Advertisement
ކ. މާލެ
|
2 ޑިސެންބަރ 2025 | އަންގާރަ 11:21
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން
ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން
ރާއްޖެއެމްވީ
އެޑިއުކޭޝަން މިނިސްޓްރީ
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
ޔުނިފޯމް ބަދަލުކުރުމާއި ގުޅޭ މެމޯ އެއް މީސް މީޑިއާ ގައި ވެސް ވަނީ އާއްމު ވެފަ
މަސައްކަތް އެއް ބަޔަކަށް ދީފި ނަމަ އެކަން ވެގެން ދާނީ ވަކި ބަޔަކަށް ހޯދާދެވޭ ނާޖާއިޒް މަންފާއަކަށް ކަަމަށް އޭނާ ވިދާޅުވި
ސަރުކާރުން ބުނެފައި ވަނީ ސްކޫލް ޔުނިފޯމް ބަދަލު ކުރަނީ ހަތަރު ކުލައަކަށް ކަމަށް

ސަރުކާރު ސްކޫލުތަކު ގެ ޔުނީފޯމު ގެ ކުލަތައް 4 ކުލަ އަކަށް ބަދަލު ކުރަން އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާ އިރު، ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމު ގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް ކަމަށް ނިމިދިޔަ ސަރުކާރުގެ އެޑިއުކޭޝަން މިނިސްޓްރީ ގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އިހުސާން ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީ ގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސަރުކާރު ސްކޫލުތަކު ގެ ދަރިވަރުން ގެ ޔުނިފޯމު އުސޫލަށް ބަދަލު ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ނިންމާފައިވާތީ އެކަމަށް ބައެއް އާއްމުން ވަނީ ފާޑުކިޔާފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ ސްކޫލް ޔުނިފޯމް ބަދަލުކުރަނީ ހަތަރު ކުލައަކަށް ކަމަށެވެ. އެ ކުލަތަކަކީ ހުދު، ސްކައި ބްލޫ، ޓީ ގްރީން އަދި ލައިޓް ރެޑް އެވެ. އެ ކުލަތަކަކީ ޤައުމީ ކުލަތަކުގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ ގެ ކުލަ ކަމަށް ވާ ނޫކުލަ ކަމަށް ސަރުކާރުން ބުނެ އެވެ.

އެހެންކަމަށް ވާއިރު ޤައުމީ ކުލަތަކާއި އެއް ގޮތަކަށް ނޫކުލަ އައި ހަމަ އެއް ވިސްނާ ވިސްނާ ވެސް ނޭނގުނު ކަމަށް އިހުސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސަރުކާރުން ކުރާ މިފަދަ ކޮންމެ ކަމެއް ވެސް ކުރަނީ ކޮންމެ ވެސް ގޮތަަކަށް އެކަމުން މަންފާ އެއްވާ ގޮތަށް ކަމަށެވެ. ޔުނިފޯމްތައް އެއް ކުލަތަކަކަށް ފެއްތުމުގެ ނަމުގައި އެ މަސައްކަތް އެއް ބަޔަކަށް ދީފި ނަމަ އެކަން ވެގެން ދާނީ ވަކި ބަޔަކަށް ހޯދާދެވޭ ނާޖާއިޒް މަންފާއަކަށް ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" ބައެއް ސްކޫލްތަކުގައި އެބަ ހުރި މި ބޭފުޅުން މާ ގަޔާ ނުވާ ޒާތުގެ ކުލަ ކުލައިގެ ޔުނިފޯމް. އެ ކުލަ ކުލއިގެ ގޮނޑި ވެސް އެބަ ހުރި. " އިހުސާން ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އަށް ގުޅުމުން އެކަހަލަ ނިންމުމެއް ނިންމާފައި ނުވާނެ ކަމަށާ، ސްކޫލު ތަކަށް އެއްވެސް އެންގުމެއް ވެސް އަންގާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޔުނިފޯމު ބަދަލު ކުރުމަށް ޕްރިންސިޕަލުންނާ އެކު މަޝްވަރާ ކޮށްފައިވާ ކަމަށާ މިހާރު ވެސް މަޝްވަރާ ކުރިއަށް ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރ މިހެން ވިދާޅުވި ނަމަވެސް ޔުނިފޯމް ބަދަލުކުރުމާއި ގުޅޭ މެމޯ އެއް މީސްމީޑިއާގައި ވެސް ވަނީ އާއްމު ވެފަ އެވެ.

- ކޮމެންޓް