ކ. މާލެ
|
22 ޖޫން 2022 | ބުދަ 16:49
ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން
ހެނދުނު ކަސްރަތު ކުރަން ނުކުމެ އުޅޭ މީހުން
ރާއްޖެއެމްވީ
ޔޯގާ
"ޔޯގާ"
ޔޯގާގައި ސިއްހަތަށް ފައިދާކުރާ އެތައް ކަމެއް ހިމެނޭ
މުސްލިމުން ޔޯގާ ހެދުމާ ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް ވަނީ އިތުރުވެފައި
ޔޯގާ ކަސްރަތާއި، ހިންދޫން ހަދާ ޔޯގާއަކީ ތަފާތު ދެ ކަމެއް

މީގެ އެތައް ހާސް އަހަރެއް ކުރިން އުތުރު އިންޑިއާއިން އުފަންވި "ޔޯގާ" އަކީ އަދިވެސް އެކި ގޮތްގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރެކްޓިސް ކުރަމުންދާ ކަމެކެވެ. މިއީ ހަށިގަނޑަށް ގެންނަ ހަރަކާތްތަކެއްގެ ތެރެއިން ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް ފައިދާކުރާ އެތައް ކަމެއް އެކުލެވިގެންވާ ކަމެކެވެ. މިކަން ފެށިގެން އައީ އިންޑިއާއިން ކަމަށް ވުމާއެކު އެމީހުން ގަބޫލުކުރާ ދީންތަކުގައި ހިމެނޭ ބައެއް ކަންކަންވެސް ޔޯގާގެ ތެރޭގައި އެމީހުން ހިމަނައެވެ. އެހެންނަމަވެސް އެއީ ހަމައެކަނި އެ ދީންތައް ގަބޫލުކުރާ މީހުން ޕްރެކްޓިސް ކުރާ ކަންކަމެވެ.

މި ޒަމާނަކީ "ސެލްފް ކެއަރ" ނުވަތަ އަމިއްލަ ނަފްސަށް އަޅާލުން "ޓްރެންޑް" ވަމުންދާ ޒަމާނަކަށް ވުމާއެކު ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށްވެސް ގިނަ ބަޔަކު ޔޯގާ ޚިޔާރުކުރެެއެވެ. ޔޯގާއަކީ އޭގެ ތެރޭގައި އެތައް ބައިތަކެއް ހިމެނިގެންވާ ކަމަކަށް ވާއިރު، އޭގެ ތެރޭގައި ކަސްރަތުގެ ބައިތަކާއި، ހިތާއި ސިކުނޑިއަށް ލުއިކޮށްދޭ ބައިތައް ހިމެނެއެވެ. މައިގަނޑުގޮތެއްގައި އިންސާނާގެ މުޅި ހަށިގަނޑަށް ފައިދާކުރަނިވި ކަންކަން މީގައި ހިމެނެއެވެ.

މިގޮތުން ޔޯގާއަކީ ހަށިގަނޑުގެ ގުނަންތައް ހަލުއިކޮށްދީ ހެލިފެލިވެއުޅެން ފަސޭހަ ކޮށްދިނުމާއިއެކު ހަށިގަނޑުގެ މަސްތައް އިތުރަށް ވަރުގަދަކޮށްދޭ ކަމެކެވެ. ބަރުދަން ލުއިކޮށްދިނުމާއި، ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅު ކޮށްދިނުން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ކަންކަމާ ސްޓްރެސްވާ މިންވަރު ކުޑަކޮށްދިނުމާއި މިނޫންވެސް އެކި ފައިދާތައް މީގެ ތެރެއިން ލިބިގެންދެއެވެ.

ކަސްރަތެއްގެ ގޮތުގައި ޔޯގާ ހެދުމާއި އެކަމުން ކުރާ ފައިދާތައް މިކަމުގައި ތަޖުރިބާކަރު ފަރާތެއް ވަނީ "ރާއްޖެއެމްވީ" އަށް ކިޔައިދީފައެވެ. އޭނާ ކިޔައިދިން ގޮތުގައި ޔޯގާ ކަސްރަތަކީ ހަށިގަނޑުގެ ހުރިހާ ހުޅުތަކާއި، މަސްތައް ހަރަކާތްތެރިކޮށް، ވަކި ގޮތަކަށް ނޭވާ ލައިގެން ކުރާ ކަސްރަތެކެވެ. އޭނާ ބުނިގޮތުގައި އާންމު ދިރިއުޅުމުގައި ކުރާ ކަސްރަތުތަކުން ހަށިގަނޑުގެ ހުރިހާ ގުނަވަންތަކާއި، ހުޅުތައް ހަރަކާތްތެރިއެއް ނުކުރެއެވެ. އެހެނަމަވެސް ޔޯގާ ކަސްރަތަކީ ހަށިގަނޑުގެ ހުޅުތަކާއި މަސްތައް ހަރަކާތްތެރިކޮށްގެން ކުރާ ކަސްރަތެއް ކަމުން މި ކަސްރަތުން ހަށިގަނޑަށް އެތައް ފައިދާތަކެއް ލިބިގެންދެއެވެ. އަދި މި ކަސްރަތަކީ ވަކި ގޮތަކަށް ނޭވާ ލައިގެން ކުރާ ކަސްރަތެއް ކަމުން ހަށިގަނޑުގެ އެތެރޭގެ ގުނަވަންތަކަށް އޭގެ ހެޔޮ އަސަރު ކުރެއެވެ. މިގޮތުން ރުޅި ގަދަވުން ކޮންޓްރޯލްކުރެވުމާއި، ސްޓްރެސް ވުން ކުޑަވުން ފަދަ ނަފްސާނީ ދުޅަހެޔޮކަމަށް ހެޔޮ އަސަރުތައް ކުރާނެ ކަންކަން މީގައި ހިމެނެއެވެ.

އާންމުކޮށް ކުރަމުން މިދާ ކަސްރަތު ޔޯގާއިން އެތައް ފައިދާތަކެއް ލިބޭއިރު، މުސްލިމަކަށްވެހުރެ މިކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް މިކަން ބަލާ ދިރާސާކުރާ ބައެއް މީހުން ބުނަމުންދެއެވެ. އެއީ އެހެން ދީނަކުން އުފަންކޮށްފައިވާ ކަމަކަށް ތަބާވުން ކަމަށްވެސް ބުނަމުންދެއެވެ. އެހެންނަމަވެސް މިއީވެސް ޚިޔާލުތަފާތުވުން އުފެދިފައިވާ ކަމެކެވެ.

ހިންދޫއިން ޔޯގާ ހަދަން ކުރާ ހަރަކާތްތަކާއި، ކަސްރަތެއްގެ ގޮތުގައި ޔޯގާ ހަދާ މީހުންގެ ހަށިގަނޑަށް ގެންނަނީ ތަފާތު ހަރަކާތްތަކެކެވެ. ޔޯގާ ހަދާއިރު ހިންދޫން ގެންނަ ހަރަކާތްތައް ގެންނަ ނަމަ އެ ކުރެވެނީ ޝިރްކެއް ކަމަށް ވެސް ވެދާނެއެވެ. އެހެންނަމަވެސް ކަސްރަތެއްގެ ގޮތުގައި ޔޯގާ ހެދުން މުސްލިމުންނަށް ހުއްދަ ކަމަށް މިކަން ދިރާސާކުރާ ފަރާތްތަކުން ބުނަމުންދެއެވެ. މުސްލިމުން ޔޯގާ ހެދުމާއި ގުޅޭގޮތުން ޚިޔާލުތަފާތުވުންތައް އޮތް މި ދަނޑިވަޅުގައި އެކި އިލްމުވެރިންގެ ޚިޔާލް ތަފާތެވެ.

- ކޮމެންޓް