Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 11:17
ކެޕިޓަލް ޓޮރެވަލް ގެ ސީއީއޯ ޔޫސުފް ރިއްފަތު، ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަނީ
ކެޕިޓަލް ޓޮރެވަލް ގެ ސީއީއޯ ޔޫސުފް ރިއްފަތު، ކުންފުނީގެ 35 ވަނަ އަހަރީ ދުވަހުގެ ހާއްސަ ހަފްލާގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ކެޕިޓަލް ޓްރެވަލް
ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް: ދިވެހި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި މެދު ނުކެނޑި 35 އަހަރު
ދިވެހިރާއްޖޭގެ އެންމެ އިތުބާރު ހުރި ޓްރެވަލް އެޖެންސީ، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް މޯލްޑިވްސް 35 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި. ޕޯސްޓަލް ޒަމާނުގައި ފެށި މި ކުންފުނި މިއަދު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށް، ދުނިޔޭގެ މާކެޓަށް ރާއްޖެ ޕްރޮމޯޓްކުރުމުގެ މުހިއްމު މަސައްކަތްތައް ކުރަމުން ގެންދާކަން ފާހަގަކުރެވޭ.

ދިވެހިރާއްޖޭގައި އެންމެ އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެެއްގައި ހިންގާ ޓްރެވަލް އެޖެންސީ ކުންފުނި، ކެޕިޓަލް ޓްރެވަލް އެންޑް ޓުއާރސް މޯލްޑިވްސް އެކުންފުނީގެ 35 ވަނަ އަހަރީ ދުވަސް ފާހާގަކޮށްފި އެވެ.

1990 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް ހިދުމަތް ކުރަމުންދާ، ކެޕިޓަލް ޓްރެވަލް ގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްސަ ހަފްލާ ބާއްވާފައިވަނީ ހޯމަ ދުވަގެރޭ ހޮޓެލް ޖެން ގަ އެވެ.

މި ހަފްލާގައި އެކުންފުނީގެ މުވައްޒަފުންގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދައިރާގައި ފާހަގަކޮށްލެވޭ ގިނަ ފަަރާތްތަކެއް ބައިވެރިވި އެވެ. ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ވުޒާރާގެ ވަޒީރުކަން މީގެ ކުރިން ކުރައްވާފައިވާ ޑރ. މަޙްމޫދު ޝައުގީ އަދި ޑރ. ޢަބްދުﷲ މައުސޫމް މި ހަފްލާގައި ބައިވެރިވެލެއްވި އެވެ.

ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް

އަހަރީ ދުވަހުގެ ހާއްސަ ހަފްލާގައި ވަނީ ކެޕިޓަލް ޓްރެވަލްގެ 35 އަހަރުވީ ދިގު ދަތުރު އަދި މުސްތަގުބަލަށް އެ ކުންފުނި ކުރާ އުއްމީދުތައް ދައްކުވައިދޭ ހާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފަ އެވެ. މި ހަފްލާގައިވަނީ ކެޕިޓަލް ޓްރެވަލް އިން ތަރައްގީކޮށްފައިވާ އަމިއްލަ ބުކިން އިންޖީނުގެ ޕްރިވިއު އެއް ދައްކާލާފަ އެވެ. މިއީ ކެޕިޓަލް ޓްރެވަލް އިން ޒަމާނީ ޓެކްނޮލޮޖީ އަށް އަހުލުވެރިވުމަށާއި ކަސްޓަމަރުންނަށް ހިދުމަތް ހޯދުމުގައި އިތުރު ފަސޭހަތަކެއް ހޯދައި ދިނުމަށް ތަރައްގީ ކުރި ބުކިން އިންޖީނެކެވެ.

މި ހަފްލާގައި ވާހަކަ ދައްކަމަވަމުން ކުންފުނީގެ ސީއީއޯ ޔޫސުފް ރިއްފަތު ވަނީ ކުންފުނީގެ ފުރަތަމަ ދުވަސްވަރުގެ ދިމާވި ގޮންޖެހުންތަކާއި، ހޯދާފައިވާ ފާހަގަކޮށްލެވޭ ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ.

35 އަހަރަށް މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ލިބިފައިވުމަކީ އަޅުގަނޑަށް ވަރަށް ބޮޑު އުފާވެރިކަމެއް ލިބިދޭ ކަމެއް. އަޅުގަނޑު މި މަސައްކަތް ފެށި ދުވަސްވަރަކީ ޕޯސްޓަލް ސާވިސްގެ ޒަމާނެއް. އަޅުގަނޑުމެން ބޭރުގެ ޓްރެވަލް އެޖެންޓުންނަށް ރަޖިސްޓަރީ ޕޯސްޓަލް ސިޓީތައް ފޮނުވައި، ޖަވާބަކަށް މަސްތަކެއް މަޑުކުރަން ޖެހޭ. ބައެއް ފަހަރު މަސްތަކެއް ފަހުން އެޑްރެސް ބަދަލުވުމުގެ ސަބަބުން ސިޓީ އަނބުރާ އާދޭ. ކެޕިޓަލް ޓްރެވަލް އިން ރާއްޖޭގައި މި މަސައްކަތް ފެށީ މިފަދަ ވަރަށް ހަނިވި ވަސީލަތްތަކާއި އިންފްރާސްޓްރަކްޗަރެއް ހުރި ދުވަސްވަރެއްގަ. މިއަދު އަޅުގަނޑުމެން އެ ދުވަސްތައް މި ވަނީ ފަހަތަށް ދޫކޮށްލާފަ. ދުނިޔެ ވަނީ ތަރައްގީވެފަ. އަދި ރާއްޖެ ވެސް ވަނީ ތަރައްގީވެފަ. ހަލުވި ސްޕީޑުގެ އިންޓަރނެޓް ކަނެކްޝަންތަކުން ކަންކަން ވަރަށް ފަސޭހަ ކޮށްދީފައި ވާއިރު، ރައްޖޭގެ ޓޫރިޒަމް ދާއިރާ ތަރައްގީ ކުރުމުގައި ވެސް ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރޭ.

ކެޕިޓަލް ޓްރެވަލް ގެ ސީއީއޯ ޔޫސުފް ރިއްފަތު

ރިއްފަތު ވަނީ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ބައިނަލްއަގުވާމީ މާކެޓްގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމާއި، ރާއްޖެ އަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ މަތީ މަންޒިލުގެ ގޮތުގައި ޕްރޮމޯޓް ކުރުމަށް ކުންފުނިން ކުރައްވާ މަސައްކަތްތަކަށް އަލިއަޅުއްވާލާފަ އެވެ. އަދި ކެޕިޓަލް ޓްރެވަލް އިން މިފަދަ ޚިދުމަތްތައް ކުރުމުގައި ކުރިޔަށް އޮތް އަހަރުތަކުގައި ވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން ސީއީއޯ ރިއްފަތު ވަނީ ދެއްވާފަ އެވެ.

ހަފްލާގައި ކެޕިޓަލް ޓްރެވަލް ގެ ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމެންޓް، ތިޒްކާ ރިއްފަތު ވަނީ 1990 ވަނަ އަހަރުން ފެށިގެން އާ މާކެޓްތަކަށް ރާއްޖެ ޕްރްމޯޓްކުރުމަށް އެ ކުންފުނިން ކޮށްފައިވާ މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފާހަގަކުރައްވާފަ އެވެ. ވަކިން ހާއްސަކޮށް ޗައިނާ އަދި ސްޕެއިން ގެ ފަތުރުވެރިން ރާއްޖެ ގެނައުމަށް އެކުންފުނިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތައް ތިޒްކާ ފާހަގަކުރެއްވި އެވެ.

ވަރަށް އާދައިގެ ގޮތަކަށް މީގެ 35 އަހަރު ކުރިން އުފެއްދި ކެޕިޓަލް ޓްރެވަލް އަކީ މިއަދު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އެންމެ ނަން ހިނގާ އަދި އެންމެ ގިނަ ބައެއްގެ އިތުބާރު ލިބުފައިވާ ޓްރެވަލް އޮޕަރޭޓަރު ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ކެޕިޓަލް ގްރޫޕް އޮފް ކޮމްޕެނީޒްގެ ފައުންޑަރ ޔޫސުފް ރިއްފަތު އަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއާރ އޮޕަރޭޓަރސް އެންޑް ޓްރެވަލް އޭޖެންޓްސް (މަޓަޓޯ) އަދި މޯލްޑިވްސް ޓްރެވަލް އެސޯސިއޭޝަން (އެމްޓީއޭ) ގެ ވެސް ފައުންޑިން މެމްބަރެކެވެ.

- ކޮމެންޓް