ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 14:28
އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް
އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް
ރައީސް އޮފީސް
އެޗްއާރުސީއެމް
އިންސާނީ ހައްގުތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުކުރެވޭ: އެޗްއާރުސީއެމް
 
ގާނޫނުއަސީސީ އިން ލިބިދޭ ހައްގުތައް ކަޝްވަރު ކޮށްދިނުމަށް ދައުލަތުގެ ހުރިހައި މުއައްސަސާތަކަކުން މަސައްކަތް ކުރަން ޖެހޭނެ
 
މީހުންނަށް ފުރައްސާރަ ކުރުމާއި އެއްބަޔަކު އަނެއްބަޔަކުގެ މެދުގައި މަފްރަތު އުފެއްދުން އާންމުވެއްޖެ
 
ހިޔާލްފާޅު ކުުރމުގެ ނަމުގައި މީހުންގެ އަބަރު ދަނީ ކަތިލަމުން

އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްކުރެވިފައިނުވާ ކަމަށް ހިއުމަން ރައިޓސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ. 

ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހުގެ މުނާސަބަތުގައި އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް ދެއްވި ހިތޯބުގައި ވިދާޅުވެފައިވާ ގޮތުގައި އިންސާނީ ޙައްޤުތަކުގެ ނަޒަރުން ބަލާއިރު މި އަހަރަކީ ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ކުރިއަރުވާ، ދެމެހެއްޓުމަށް ގިނަގުނަ ކާމިޔާބު މަސައްކަތްތަކެއް ކުރެވިގެންދިޔަ އަހަރެކެވެ. އެގޮތުން، ޖިނާޢީ އަދުލުގެ ނިޒާމާބެހޭ ޤާނޫނުތައް ފާސްވެ މި އަހަރު އަމަލުކުރަން ފަށާފައިވާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. 

އެގޮތުން، ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާކަން އީނާސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން، އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް، ޙިމާޔަތްކުރުމަށް ބޭނުންވާ މުހިއްމު ބިލްތަކެއް އަދިވެސް ފާސްނުވެވާކަންވެސް އީނާސް ފާހަގަކުރެއްވިއެވެ. އެގޮތުން ހެއްކާއިބެހޭ ބިލު، މަދަނީ އިޖުރާއަތުގެ ބިލު، ޖުވެނައިލް ޖަސްޓިސް ބިލު، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ބިލު، ހެކިންނަށް ހިމާޔަތް ދިނުމާއި ބެހޭ ބިލު ހިމެނޭ ކަމަށް އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ. 

އީނާސް ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ޤާނޫނުއަސާސީއާއި ޤާނޫނުތަކުގެ ބާރުވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަށް، ދައުލަތުގެ ތިންބާރުންވެސް މަސައްކަތްކުރުމަކީ މުހިންމުކަމެކެވެ. ޤާނޫނުއަސާސީއާއި، ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ އެއްވެސް ޙައްޤެއް، ނިގުޅައިނުގަނެވޭނެގޮތަށް ޢަމަލުތައް ބެހެއްޓުމަށާއި، ޤައުމުގެ ސުލްޙަމަސަލަސްކަމާއި، އަމަންއަމާންކަން ދެމިއޮންނާނޭ ގޮތަށް، ހުރިހާ ފަރާތްތަކުންވެސް ޢަމަލު ކުރުމަށް އީނާސް ގޮވާލެއްވިއެވެ. 

އީނާސް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އިސްލާމީ ރިވެތި އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން އެކަކު އަނެކަކަށް އިޙުތިރާމުކޮށް ވަރަށް އެކުވެރިކަމާއެކު އުޅެމުންއައި ބައެއް ކަމަށެވެ. ނަމަވެސް، މިފަހަކަށް އައިސް ދިވެހި މުޖުތަމަޢުއިން ފެންނަމުން މިދަނީ ވަރަށް ތަފާތު މަންޒަރުތަކެއްކަން ހިތާމައާއެކު ފާހަގަކުރަން ޖެހޭ ކަމަށް އެޗްއާރުސީއެމްގެ ރައީސް ވިދާޅުވިއެވެ. 

އެގޮތުން އެކަކު އަނެކަކަށް ފުރައްސާރަކުރުމާއި މަލާމާތްކުރުމާއި އެކަކު އަނެކެއްގެ އަބުރު ނަގާލުމާއި މުޖުތަމަޢުގައި ނަފްރަތު އުފެދޭފަދަ ޢަމަލުތައް އިތުރުވުމާއި މީހުންގެ ފުރާނައަށް ގެއްލުންވާފަދަ ޢަމަލުތައް އިތުރުވަމުންދާކަން އީނާސް ފާހަގަ ކުރެއްވިއެވެ. 

ހަމައެހެންމެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީވެސް ވަކި ޙުދޫދެއްގެ ތެރެއިން ޒިންމާދާރުކަމާއެކު ބޭނުންކުރަންޖެހޭ ޙައްޤަކަށް ވާއިރު އެއްވެސް ބެލުމެއްނެތި، އެހެން މީހުންގެ ޤަދަރާއި ޢިއްޒަތަށް އުނިކަން އަންނާނެ ފަދަ ގޮތަކަށް ޢަމަލުތައް ބެހެއްޓުމުން މިކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް މި މުޖުތަމަޢުއަށް ކުރަމުންދާކަން އީނާސް ފާހަގަ ކުރެއްވިއެވެ. 

ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ އިންސާނީ ޙައްޤުތަކުގެ ދުވަހެވެ. ހަމަމިއާއެކު، މި ދުވަހަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދީ އެ ޙައްޤުތައް ފޯރުކޮށްދެވޭ މިންވަރު ދެނެގަނެ، އެ ޙައްޤުތަކަށް މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރުމަށް ވަކި މުއައްސަސާއެއްގެ ގޮތުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އުފެއްދިތާ 14 އަހަރު ފުރިގެންދާ މުނާސަބާވެސްމެއެވެ.

އދ. ގެ ޖެނެރަލް އެސެންބްލީއިން 1948 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހު ފާސްކޮށްފައިވާ ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިއުމަން ރައިޓްސް (ޔޫ.ޑީ.އެޗް.އާރ) އަކީ އިންސާނީ ޙައްޤުތަކުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު މުޢާހަދާއެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
0%
0%
0%
0%
0%
0%
ކޮމެންޓް