ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ކުފޫ ހަމަވާ ކެންޑިޑޭޓެއް ނެތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ މ. ދިއްގަރުގައި ކުރިއަށްދިޔަ "އުފާވެރި އަމާން ރާއްޖެ" ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްރާން ވިދާޅުވީ މިހާތަނަށް ގިނަ ބަޔަކާއެކު އެމަނިކުފާނަށް މަސައްކަތްކުރެވިފައިވާކަމަށެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ރައީސުން ވެސް ހިމެނިވަޑައިގަންނަވާއިރު، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށްވުރެ ބޮޑަށް ރައްޔިތުންނަށްޓަކައި ހެޔޮ އެދިވަޑައިގެން އިޚްލާސްތެރިކަމާއި އޯގާތެރިކަމާއެކު ވެރިކަން ކުރެއްވި ބޭފުޅެއް ފެނިވަޑައިނުގަންނަވާކަމަށް އިމްރާން ވިދާޅުވިއެވެ.
އަޅުގަނޑު މި ވާހަކަ މި ދައްކަނީ ރައީސްއާއެކު ގާތްގަނޑަކަށް 2015 އިން ފެށިގެން ވަރަށް ކައިރިން މަސައްކަތް ކޮށްފައި.އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ
އިމްރާން ވިދާޅުވީ މި ސަރުކާރުން މަޝްރޫއުތައް ހިންގާއިރު އެއްވެސް ރަށެއް ތަފާތު ނުކުރާ ކަމަށެވެ. މިހާތަނަށް ހަމައެކަނި މ. އަތޮޅަށް ބަލާލިޔަސް 3 އަހަރުތެރޭ 84 ޕްރޮޖެކްޓު ހިންގާފައިވާކަމަށް އިމްރާން ވިދާޅުވިއެވެ.
އަދި ކުރިއަށް މަސައްކަތްތައް ހުރީ ކަމަށާއި، އެ މަސައްކަތްތައް ނިންމަން ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ފުރުސަތެއް ދިނުމަށް އިމްރާން ވަނީ އެދިވަޑައިގެންފައެވެ.