ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 18:36
ތިނަދޫ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ތިނަދޫ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
މޯލްޑިވްސޮކާ
ޔޫތް ޗެމްޕިއަންޝިޕް 2017
ޔޫތް ޗެމްޕިއަންޝިޕް 2017: ތިނަދޫ ބަލިކޮށް އީގަލްސް އިން ފެށުން ރަނގަޅުކޮށްފި
 
ތިނަދޫގެ މައްޗަށް އީގަލްސް ކުރިހޯދީ 0-1 ގެ ނަތީޖާއަކުން

ޔޫތް ޗެމްޕިއަންޝިޕްގައި ގދ.ތިނަދޫ ބަލިކޮށް ކްލަބް އީގަލްސް އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފިއެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެހެން ނަމަވެސް މެޗުގެ 16 ވަނަ މިނެޓުގައި އީގަލްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ނާއިމްއެވެ.

މި ލަނޑަށްފަހު ވެސް އީގަލްސް އަށް ވަނީ ފުރަތަމަ ހާފްގައި ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މެޗުގައި ތިނަދޫ އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މުބާރާތުގައި ހޮނިހިރު ދުވަހު ބައްދަލު ކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޔުނައިޓެޑް ވިކްޓްރީއެވެ.

ރައުންޑް ރޮބިން ފޯމެޓްއަށް ކުޅޭ މި މުބާރާތުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްއަށް ދަތުރުކުރާނެއެވެ.

ޔޫތް ޗެމްޕިއަންޝިޕަކީ ގިނަ ކުޅުންތެރިންތަކެއް ތައާރަފު ވެގެން ގޮސްފައިވާ މުބާރާތެކެވެ. މި މުބާރާތުން ވިދާލި ގިނަ ކުޅުންތެރިން އަންނަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ޓީމުތަކުގައި މުހިންމު ރޯލުތައް އަދާކުރަމުންނެވެ. ހަމައެހެންމެ މި ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރާގައި ހިމެނޭ ކުޅުންތެރިން ވެސް ހިމެނެއެވެ.

އެފްއޭއެމް އިން 2011 ވަނަ އަހަރު ބާއްވަން ފެށި މި މުބާރާތް މެދުނުކެނޑި 2014 ވަނަ އަހަރުގެ ނިޔަލަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެއަށް ފަހު މުބާރާތް ދެން ބާއްވާފައިވަނީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް، ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސްއެވެ.

ކްލަބް އީގަލްސްއިން މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައި ވާއިރު އެ ޓީމުގެ އިތުރުން ޔޫތް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުތަކުގެ ތެރޭގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ކްލަބް ވެލެންސިއާ ހިމެނެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް