ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 16:04
މަސް ދޯންޏެއް
މަސް ދޯންޏެއް
އަހުމަދު މުހުސިނު
މަސްވެރިންގެ ދުވަސް
މަސްވެރިކަމަކީ ދިވެހިންގެ ލޭނާރު: އަގައިން ބުނެލާ ބަހަކަށްވެފައި
 
މަހުގެ އަގު ހިފެހެއްޓޭނެ ގޮތެއް ނެތް
 
މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 37 ވަނަ އަހަރު
 
މަސްވެރިންގެ ދުވަހަކީ 10 ޑިސެމްބަރު

މަސްވެރިކަމަކީ ދިވެހިންގެ ލޭނާރުގެ ގޮތުގައި ސިފަކޮށް، އެ މަސައްކަތް ކުރާ ފަރާތްތަކުގެ އަގު ވަންޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެމްބަރު 10 އެއް ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގަ އެވެ. މިއީ މަސްވެރިންގެ ދުވަސް ފާހަގަކުރާ 37 ވަނަ އަހަރަށްވާ އިރު މަސްވެރިންގެ ދުވަސް  މިއަހަރު ފާހަގަކުރަނީ ހއ. އިހަވަންދޫގަ އެވެ.

މަސްވެރިންގެ މަސައްކަތް ފާހަގަކުރާ ދުވަހެއްގައި މިއަހަރު ވެސް މަސްވެރިންގެ ބޮޑެތި ޝަކުވާތަކެއް އެބަހުއްޓެވެ. އެގޮތުން، މަސްކިރުމުގައި  ބޮޑެތި ދަތިތަކެއް  ކުރިމަތިވާ ކަމަށް މަސްވެރިން ބުނެ އެވެ. އަދި އަގު ހިފެހެއްޓޭނެ ރަގަޅު ނިޒާމެއް ގާއިމް ކުރެވިފައި ނުވުމަކީވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މ. މުލަކަށް ނިސްބަތްވާ ކެޔޮޅެއް ކަމުގައިވާ އަބްދުލް ޖަލީލު މުހައްމަދު ބުނީ މަސް ކިރުމަށް މިދުވަސްވަރު ޖެހެނީ ސަލާންޖަހަން ކަމަށާއި އައިސް ހޯދުމަށް ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށެވެ.

 ޖަލީލު ބުނީ ތިން ދުވަސްވަންދެން އައިސް ނުލިބި ކިއުގައި ޖެހިގެން ތިބޭ އިރު، މަސް ކިރުމަށްޓަކާއި ފަސް ހަ ދުވަހުވެސް ކިއުގައި ޖެހިގެން ތިބެންޖެހޭ ކަމަށެވެ.

" ހަފްތާއަކު މަހަށް ދެވެނީ އެއްމެ ދުވަހަކު މިހާރު، ހަގީގަތަކަށް ބަލާ އިރު މަސްވެރިންނަށް ލިބެންޖެހޭ އާމްދަނީ ހަމަ ސުމަކުން ދިޔައީ. މިދިޔަ އަހަރާއި އަޅާ ބަލާ އިރު މިއަހަރު ތިން ބައިކުޅަ އެއް ބައިވެސް ނުލިބޭ. މަސް ނުބޭނެނީކީނޫން. އެހެން ނަމަވެސް މަސް ކިރަން އުނދަގުލީ. އަގު ވެއްޓޭއިރު އެއްވެސް ހިފެހެއްޓުމެއް ނެތް. މިކަމާ ހުރެ ބައެއް ފަހަރު މަސްތައް އުކާލަން ވެސް ޖެހޭ." ޖަލީލު ހިތްހަމަނުޖެހުމާއިއެކު ބުންޏެވެ.

ޖަލީލު ބުނީ ބެޔަސް ނުބެޔަސް ސްކީމަކީ އެއްވެސް ވަރަކަށް މަސްވެރިންނަށް ގަބޫލު ކުރެވޭ ފަދަ ސްކީމެއް ނޫން ކަމަށެވެ.

ރަސްދޫއަށް އުފަން އުމުުރުން 65 އަހަރުގެ އިބްރާހިމް ރަޝީދު ބުނީ، އުމުރު ދުވަހު ކުރަމުން މިއައީ މި މަސައްކަތް ކަމަށާއި އެދޯނީގެ އޮޑިވެރިންނަށް އެންމެ މަދުން  15000 ނުޖެހޭ މަހެއް މަދުވާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން ތައާރަފް ކުރި " ބެޔަސް ނުބެޔަސް" ސްކީމުންދޭ 10000ރ. ގެ ބޭނުމެއް ނެތް ކަމަށް ރަޝީދު ބުންޏެވެ. މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ، ބޯޓުފަހަރު  ގެނަސްގެން މަސްގަންނަ ފަރާތްތަކުން ލޭނު އަޅައިގެން މަސްވެރިކަން ކުރުން ކަމަށެވެ. އެކަމުގެ ސަބަބުން ވަރަށް ބޮޑު ގެއްލުމެއް ލިބޭ ކަމަށް އޭނާ ބުންޏެވެ.  

" މިއީ އެންމެ ވަރުގަދަ ލޭނާރޭ ބުނެ  ސަރުކާރުގެ އިސްވެރިން ވާހަކަ ދެއްކި ނަމަވެސް، މަސްވެރިންނަކަށް އެއްވެސް ބަޔަކު އަޅާ ނުލާ. އެންމެ ކުޑަ މިނުން އައިސްކޮޅެއް ވެސް ނުލިބޭނެ ސަރުކާރުން ކުންފުންޏަކުން. މަހެއް ކިރިޔަސް އެންމެ ދަށްކޮށް ކިރަންޖެހޭނީ ސަރުކާރު ކުންފުނިތަކަށް." ރަޝީދު މާޔޫސް ކަމާއެކު ކިޔާދިނެވެ.

ރަސްދޫގެ އެހެން މަސްވެރިއަކު ބުނީ، މަސްވެރިންނޭ ކިޔައިގެން މާލޭގައި މަސްދޯނި ފަހަރު ލަފާ އަޅާލާނެ ބަނދަރެއް ނެތުމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރިމަވަމުންދާ ކަމަށެވެ. މިއީ ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ހަތަރު ފަސް ކުންފުންޏެއް ވެގެން މަސްގަތުމުގެ ކަންކަން ކޮންޓްރޯލުކުރުމުގެ ސަބަބުން މަހުގެ އަގު ބެލެހެއްޓޭނެ ނިޒާމު ފެއިލްވެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

" ހުސްއެކަނި އެއަރޕޯޓެއް ނޫން ތަރައްގީ ވާންވީ ނުވަތަ ފަތުރުވެރިކަމެއް ވެސް ނޫން ތަރައްގީ ވާންވީ. ބޭރުމީހުންނަށް ދެއްކުންތެރި ހުރިހާއެއްޗެއް ތަރައްގީވޭ. އެހެން ނަމަވެސް އާންމު ރައްޔިތުންނަށް އަންނަ ތަރައްގީއެއް ނޯވޭ. މިއީ ހައްލު ބޭނުންވާ ކަންކަން،" މަސްވެރިއަކު ކިޔަދިނެވެ.

ދ. މާއެނބޫދޫގެ ޒުވާން މަސްވެރިއެއް ކަމުގައިވާ އަހުމަދު އަޒްމީން ބުނީ، މިއީ ޒުވާނުން ކުރަން ވަރަށް ރަގަޅު ކަމެއް ކަމަށާއި، މަހަކު ގާތްގަނޑަކަށް 25000ރ. އާމްދަނީގެ ގޮތުގައި ލިބޭ ކަމަށެވެ.

" ރަށުގެ ގިނަ ކުދިން ވަރަށް ޝައުގުވެރިކަން ހުރޭ މަސްވެރިކަން ކުރުމަށް. ގިނަ ކުދިން ރިސޯޓްތަކަށް ދިއުމުގެ ބަދަލުގައި ހަމަ ދާނީ މަސްވެރިކަމަށް." އަޒްމީން ބުންޏެވެ.

މަސްވެރިންގެ ދުވަސް ފާހަގަކުރަމުންދާ އިރު މަސްވެރިންގެ ގިނަ ޝަކުވާތަކެއް އެބަހުއްޓެވެ. އެފަރާތްތަކުން އެދެނީ މިކަން ކަމަށް އަވަސް ހައްލުތަކެއް ލިބުމެވެ. އެއް ދުވަސްވަރެއްގައި މަސްވެރިކަމަކީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ އެންމެ ބޮޑު ހިއްސާއެއް ކުރި ދާއިރާ އެވެ. އެހެން ނަމަވެސް މިފާއިތުވެދިޔަ ހަތަރު ފަސް އަހަރުގެ ތެރޭގައި މަސްވެރިކަން ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ.

ޖީޑީޕީގެ ނިސްބަތުން މަސްވެރިކަމުގެ ދާއިރާ މިހާރު ހިއްސާ ކުރަނީ 1.3 ޕަސެންޓެވެ. މަސްވެރިކަން އިންތިހާއަށް ދަށަށް ގޮސްފައިވާ އިރު، މަސްވެރިކަން ކުރިއެރުވޭނީ، އެކަމަށް ކަމާ ގުޅޭ މުއައްސަސާތަކުން ރަގަޅު ނިޒާމެއް ގާއިމް ކޮށްގެންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް