ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 19:28
ގުދުސްގެ މައްސަލާގައި ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ދޮށުގައި މުޒާހަރާ ރޫޅާލުމަށް، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހަނީ
ގުދުސްގެ މައްސަލާގައި ލުބުނާނުގެ ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ދޮށުގައި މުޒާހަރާ ރޫޅާލުމަށް، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހަނީ
އީޕީއޭ
ގުދުސްގެ މައްސަލަ
ގުދުސްގެ މައްސަލާގައި ލުބުނާނުގައި ކުރި މުޒާހަރާ ރޫޅާލައިފި
 
މިމައްސަލާގައި އެމެރިކާ އާދެކޮޅަށް ދުނިޔޭގެ އެކި ގައުމުތަކުގައި ދަނީ މުޒާހަރާތައް ބާއްވަމުން
 
އެއްވުން ރޫޅާލާފައިވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހައި، ކަރުނަ ގޭސް ބޭނުން ކޮށްގެން
 
މުޒާހަރާ ކޮށްފައިވަނީ ވެރިރަށް ބެއިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީ ދޮށުގައި

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަތުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމާއި ދެކޮޅަށް ލުބުނާނުގައި ބޭއްވި މުޒާހަރާ ރޫޅާލައިފި އެވެ.

ލުބުނާނުގައި ހުންނަ އެމެރިކާގެ އެމްބަސީ ދޮށުގައި ކުރިއަށް ގެންދިޔަ މުޒާހަރާ، ލުބުނާނުގެ ސަލާމަތީ ފައުޖުތަކުން ރޫޅާލާފައިވަނީ، މުޒާހަރާގެ ބައިވެރިންގެ ގަޔަށް ފެން ޖަހައިގެންނާއި، ކަރުނަ ގޭސް ބޭނުން ކޮށްގެންނެވެ.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި މުޒާހަރާ ކުރި ފަރާތްތަކުން ވަނީ، އައުކަރު ޑިސްޓްރިކްޓްގައި އެމެރިކާ އެމްބަސީ ހުންނަ ސަރަހައްދުގެ މަގުތަކުގައި ބައެއް ތަކެތީގައި އަލިފާން ރޯކޮށް، ގައު އުކާފައެވެ.

މުޒާހަރާ ކުރި ފަރާތްތަކުން އެމެރިކާ އެމްބަސީ ހުންނަ އިމާރާތަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ވަނީ ބެރިކޭޑް ޖަހައި، އެއިމާރާތަށް ވަދެވެން އޮންނަ މައި މަގު ބަންދުކޮށްފައެވެ.

އެހެންނަމަވެސް މުޒާހަރާގެ ބައެއް ބައިވެރިން، ބެރިކޭޑްތައް ފޫއަޅުވާލައި، އިމާރާތުގެ ވަށައިގެން ދަމާފައިވާ ކަށިނަރުތައް ހުރަސްކޮށް އިމާރާތުގެ ތެރެއަށް ވަދެގަތުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ލުބުނާނުގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރި އެވެ.

ކަޅު ހެދުމުގައި ތިބި މުޒާހަރާގެ ބައިވެރިން ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ދެކޮޅަށް އަޑު އުފުލާފައެވެ. މުޒާހަރާގެ ބައިވެރިންނާއި މުޚާތަބްކޮށް ވާހަކަ ދައްކަމުން ލުބުނާނުގެ ކޮމިއުނިސްޓް ޕާޓީގެ ލީޑަރު ހަންނާ ގާރިބް ވަނީ، އެމެރިކާ އަކީ ފަލަސްތީނުގެ ދުޝްމަނެއް ކަމަށް ވިދާޅުވެފައެވެ.

ލުބުނާނަކީ ފަލަސްތީނުގެ އެތައް ލައްކަ ރެފިއުޖީންނަށް ބޯހިޔާވަހިކަން ދޭ ގައުމެކެވެ. އޭގެ ތެރޭގައި އިޒްރޭލުގެ ދައުލަތް އުފެއްދި ފަހުން އެގައުމަށް ހިޖުރަކުރި ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ދަރިފަސްކޮޅު ހިމެނެއެވެ.

ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާ އިން ބަލައިގަތުމާއި ގުޅިގެން އެކަމާއި ދެކޮޅަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަނީ އިހްތިޖާޖްތައް ބާއްވަމުންނެވެ. އެގޮތުން މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އެމެރިކާގެ އެމްބަސީގެ ކުރިމަތީގައި ވެސް ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފައިވެއެވެ.

އިޒްރޭލް އުފެދުނު ފަހުން އެމީހުންގެ ދައުވާ ކުރަނީ ގުދުސް އަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައެވެ. އެހެން ނަމަވެސް، ފަލަސްތީނުން ދެކެނީ، އިޒްރޭލުން 1967 ވަނަ އަހަރުގެ ހަނގުރާމާގައި ވެރިވެގަތް އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ ވެރިރަށުގެ ގޮތުގައެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް