ކ. މާލެ
|
23 ޑިސެންބަރ 2017 | ހޮނިހިރު 00:12
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން، އެގައުމުގެ އަސްކަރިއްޔާގެ ޔުނިޓެއް އިފްތިތާހް ކޮށްދެއްވަނީ
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގ އުން، އެގައުމުގެ އަސްކަރިއްޔާގެ ޔުނިޓެއް އިފްތިތާހް ކޮށްދެއްވަނީ
އޭއެފްޕީ
އުތުރު ކޮރެއާގެ މައްސަލަ
އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފި
 
އުތުރު ކޮރެއާ އިން ވަނީ މިފަދަ ގަރާރުތަކުގެ ސަބަބުން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއެރުވުމަށް އިތުރު ފުރުޞަތުތައް ލިބިގެންދާނެ ކަމަށް ބުނެފަ
 
މި ގަރާރު ފާސްވީ އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ އިއްތިފާގުން
 
އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅީ އެމެރިކާ އިން

އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ މައްސަލައިގައި އެގައުމާ ދެކޮޅަށް ދަތިކުރުމުގެ އާ ފިޔަވަޅުތަކެއް އެޅުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ އިއްތިފާގުން ފާސްކޮށްފިއެވެ.

އުތުރު ކޮރެއާއިން ދާދި ފަހުން ޓެސްޓްކުރި ބެލިސްޓިކް މިސައިލްތަކުގެ މައްސަލައިގައި އެމެރިކާއިން އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައިވާ ގޮތުން، އެގައުމަށް އެތެރެކުރާ ޕެޓްރޯލްގެ މިންވަރު 90 އިންސައްތަ ދަށް ކުރުމަށް ހިމަނައިފައިވެއެވެ.

އުތުރު ކޮރެއާގެ ވިޔަފާރީގެ އެންމެ ގާތް ބައިވެރިޔާ، ޗައިނާ އިންވެސް އދ.ގެ ސަލާމަތީ މަޖިލީހުގައި މިގަރާރަށް ވޯޓު ދީފައިވެއެވެ. ޗައިނާއަކީ އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައިވާ، އެމަޖިލީހުގެ ދާއިމީ މެމްބަރު ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

އެމެރިކާ އިން ދަނީ 2008 ވަނަ އަހަރުން ފެށިގެން އުތުރު ކޮރެއާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންނެވެ. އެމެރިކާއިން އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅުންހުރި ވަކި ފަރުދުންނާއި ކުންތުނިތަކުގެ ރައުސުލްމާލު ފްރީޒް ކުރުމާއި، އެމެރިކާއިން އުތުރު ކޮރެއާއަށް މުދާ އެކްސްޕޯޓް ކުރުން މަނާ ކުރުމާއި، އުތުރު ކޮރެއާ އަށް އެނޫންވެސް ޚިދުމަތްތައް ދިނުން ހުއްޓާލުން ހިމެނެއެވެ.

ދުނިޔޭގެ ބާރުގަދަ ގައުމުތަކުގެ ޕްރެޝަރަށް ބެލުމެއް ނެތި އުތުރު ކޮރެއާގެ ނިއުކްލިއަރ އަދި މިސައިލް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސް، މިއަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ބެލިސްޓިކް މިސައިލް އެގައުމުގައި ޓެސްޓު ކޮށްފައިވެއެވެ.

މިމައްސަލާގައި އުތުރު ކޮރެއާ އަދި އެމެރިކާގެ ވެރިންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލު ކުރެވުނުއިރު، ދެ ގައުމުގެ ދެމެދުގައި އަސްކަރީ ކުރިމަތިލުމެއް ހިނގާފާނެ ކަމަށްވެސް ބެލެވުނެވެ.

އެހެންނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ، މިމައްސަލާގައި ޚާރިޖީ ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އުތުރު ކޮރެއާއަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް އެމެރިކާ އިން އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވަނީ ޓްރަމްޕް މިމޭރުމުން ވާހަކަފުޅު ދެއްކެވި ފަހުންނެވެ.

މިގަރާރުގައި ހުށަހަޅާފައިވާ އެހެން ފިޔަވަޅުތަކުގެ ތެރޭގައި އުތުރު ކޮރެއާގެ މުދާ އެކްސްޕޯޓް ކުރުން މަނާ ކުރުން ހިމެނެއެވެ.

މީގެ އިތުރުން އެހެން ގައުމުތަކުގައި މަސައްކަތް ކުރާ އުތުރު ކޮރެއާގެ ރައްޔިތުން، ގަރާރަށް އަމަލު ކުރަން ފެށުމަށްފަހު 12 މަސް ދުވަހުގެ ތެރޭގައި އެނބުރި ގައުމަށް ފޮނުވާލުމަށް މިގަރާރުގައި ހިމަނާފައިވެއެވެ.

އެހެންނަމަވެސް އުތުރު ކޮރެއާއިން މިގަރާރަށް ދީފައިވަނީ ފިނި ރައްދެކެވެ. އުތުރު ކޮރެއާ އިން ވަނީ، މިފަދަ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ކުރިއެރުވުމަށް އިތުރު ފުރުޞަތު ލިބިގެންދާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް