ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 16:10
ޕީއެސްޖީގެ ޕަސްޓޯރޭ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ޕީއެސްޖީގެ ޕަސްޓޯރޭ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ
ގެޓީ އިމޭޖަސް
ފްރެންޗް ލީގު
ފްރެންޗް ލީގު: ޕީއެސްޖީ ފަސް ބެލުމެއް ނެތި ކުރިޔަށް
 
ފްރެންޗް ލީގުގައި މިހާތަނަށް 17 މެޗު ކުޅެފައިވާއިރު 44 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޕީއެސްޖީ
 
ލިލޭއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުން

ފްރެންޗް ލީގުގައި ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެ ތާވަލުގެ ކުރީގައި ހަމަޖެހިލައިފިއެވެ.

ޕީއެސްޖީ މި މެޗާއި ކުރިމަތިލިއިރު އެ ޓީމު މި ސީޒަނުގައި ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެގޮތުން މިދިޔަ ހަފްތާގައި ސްޓްރަސްބާގް އަތުން ބަލިވި މެޗަކީ މި ސީޒަނުގެ ލީގުގައި ޕީއެސްޖީ ބަލިވި ހަމައެކަނީ މެޗެވެ.

އަމިއްލަ ދަނޑުގައި ލިލޭއާ ދެކޮޅަށް ކުޅުނު މެޗުން ޕީއެސްޖީ މޮޅުވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު އެ ޓީމުގެ ފޯވާޑުން ވަނީ ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޕީއެސްޖީއިންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ކިލިއަން އެމްބާޕޭ ތަނަވަސް ކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އާޖެންޓީނާގެ ވިންގަރ އެންހެލް ޑިމަރިއާއެވެ. މި ލަނޑަށް ފަހު ވެސް ޕީއެސްޖީއިން ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރިއިރު މި ހާފުގައި އެ ޓީމަށް ލީޑު ފުޅާ ކުރެވިފައެއް ނުވެއެވެ.

އެއް ލަނޑުގެ ލީޑެއްގައި އޮވެ ޕީއެސްޖީއިން ފުރަތަމަ ހާފު ނިންމާލިއިރު އެ ޓީމުން ވަނީ ދެވަނަ ހާފު ފެށިގެން ހަތަރު މިނެޓު ނުވަނީސް ލީޑު ފުޅާކޮށްފައެވެ. މެޗުގެ 49 ވަނަ މިނެޓުގައި ޑިމަރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން އެ ޓީމަށް މި ލަނޑު ޖަހައިދިނީ ހަވިޔާ ޕަސްޓޯރޭއެވެ.

މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އަންވަރް އެލް ގާޒަވީ ވަނީ ލަނޑެއް ޖަހައިދީ ލިލޭއަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ހުނަރުވެރި ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ލަނޑެއް ޖަހައިދީ ޕީއެސްޖީއަށް މެޗުން ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.  

ފްރެންޗް ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މޮނާކޯ ވަނީ 3-2 ގެ ނަތީޖާއަކުން ޓްރޯޔޭސް ބަލިކޮށްފައެވެ. އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ސިއެންގެ މައްޗަށް ޓުލޫސް ކުރިހޯދިއިރު ގެއިންގެމްޕް ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޑިޔޯން ބަލިކޮށްފައެވެ. މެޓްޒް އާއި ރެނޭސް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު މޮންޓްޕިލޭ އާއި އެންގާސް ކުޅުނު މެޗު ވެސް ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ފްރެންޗް ލީގުގައި މިހާތަނަށް 17 މެޗު ކުޅެފައިވާއިރު 44 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޕީއެސްޖީއެވެ. ދެވަނައިގައި 35 ޕޮއިންޓާއެކު މޮނާކޯ އޮތްއިރު ތިންވަނައިގައި 32 ޕޮއިންޓާއެކު އޮތޯ އޮލިމްޕިކް ލިޔޯންއެވެ. ހަމައެހެންމެ ހަތަރު ވަނައިގައި 32 ޕޮއިންޓާއެކު އޮތީ އޮލިމްޕިކް މާސޭއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް