ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 19:04
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައިމިނަތު އީނާސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ރައީސް އައިމިނަތު އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
އެޗްއާރްސީއެމް އަށް ހެޔޮ ދުއާ ސަލާމް، ހައްގުތައް ނިގުޅައިގަންނައިރު ކުޅި ބަލަން ތިޔަ ތިބެނީ ގާނޫނެއް ނެތީމައިތޯ އެވެ؟
 
ބޮޑެތި ކަންކަމުގައި އަމަލުން ނަތީޖާ ދެއްކުމުގައި ފަހަތު ފަޔަށް ބުރަވެފައި
 
ކޮމިޝަނުގެ ހިލަމެއް ވަނީ ކޮންމެ އަހަރެއްގެ އިންސާނީ ހައްގުތަކުގެ ދުވަހު
 
އިންސާނީ ހައްގުތައް ހޯދުމަށް ލެއާއި ދަލުން ރައްޔިތުން ގުރުބާން ވަނީ

ކޮންމެ ދުވަހަކީވެސް އިންސާނީ ހައްގުތަކުގެ ދުވަހެކެވެ. އެހެން ނަމަވެސް، އިންސާނީ ހައްގުތަކުގެ ދުވަހުގެ ގޮތުގައި ވަކި ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ އިންސާނީ ހައްގުތަކުގެ ހާލަތު ވަޒަންކޮށް، ހައްގުތައް އިތުރަށް ކަށަވަރުކޮށްދިނުމުގައި ކުރަން ހުރި މަސައްކަތްތައް ވަޒަން ކުރުމެވެ. އިންސާނީ ހައްގަތަކުގެ ދުވަހެއް ފާހަގަކުރަމުން ދަނީ، 1948 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު ބޭއްވި އދ. ގެ އާންމު މަޖިލީހުގައި ޔުނިވަރސަލް ޑިކްލެރޭޝަން އޮފް ހިއުމަން ރައިޓްސް(ޔޫޑީއެޗްއާރް) ނުވަތަ އިންސާނީ ހައްގުތަކާއި ބެހޭ ބައިނަލްއަގްވާމީ މުއާހަދާ ތަންފީޒުކުރަން ފެށިފެށުން ފާހަގަ ކުރުމަށެވެ. މިއީ އިންސާނަކަށް ވީތީ ލިބެންޖެހޭ އެންމެހާ ހައްގުތައް މިފަދައިން އެކުލަވާލެވި ދުނިޔޭގައި ފުރަތަމަ ތަންފީޒުކުރެވުނު މުއާހަދާ އެވެ. 

ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ މުއާހަދާގައި ދިވެހިރާއްޖެއިން ވެސް ވަނީ ބައިވެރިވެފަ އެވެ. ނަމަވެސް، އެ ގަރާރުގައި ކަނޑައެޅިފައިވާ ހައްގުތަކުގެ ތެރެއިން ދިވެހިރާއްޖެއިން އަމަލުކުރަންޖެހެނީ އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ހައްގުތަކަށެވެ. އިންސާނުންގެ އަތުން ހަދާފައިވާ މުއާހަދާ އޮތް ތަނުގައި ބާއްވާށެވެ. އަޅުގަނޑުމެންގެ އިސްލާމްދީނަކީ އިންސާނީ ހައްގުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދީފައިވާ ދީނެވެ. ޖާހިލިއްޔަ ޒަމާނުގައި ދުނިޔޭގައި އޮތް ލާއިންސާނީ އަމަލުތައް މަނާކުރެވި އެކަންތައްތައް ހުއްޓުވުމަށް ބާރު އެޅި ދީނެވެ. އަޅުވެތިކަމާއި، އަންހެން ދަރިން މެރުމާއި، ލާއިންސާނީ އަދަބު ދިނުމާއި، ބޭއިންސާފުގެ ވަކިތަކުން އިންސާނީ ކަރަމާތް ރައްކާތެރިކޮށްދިން ދީނެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ ދިވެހިރާއްޖޭގައި ތިބެގެން ދައްކާއިރު، އަޅުގަނޑުމެން މިތިބީ މުސްލިމުންގެ ހައިސިއްޔަތުން އިސްލާމްދީނުގައި އަންގަވާފައިވާ ފަދައިން އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭން ހިތުން ރުހުމުން އެއްބަސްވެގެންނެވެ. މީގެއިތުރުން، އިންސާނުންގެ އަތުން ހަދާފައިވާ އިންސާނީ ހައްގުތަކުގެ މުއާހަދާގައިވާ ގޮތަށް ހައްގުތައް ކަށަވަރު ކޮށްދޭންވެސް އަޅުގަނޑުމެން މިތިބީ އެއްބަސްވެގެންނެވެ. ކަން މިހެން އޮތްއިރު، އިންސާނީ ހައްގުތައް ކަށަވަރު ކޮށްނުދޭން، އިންސާނީ ހައްގުތައް ކުރިނާރުވަން އަޅުގަނޑުމެން ދިވެހިންނަށް ދެއްކޭނެ އެއްވެސް ހުއްޖަތެއް އޮވެގެންވާނެ ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވެއެވެ.

އިންސާނީ ހައްގުތައް ކުރިއަރުވައި، ހައްގުތަކާ ބެހޭ ގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ މަގުސަދުގައި މިނިވަން މުއައްސަސާއެއްގެ ދަރަޖައިގައި އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނެއް ރާއްޖޭގައި ވަނީ އުފައްދާފަ އެވެ. އެހެންނަމަވެސް، މި ރާއްޖޭގައި އުޅޭ "އިންސާނުންގެ" އިންސާނީ ހައްގުތައް ކުރިއެރުވުމުގައި މި ކޮމިޝަނަށް އެންމެ ފުރިހަމައަށް ޒިންމާ އަދާކުރެވޭތޯ އެވެ؟ ހަނު ތިބުމަކީ ޚިޔާނާތަކަށްވާނަމަ، ހިއުމަން ރައިޓްސް ކޮމިޝަން އެ ވަނީ އެންމެ ބޮޑު ޚިޔާނާތުން ޚިޔާނާތްތެރިވެފަ އެވެ. އިންސާނީ ހައްގުތައް ހޯދުމަށް ދިވެހިން ލެއާއި ދަލުން ގުރުބާންވަމުންދާއިރު، އިންސާނީ ހައްގުތައް ކުރިއަރުވަން ހުވައިކޮށްގެން ތިބެ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަގާ ކޮމިޝަނުގެ ހިލަމެއް ވަނީ ކޮންމެ އަހަރެއްގެ އިންސާނީ ހައްގުތަކުގެ ދުވަހު އެވެ.

އިންސާނީ ހައްގުތަކުގެ ދުވަހު ނެރޭ ބަޔާންތަކާއި ހިތޯބުތަކަށް ބަލާއިރު، ކުރީ އަހަރު ކޮމިޝަނުން ބުނީ ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވާނެ ކަމެއް ނެތް ކަމަށެވެ. މިއަހަރު ބުނީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ވަރަށް ކާމިޔާބު މަސައްކަތްތަކެއް މިއަހަރު ކުރެވިއްޖެ ކަމަށެވެ. ކޮމިޝަނުގެ ރައީސް އައިމިނަތު އީނާސް އެހެން ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ ގާނޫނުތަކެއް މިއަހަރު ތަންފީޒުކުރަން ފަށާފައިވާތީ އެވެ. ގާނޫނަކަށް އަމަލުކުރަން ފެށީމާ އެ ދެން ވަރަށް ކާމިޔާބުވީ އެވެ. އަތްޖައްސަވާށެވެ. ކޮނޑުން ހުޅު ނެއްޓޭ ވަރަށް ބާރަށް އަތްޖައްސަވާށެވެ. އަތްޖަހަޖަހައި އަތުން ފޫ ދުއްވާލާށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވަނީ ބޭސްފަރުވާގެ ހައްގުން މަހުރޫމް ކުރެވިފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ "ދެކޮޅުނުޖެހޭ" ހުކުމަކުން މިނިވަންކަން ގެއްލިފަ އެވެ. ރައީސް މުހައްމަދު ނަޝީދުގެ ހައްގުތައް ގެއްލުވާލައިގެން ހިންގި ޝަރީއަތަކަށް ފަހު ބޮޑު ހުކުމެއް އައިސްފައެވެ. ޖަލުގައި ބޭސްފަރުވާ ނުކުރެވި އެތައް ބަޔަކު މަރުވަނީ އެވެ. ޖަލުތައް ތޮއްޖެހި، ދެ މީހުންގެ ގޮޅިތަކުގައި ހަތަރު ފަސް މީހުން ބަންދުކުރެވިފަ އެވެ. ޖަލުގައި ނުރައްކާތެރި ބަލިތައް ފެތުރެނީ އެވެ. ފުލުހުންގެ ފަރާތުން އެތައް ބައެއްގެ ހައްގުތައް ގެއްލިފަ އެވެ. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވިފަ އެވެ. އެއްވެ އުޅުމުގެ ހައްގުގައި ކަސްތޮޅު އެޅުވިފަ އެވެ. އެންމެ އަސާސީ ހައްގުކަމަށްވާ ހައްގު ހޯދުމުގެ ހައްގު ނިގުޅައިގަނެ، ހައްގު ހޯދަން އުޅުން ވެސް ޖިނާއީ ކުށަކަށްވެފަ އެވެ. އެންމެ ކުޑަމިނުން ދުއާއެއް ކޮށްލުން ވެސް މަނާވެފަ އެވެ.

މިއުޅެނީ ގާނޫނެއް ނެތިގެންނެއް ނޫނެވެ. އީނާސްގެ ކޮމިޝަން ހައްގުތައް ރައްކާތެރިކުރުމުގައި ފަހަތު ފަޔަށް ބުރަވެފައިވަނީ ގާނޫނު ނެތިގެންތޯ އެވެ؟ ގާނޫނަކަށް އަމަލުކުރަން ފެށުމުން ރައްޔިތުންނަށް ލިބުނީ ކޮން ހިތްހަމަޖެހުމެއްތޯ އެވެ؟ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތުގައި އެ ހުރި މާއްދާތައް ރަނގަޅަށް ތަންފީޒު އެބަ ކުރެވޭތޯ އެވެ؟ ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނީ ވާޖިބު އަދާނުކުރެވެނީ އެ ގާނޫނީ މާއްދާތައް މިހާރު އުވާލެވިފައިވާތީތޯއެވެ؟ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހައްގުތައް ނިގުޅައިގަންނައިރު ހަމަހިމޭނުން ކުޅި ބަލަން ކޮމިޝަން އޮންނަނީ ހަމަ ގާނޫނެއް ނެތީމައިތޯ އެވެ؟

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް