެން ފައިސާ ދިނުން ލަސްވި ކަމަށް
ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލިބެން ޖެހޭ އެލަވަންސް މަސް ފެށުނު އިރު ވެސް ނުލިބުމުން ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހުނު

ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އިނާޔަތުގެ ގޮތުގައި ދޭން ޖެހޭ ފައިސާ ދީ ޚަލާސްކޮށްފައިވާ ކަމަށް ބުނެ އެންސްޕާ އިން ދޮގުހަދައިފި އެވެ.

އެންސްޕާގެ ފަރާތުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ފޯރުކޮށްދޭން ޖެހޭ އިނާޔަތް ފޯރުކޮށް ނުދީ ލަސްވާތީ އެ ކަންބޮޑުވުން ބައެއް އާއްމުން ވަނީ ރާއްޖެއެމްވީ އާއި ހިއްސާކޮށްފަ އެވެ. އެފަދަ ފަރާތްތަކުން ބުނީ އާއްމުކޮށް މަސް ނިމުމުގެ ކުރިން އެ ފައިސާ ޖަމާވި ނަމަ ވެސް ޑިސެމްބަރ މަސް ފެށުނު އިރު ވެސް ނޮވެމްބަރު މަހު ލިބެން ޖެހޭ ފައިސާ އެ ފަރާތްތަކަށް ނުލިބޭ ކަމަށެވެ.

އެކަމާއި ގުޅިގެން ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވަނީ އެންސްޕާ އަށް ގުޅާ މައުލޫމާތު ސާފުކޮށްފަ އެވެ. އެ އިދާރާ އިން ވަނީ މިފަހަރު ފައިސާ ދިނުމުގައި ލަސްތަކެއްވި ކަމަށް އިއުތިރާފް ވެފަ އެވެ. ނަމަވެސް ފައިސާ ދިނުން ލަސްވި ސަަބަބު ގެ މާ ބޮޑު ތަފްސީލެއް ހިއްސާކޮށްފަ އެއް ނުވެ އެވެ. އެ އިދާރާ އިން ބުނީ ފައިސާ ޖަމާވުން ލަސްވީ ފައިސާ ފޯރުކޮށްދޭން ޖެހޭ މީހުންގެ ލިސްޓުގެ ޑިލޭ އެއްގެ ސަބަބުން ކަމަށެވެ.

"ޑީލޭ އެއް އައި. އެހެންނަމަވެސް އިއްޔެގެ ނިޔަލަށް ހުރިހާ ފައިސާ އެއް ދީ ނިންމާފަ ވާނީ. މިހާރު ނުހުންނާނެ އެއްވެސް ފައިސާ އެއް ނުދީ. ލިސްޓުގެ ޑިލޭ އެއް އައީ. މަސް ނިމުމުގެ ކުރިން ކުރިން ދޭ. މިފަހަރު ޑިލޭ އެއް އައީމަ އެހެން ދިމާވީ." އެންސްޕާ އިން ބުންޏެވެ.

އެންސްޕާ އިން މިހެން ބުނި ނަމަވެސް ރާއްޖެ އެމްވީ އަށް މައުލޫމާތު ދިން ބައެއް އާއްމުން ބުނީ އެ ފައިސާ އަންގާރަ ދުވަހުގެ ނިޔަލަށް ވެސް ލިބިފައި ނުވާ ކަމަށެވެ. ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ލިބެން ޖެހޭ އެލަވަންސް މަސް ފެށުނު އިރު ވެސް ނުލިބުމުން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ބޮޑު ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނެވެ. މިދިޔަ މަހުގެ 26 އިން ފެށިގެން އާއްމުން އައީ ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިނާޔަތް ނުދޭތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެންސްޕާ އިން ޚާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް ދޭން ޖެހޭ އިނާޔަތް ނުދީ ލަސް ކުރި އިރު، ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުން ވެސް ނިމިދިޔަ މަހު ވަރަށް ބޮޑަށް ލަސްވެފައިވެ އެވެ.

- ކޮމެންޓް