ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 17:52
ޔުވެންޓަސް އާއި އިންޓަ ކުޅުނު މެޗުގެ ތެރެއިން
ޔުވެންޓަސް އާއި އިންޓަ ކުޅުނު މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ސެރީއޭ
އިޓާލިއަން ސެރީއޭ: ޔުވެންޓަސް އާއި އިންޓަގެ ކުރިމަތިލުން އެއްވަރުވެއްޖެ
 
މި މެޗުގައި އިންޓަގެ ކީޕަރު ހަންޑަނޮވިޗް ވަނީ ގިނަ ސޭވްތަކެއް ކޮށްފައި
 
އިންޓަ މިލާން އާއި ޔުވެންޓަސް ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެން

އިޓާލިއަން ސެރީއޭގެ ޕޮއިންޓް ތާވަލުގެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ އިންޓަ މިލާން އާއ ޔުވެންޓަސް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.  

ސެރީއޭގެ އެއްވަނައިގައި އޮތް އިންޓަ މިލާން އާއި ޔުވެންޓަސް ކުޅުނު މެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔައިރު ދެ ޓީމަށް ވެސް ވަނީ ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް މާރިއޯ މަންޒުކިޗް ފޮނުވާލީ ހަމަލާއެއް އިންޓަގެ ކީޕަރު ހަންޑަނޮވިޗް ދިފާއުކުރިއެވެ. އޭގެ މިނެޓެއް ފަހުން އަނެއްކާ ވެސް މަންޒުކިޗް ފޮނުވާލި ހަމަލާއެއް އިންޓަގެ ގޯލު ލައިނުގެ މަތިން ސާފުކޮށްލީ އެ ޓީމުގެ ޑިފެންޑަރު މިރަންޑާއެވެ. ހަމައެހެންމެ ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި މަންޒުކިޗް ފޮނުވާލި ހަމަލާއެއް އަމާޒުވެފައިވަނީ އިންޓަގެ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުގައި އިންޓަގެ ކީޕަރު ހަންޑަނޮވިޗް ވަނީ ގިނަ ސޭވްތަކެއްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

މި ނަތީޖާއާއެކު މި ސީޒަނުގައި ކުޅުނު އެއްވެސް މެޗަކުން އިންޓަ ބަލިވެފައެއް ނުވެއެވެ.

އިޓާލިއަން ސެރީއޭގައި ދެން ކުޅުނު މެޗުތަކަށް ބަލާލާއިރު ކަގްލިއާރީ އާއި ސަމްޕްދޯރިއާ ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގައި ސަމްޕްދޯރިއާއިން ޖެހި ދެ ލަނޑު ވެސް އެ ޓީމަށް ޖަހައިދިނީ ތަޖުރިބާކާރު ފޯވާޑް ފަބިއޯ ކުއަގްރިއެލާއެވެ. ކަގްލިއާރީގެ ލަނޑުތައް ޖަހައިދިނީ ޑިއޭގޯ ފާލާސްއާއި ލިއޮނާޑޯ ޕަވެލޯޓީއެވެ.

ސެރީއޭގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި ކުޅުނު 16 މެޗުން ލިބުނު 40 ޕޮއިންޓާއެކު އޮތީ އިންޓަ މިލާންއެވެ. ދެވަނައިގައި އޮތް ނަޕޯލީއަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 38 ޕޮއިންޓްއެވެ. ނަޕޯލީ ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އެ ޓީމަށް ތާވަލުގެ އެއްވަނަ ލިބޭނެއެވެ. ތިންވަނައިގައި 38 ޕޮއިންޓާއެކު ޔުވެންޓަސް އޮތްއިރު ހަތަރު ވަނައިގައި 34 ޕޮއިންޓާއެކު އޮތީ ރޯމާއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް