ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 10:39
2017 ޑިސެމްބަރު 22 ވަނަ ދުވަހު ރައީސް އައްބާސް ފަރަންސޭސި ރައީސްއާ ބައްދަލުކުރައްވަނީ
2017 ޑިސެމްބަރު 22 ވަނަ ދުވަހު ރައީސް އައްބާސް ފަރަންސޭސި ރައީސްއާ ބައްދަލުކުރައްވަނީ
އަލްޖަޒީރާ
ގުދުސްގެ މައްސަލަ
ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް އީޔޫ ވެދިނުމަށް އައްބާސް އެދިވަޑައިގެންފި
 
މެކްރޮންވަނީ ޓްރަމްޕްގެ ނިންމެވުމަށް ފާޑުވިދާޅުވެފައި
 
އައްބާސްވަނީ ފަރަންސޭސި ރައީސްއާ ހުކުރު ދުވަހު ބައްދަލުކުރައްވާފައި

އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ މަސައްކަތުގައި އިސްނެގުމަށް ޔޫރަޕިއަން ޔޫނިއަންއަށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް ގޮވާލައްވައިފިއެވެ.

މީގެ އިތުރުން އައްބާސްވަނީ އެމެރިކާއިން އިސްނަގައިގެން ނުވަތަ އެގައުމުން މެދުވެރިއެއްގެ ދައުރުއަދާކުރާ ސުލްހައިގެ އެއްވެސް ވާހަކައެއް ބަލައި ނުގަންނާނެކަމަށެވެ.

އިސްރާއީލުގެ ވެރިރަށަކީ ގުދުސްކަމަށް ބަލައިގަތުމަށް ނިންމަވައި ތެލް އަވީވްގައި ހުންނަ އެމެރިކާގެ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވާފައިވަނީ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ.

 އެ ނިންމެވުމާއެކުވެސް އައްބާސްވަނީ ސުލްހައިގެ ވާހަކަތަކުގެ މެދުވރިއެއްގެ ދައުރު އަދާކުރުމުގެ ހައިސިއްޔަތު އެމެރިކާއަށް ގެއްލިއްޖެކަމަށް ވިދާޅުވެފައެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވިދާޅުވީ "ސުލްހައިގެ މަޝްވަރާތަކުގައި އެމެރިކާއަކީ ތެދުވެރިކަމެއް ނެތް މެދުވެރިއެއްކަން ސާބިތުކޮށްދީފި" ކަމަށެވެ.

މި މައްސަލައިގައި އެމެރިކާއާއި ދުނިޔޭގެ ގައުމުތަކާމެދު އޮތް ނުތަނަވަސްކަން ބުރާސްފަތިދުވަހު އދގެ އާއްމު މަޖިލީހުގައި ނެގި ވޯޓުންވަނީ އެނގިގެން ގޮސްފައެވެ.

ގުދުސްއަކީ އިސްރާއީލުގެވެރިރަށް ކަމަށް ބަލައިގަތުމަށް އެމެރިކާއިން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއްކަމަށް ކަނޑައެޅުމަށް އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްވެފައިވަނީ 128 ގައުމުގެ ތާއީދާއެކުއެވެ. ނުފެންނަކަމަށް ނުވަ ގައުމަކުން ވޯޓްދީފައިވާއިރު 35 ގައުމަކުން ވަކިކޮޅަކަށް ވޯޓު ދީފައެއްނުވެއެވެ.

ފަލަސްތީނުން އުއްމީދުކުރާ ގޮތުގައި އިސްރާއީލާ ފަލަސްތީނާ ދެމެދު ސުލްހައިގެ ވާހަކަތަކުގެ މެދުވެރިއަކަށް ޔޫރަޕިއަން ޔޫނިއަން ވެގެންދާނެކަމަށެވެ.

ފްރާންސްގެ ރައީސްއަށް މުޚާތަބްކުރައްވާ އައްބާސް ވިދާޅުވީ އެ ބޭފުޅުންނަށް އިތުބާރު ކުރައްވާ ކަމަށާއި ސުލަހައަށްޓަކއި ކުރު ހިތްވަރަށް އިހުތިރާމް ކުރައްވާ ކަމަށެވެ.

 ރައީސް މެކްރޮންވަނީ އިސްރާއީލާ ފަލަސްތީނުގެ ސުލްހައަށް އޮތް މަގަކީ  ދެ ދައުލަތް އުފެއްދުންކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ.

ޓްރަމްޕްގެ ނިންމެވުން ބަލައި ނުގަންނަކަމަށް ވިދާޅުވެ މެކްރޮން ވަނީ ޓްރަމްޕްއަށް ފާޑުވިދާޅުވެފައެވެ.

 

 

 

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް