ބުދަ 08 ޖުލައި 2020
08 ފުނޯސް
1441 ޒުލްގައިދާ 17
ފަތިސް 04:41
އިރުއަރާ 05:59
މެންދުރު 12:15
އަސްރު 15:38
އިރުއޮއްސޭ 18:23
އިޝާ 19:41
ބްލެކްމެއިލް ކުރުމުގެ މައްސަލަތައް

ރާއްޖޭގެ އަންހެން ޓީޗަރަކު ޤާނޫނީ ވަކީލެއް ބްލެކްމެއިލް ކުރަނީ

  • ފިރިހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް "ލީކް" ކޮށްލާނެކަމަށް ބުނެފައިވޭ
  • މިހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު އެ މައްސަލަ ފުލުހުންނަށްވެސް ހުށައެޅިފައިވޭ
  • ކޯޓު މަރުޙަލާއަށް ދިއުމުގެ ކުރިން މައްސަލަ އަނބުރާ ނެގުމަށް އެދިފައިވޭ

ކ. މާލެ | 24 ޖޫން 2020 | ބުދަ 21:47 | 124,791

ބްލެކްމެއިލް ރިޕްރެޒެންޓޭޝަނަލް ވީޑިއޯ- ބްލެކްމެއިލް ކުރުމުގެ މައްސަލަތައް މިހާރުވެސް ފުލުހުންނަށް ހުށައެޅޭ - ދި އައިރިޝް ޓައިމްސް

2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 23 ވަނަ ދުވަހުގެ ޚަބަރެކެވެ. ބަރަހަނާ ފޮޓޯތަކެއް ހުރި ކަމަށްބުނެ ބިރުދައްކައިގެން، ހުށަހެޅުނު މައްސަލައަކާއި ގުޅިގެން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކުރި ޚަބަރު އެ ދުވަހު މީޑިއާތަކަށް ތިލަވެގެން ދިޔައެވެ. އޭގެ ތަންކޮޅެއް ފަހުގެ ޚަބަރަކަށް ބަލާލާނަމަ، ލ. ކަލައިދޫގައި އުމުރުން 18 އަހަރު ނުފުރޭ އަންހެން ކުއްޖަކު ރޭޕުކޮށް، އެ ކުއްޖާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި 20 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

އޭގެ ފަހަތަށް ޖެހިލާނަމަ 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމާއި ބްލެކްމެއިލް އަދި ރޭޕްގެ ތުހުމަތުގައި މީގެ 4 މަސް ކުރިން ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި ފަހުގެ ޚަބަރަކަށް ބަލާއިރު، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް، އެ ކުއްޖާ ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މީޑިއާތަކަށް ތިލަވާ ނުވަތަ އާންމުންގެ ސަމާލުކަން ލިބޭ މިފަދަ ގިނަ މައްސަލަތަކުގައި "ވިކްޓިމައިޒް" ވެފައި އޮންނަނީ އަންހެން ކުއްޖާއެވެ. އެހެން ނަމަވެސް، އަންހެނަކު ފިރިހެނެއް ބްލެކްމެއިލް ކުރާ ވާހަކަ މަދުން ނޫނީ މީސްމީޑިއާއާއި، ޚަބަރުތަކަށް ތިލަވެފައެއް ނުވެއެވެ.

އިތުބާރު ހުރި މަސްދަރަކުން އެފަދަ މައްސަލައެއްގެ މައުލޫމާތު "ރާއްޖެއެމްވީ"އާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން މި މައްސަލައަކީ ލޯބީގެ ގޮތުން ގުޅިގެން އުޅުން އަންހެނަކު، ފިރިހެން މީހާގެ ބަރަހަނާ ފޮޓޯތަކެއް "ލީކް" ކޮށްލާނެކަމަށް ބުނެ، ބިރުދެއްކި މައްސަލައެކެވެ.

މާލޭގެ ސުކޫލެއްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރާ މި އަންހެންމީހާ ރައްޓެހިވެގެން އުޅުނީ މަޝްހޫރު ޤާނޫނީ ވަކީލަކާއެވެ. އެހެން ނަމަވެސް، ވަކި ވުމަށްފަހު އޭނާ ވަނީ އެކުގައި އުޅުނު އިރު ފޮނުވާފައިހުރި ފޮޓޯތައް ދައްކައި، ލީކު ކޮށްލާނެ ކަމުގެ ބިރު ދައްކާފައެވެ. އެގޮތުން މިހިނގާ ޖޫން މަހުގެ 3 ވަނަ ދުވަހު އެ މައްސަލަ ފުލުހުންނަށްވެސް ވަނީ ހުށައަޅާފައެވެ. އަދި ފުލުހުން އެ މައްސަލަ ބަލައި، ބަޔާންވެސް ނަގާފައިވާއިރު، ކޯޓު އަމުރެއްގެ ދަށުން އަންހެން މީހާގެ ފޯނުވެސް ބަލައި ފާސްކޮށްފައިވެއެވެ. އަދި އެކަމުގެ ހެކި އޭނާގެ ފޯނުން ފެނިފައިވާކަން "ރާއްޖެއެމްވީ"އަށް ކަށަވަރުވެފައިވެއެވެ.

ފުލުހުންނަށް މައްސަލަ ހުށައެޅުމާއެކު، އާއިލާ މެދުވެރިކޮށް އަންހެން މީހާ ވަނީ ކޯޓު މަރުޙަލާއަށް ދިއުމުގެ ކުރިން މައްސަލަ އަނބުރާ ނެގުމާއި، ކޯޓުން ބޭރުން މައްސަލައަށް ޙައްލެއް ގެނައުމަށް ވާހަކަ ދައްކާފައެވެ. އަދި ދެފަރާތުގެ މަޝްވަރާއަށްފަހު މިހާރު އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ ފިރިހެން މީހާ ވަނީ ކޭސް އަނބުރާ ނެގުމަށް ސިޓީއެއްވެސް ހުށައަޅާފައެވެ.

ބްލެކްމެއިލްކޮށް ބިރުދެއްކުމުގެ މިފަދަ މައްސަލަތަކަކީ މުޖުތަމައުގެ ތެރޭގައި މިހާރު އާންމުވެފައިވާ މައްސަލަތަކެކެވެ. އެހެން ނަމަވެސް، މިފަދަ މައްސަލަތަކުގައި ދެފަރާތުގެ އިހުމާލުވެސް އޮވެއެވެ. އެކުގައި އުޅޭއިރު ބަރަހަނާ ފޮޓޯ ފޮނުވުމާއި، އެއަށް ފަހު އޭގެ ނާޖާއިޖު މަންފާ ނަގައި، ބިރު ދެއްކުމަކީ އާންމުކޮށް ހިނގާ ކަމެއް ނަމަވެސް، އެފަދަ މައްސަލަތަކުގައި ފިރިހެނުން "ވިކްޓިމައިޒް" ވެއްޖެނަމަ، މުޖުތަމައުގެ ތެރޭގައި ދެކެވޭ ގޮތާއި، މިންގަނޑު އަދިވެސް ތަފާތުކަމަށް ޤަބޫލުކުރާ މީހުންވެސް މަދެއް ނޫނެވެ. އެހެން ނަމަވެސް ޤަބޫލު ކުރަން ޖެހޭ ކަމަކީ، މިފަދަ ހުރިހާ މައްސަލައެއް ފެށިގެން އައުމުގައި ދެފަރާތުގެ އިހުމާލުވެސް ހިމެނޭ ކަމެވެ.

މިމައްސަލައިގައިވެސް ކަން ހިނގާފައިވަނީ އެފަދަ ގޮތަކަށެވެ. ބަރަހަނާ ފޮޓޯ ފޮނުވުމަކީވެސް ބަލައިގަނެވޭ ކަމެއް ނޫނެވެ. އަދި ގުޅުން ކެނޑުމަށްފަހު، އޭގެ ބޭނުންކޮށްގެން ބިރު ދެއްކުމާއި، ބްލެކްމެއިލް ކުރުމަކީ ޖިނާއީ ކުށެއްވެސް މެއެވެ. އެކަމުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމަށް އޭގެ އަސަރު ކުރާނެ ކަމެއްވެސް މެއެވެ. މިއީ ހައްތަހާވެސް ސަމާލުވާން ޖެހޭ ކަންކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން | ރިވިއު ކުރީ: އަމަން ހަލީމް

މި ލިޔުން ކިޔާލުމުން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 3007773 ނަންބަރަށް ގުޅުއްވާ.