ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 10:30
 ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ (ކ)
ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ (ކ)
ޑެއިލީ ނިއުސް
ލަންކާ ކައުންސިލް އިންތިޚާބު
އިންތިޚާބާ ދިމާކޮށް ހަމަނުޖެހުން އުފައްދާ މީހުންނަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފި
 
އިންތިޚާބުގެ ފޯރިވަނީ ވަރަށް ގަދަވެފައި

ލަންކާގައި އަންނަ ފެބްރުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ ދޭތެރޭ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ލަންކާ ސަރުކާރުން ދީފިއެވެ.

ލަންކާގެ ލޯ އެންޑް އޯޑަރ މިނިސްޓަރ ސަގަލަ ރަތުނަޔަކަ ވިދާޅުވީ އިންތިޚާބާ ދިމާކޮށް ނަސްލީ އަދި ދީނީ ހަމަނުޖެހުން އުފެއްދުމަށް މަސައްކަތް ނުކުރުމަށް ގޮވާލައްވާ ކަމަށާއި، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށެވެ. ރަތުނަޔަކަ ވިދާޅުވީ އިންތިޚާބުގެ ކަންތައް އަމާން އޮމާންކޮށް ގެންދިޔުމަށް އިލެކްޝަންސް ކޮމިޝަންގެ ލަފާގެ މަތިން ފުލުހުން ޙަރަކާތްތެރިވަމުން ދާނެ ކަމަށެވެ. އަދި މިހާރު ވެސް ގިނަ އަދަދެއްގެ ފުލުހުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ނެރެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރ ރަތުނަޔަކަ ވިދާޅުވީ އިންތިޚާބަށް ފަހު އެއްވެސް ބައެއްގެ މެދުގައި ހަމަނުޖެހުން އޮވެގެން ނުވާނެ ކަމަށާއި، ހަމަޖެހުމަކީ ލަންކާގެ ތަރައްޤީއަށް ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ. އަދި ވެރިކަންކުރާ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އިން މިއިންތިޚާބުގެ ކެމްޕޭނަކީ ނަމޫނާ ކެމްޕޭނަކަށް ހަދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ، އޭނާ ވަނީ އިންތިޚާބުގެ ކެމްޕޭން ތިމާވެއްޓާއި ރައްޓެހި ކެމްޕޭނަކަށް ހަދަން ޔޫއެންޕީއިން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ފެބްރުއަރީ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރަނީ މައިގަނޑު ފަސް ކޯލިޝަނެކެވެ. އެއީ ރައީސް މައިތިރިޕާލާ ސިރިސެނާ ލީޑްކުރައްވާ ފްރީޑަމް ޕާޓީ އާއި، ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ އާއި، ތަމަޅައިންގެ ވަޠަނީ ޕާޓީ ޓެމިލް ނޭޝަނަލް އެލަޔަންސްގެ އިތުރުން، ޕީޕަލްސް ލިބަރޭޝަން ފްރަންޓް އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އަލަށް އުފެއްދެވި ޕާޓީކަމަށްވާ ޕޮޑުޖާނަ ޕެރަމުނައެވެ.

މީގެ ތެރެއިން އެންމެ ބޮޑު ކޯލިޝަނެއް ހެއްދެވީ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔޫއެންޕީއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ސްރީލަންކާ މުސްލިމް ކޮންގްރެސްއާއި، އަޕްކަންޓްރީ ޓެމިލް ޕާޓީސްގެ އިތުރުން ޖޭ.އެޗް.ޔޫ ވާދަކުރާނީ ޔޫއެންޕީ އާއިއެކު ކޯލިޝަން ހަދައިގެންނެވެ.  

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް