ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 15:49
ޗެލްސީގެ ހަޒާޑް ހުއްޓުވަން ވެސްޓް ހަމްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ
ޗެލްސީގެ ހަޒާޑް ހުއްޓުވަން ވެސްޓް ހަމްގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޗެލްސީ ބަލިވިއިރު ޓޮޓެންހަމްއަށް ބޮޑު މޮޅެއް
 
ލެސްޓާ ސިޓީ ވެސް ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފަ
 
ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 5-1 ގެ ނަތީޖާއަކުން
 
ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު މެޗުން ޗެލްސީ ބަލިވިއިރު ޓޮޓެންހަމް ކުޅުނު މެޗުން އެ ޓީމު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެއްޖެއެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ޗެލްސީގެ ފަރާތުން އެންމެ އެދެވޭ ކުޅުމެއް ފެންނަމުން ނުދާއިރު ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޗެލްސީގެ ފަރާތުން ރަނގަޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔައިރު އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ.

ވެސްޓް ހަމްގެ ފަރާތުން ޑިފެންސިވް ގޭމެއް ފެނިގެން ދިޔަ މި މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެނުއެލް ލަންޒީނީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ޖަހައިދިނީ އޮސްޓްރިއާގެ ފޯވާޑް މާކޯ އާނޯޓޮވޮޗްއެވެ.

މި ލަނޑަށް ފަހު ޗެލްސީއިން އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކުރިއިރު އަލްވާރޯ މޮރާޓާއަށް ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި ވެސްޓް ހަމްއިން ވެސް ވަނީ ކައުންޓާގައި ނުރައްކާ ކޮށްފައެވެ.

ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން އެ ޓީމު މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޓޮޓެންހަމްގެ ފަރާތުން މޮޅު އެޓޭކިން ފުޓްބޯޅައެއް ފެނިގެންދިޔަ އިރު އެ ޓީމުން ވަނީ ލަނޑު ޖެހުމަށް ހުސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައި ވަނީ އެންމެ ލަނޑެކެވެ. މި ލަނޑަކީ މެޗުގެ 21 ވަނަ މިނެޓުގައި ސްޓޯކް ސިޓީގެ ކެޕްޓަން ރަޔާން ޝޯކްރޮސް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމްއިން ޖެހި ލަނޑުތަކުގެ ތެރެއިން ފުރަތަމަ ލަނޑު 53 ވަނަ މިނެޓުގައި ޖަހައިދިނީ ދެކުނު ކޮރެއާގެ ފޯވާޑް ހެއުން މިން ސޮންއެވެ. އޭގެ މިނެޓެއް ފަހުން ހެރީ ކޭން ލަނޑެއް ޖަހައިދީ އެ ޓީމަށް ލީޑު ފުޅާކޮށްދިންއިރު އޭނާ ވަނީ 65 ވަނަ މިނެޓުގައި ވެސް ލަނޑެއް ޖަހާފައެވެ. ޓޮޓެންހަމްގެ އެންމެ ފަހު ލަނޑު މެޗުގެ 74 ވަނަ މިނެޓުގައި ޖަހައިދިނީ ކްރިސްޓިއަން އެރިކްސެންއެވެ. ސްޓޯކްއިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެސް ޝޯކްރޮސްއެވެ.

ޕްރިމިއާ ލީގުގައި ބާންލީ ވަނީ 1-0 ގެ ނަތީޖާއަކުން އަމިއްލަ ދަނޑުގައި ވޮޓްފޯޑް ބަލިކޮށްފައެވެ. ސްވަންސީ ސިޓީ ވެސް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވެސްޓް ބްރޮމް ބަލިކޮށްފައެވެ. ހަޑާސްފީލްޑް ޓައުންއާއި ބްރައިޓަން އެންޑް ހޯވް އަލްބިއޯން ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ހަޑާސްފީލްޑްއެވެ.

ބޯންމައުތް އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. ލެސްޓާ ސިޓީ ވެސް ވަނީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފައެވެ.

މި މެޗުތަކާއެކު ޕްރިމިއާ ލީގުގެ ތާވަލަށް މާ ބޮޑެތި ބަދަލުތަކެއް އައިސްފައެއް ނުވެއެވެ. އެގޮތުން 43 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ އެއްވަނައިގައި އޮތްއިރު ދެވަނައިގައި 35 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ޔުނައިޓެޑްއެވެ. ޗެލްސީއަށް ތިންވަނަ ލިބެނީ 32 ޕޮއިންޓާއެކު އެވެ. ހަތަރު ވަނައިގައި 29 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ފަސްވަނައިގައި 28 ޕޮއިންޓާއެކު އޮތީ ޓޮޓެންހަމްއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް