ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 14:38
ރާއްޖެޓީވީގެ އަބުރު ފަންޑަށް މީހަކު އެހީ ވަނީ
ރާއްޖެޓީވީގެ އަބުރު ފަންޑަށް މީހަކު އެހީ ވަނީ
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ - ބްރޯޑްކޮމް
ރާއްޖެޓީވީ ފަސްލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ޑިސްޕިއުޓް މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް!
 
ތިން ފަހަރެއްގެ މަތިން ޖުމްލަ 1.7 މިލިއަން ރުފިޔާއިން ޖުރިމަނާކޮށްފައިވޭ
 
މެންބަރު މުސްތަފާ ދެއްކެވި ވާހަކަތަކާ ގުޅިގެން ކުރި ޖޫރިމަނާގެ މައްސަލަ
 
ދައުލަތުން ބޭނުންވީ ޝަރީއަތުން މައްސަލައިގައި ގޮތެއް ކަނޑައަޅަން

ރާއްޖެޓީވީ ފަސްލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލުނުވުމުން ޝަރީއަތަށް ފޮނުވައިފިއެވެ.

ފަސް ލައްކަ ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ، މިއަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ "މި ރައީސް" ޕްރޮގުރާމުގައި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ. 

ޖޫރިމަނާކުރި މައްސަލައިގައި ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މައްޗަށް ރާއްޖެޓީވީން ދައުވާކުރާ މައްސަލައިގައި ޑިސްޕިއުޓް ރިޒޮލިއުޝަންގެ ފުރަތަމަ ބައްދަލުވުން ބޭއްވީ މިމަހުގެ 12 ވަނަ ދުވަހުއެވެ. އެ ބައްދަލުވުމުގައި ދައުލަތުން އެދުނީ، ޖަވާބުދާރީވާން ތައްޔާރުވުމަށް ހަފްތާއެއްހާ ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

ދައުލަތުން ބޭނުންވި ގޮތަށް ހަފްތާއެއް ދިނުމަށް ފަހު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމުގައި ދައުލަތުން ބޭނުންވީ މައްސަލަ ޝަރީއަތަށް ފޮނުވައިގެން ގޮތެއް ކަނޑައަޅާށެވެ.

އެހެންކަމުން، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއިން ހައްލެއް ނުލިބުނު ކަމަށް ބަލައި، މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފައެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއަކީ ދެފަރާތުގެ މެދުގައި މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދޭތޯ ބަލާ މަރުހަލާއެވެ. މައްސަލަ ޝަރީއަތަށް ފޮނުވާނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެނަމައެވެ.

ރާއްޖެޓީވީ ޖޫރިމަނާކުރީ، ރާއްޖޭގެ ރައްޔިތުން ނިކުމެ ރައީސުލްޖުމްހޫރިއްޔާ މަގާމުން ބޭރުކުރުމަށް ގޮވައިލައްވައި، މެންބަރު މުސްތަފާ ދައްކަވާފައިވާ ވާހަކައަކީ ރާއްޖޭގައި އޮތް ގާނޫނީ ސަރުކާރެއް ވައްޓާލުމަށާއި، ޣައިރު ގާނޫނީ އަމަލެއް ހިންގުމަށް ރައްޔިތުންނަށް ހިތްވަރު ލިބޭ ގޮތަށް ދައްކަވާފައިވާ ވާހަކައެއް ކަމަށް ބުނެއެވެ.

މީގެ އިތުރުން، މުސްތަފާ ދެއްކެވި ވާހަކައަކީ ރާއްޖޭގެ ޤާނޫނީ ވެރިކަމަށް އުނިކަމެއް އަތުވެދާނެ، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކައެއް ކަމަށާއި ގާނޫނު އަސާސީއާ އެއްގޮތަށް އިންތިޚާބު ކުރެވިފައިވާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހިމާޔަތާއި ރައްކާތެރިކަމަށް ނުރައްކަލެއް އަތުވެދާނެ ވާހަކައެއް ކަމަށް ވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބުނެފައިވެއެވެ.

ޖޫރިމަނާކުރުމާއި ގުޅިގެން ރާއްޖެޓީވީއިން ނެރުނު ނޫސްބަޔާނުގައިވާ ގޮތުގައި، އެ ފިޔަވަޅަކީ ރާއްޖެޓީވީ އަށް އަނިޔާވެރި ވުމަށް ސިލްސިލާކޮށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއަށް އިތުރުވި ބޮޅެކެވެ. އަދި ބްރޯޑްކާސްޓިންގ ކޮމިޝަން އިންސާފުގެ ހަމައިން ނެއްޓިފައިވާކަމާއި، މައްސަލަތައް ބެލުމުގެ ގާބިލްކަމެއް ކޮމިޝަނުގައި ނެތްކަން އެ ކޮމިޝަންގެ ކޮންމެ ނިންމުމަކުން ހާމަވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. 

ރާއްޖެޓީވީ ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލައިގެ އިތުރުން، ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކުރި މައްސަލަ އާއި އެއް މިލިއަން ރުފިޔާއިން ޖުރިމަނާ ކުރި މައްސަލަ ވެސް ސިވިލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.

 

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް