ކ. މާލެ
|
10 ޑިސެންބަރ 2017 | އާދީއްތަ 09:52
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަދީބުގެ ބޭސްފަރުވާގެ މައްސަލަ
އަދީބު ބޭސްފަރުވާއަށް ގެންދިއުމުގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު
 
ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އަމުރުކޮށް ދިނުމަށް
 
އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ރާއްޖެއިން ބޭރަށް ނުފޮނުވަން ސަރުކާރުން ވަނީ ނިންމާފަ
 
އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދިފައި، ގްލަކޮމާ ޖެހިފައި، ކިޑްނީގައި ހިލަ އުފެދިފައި

ކުރީގެ ނައިބު ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދަށް ތާވަލުކޮށްފިއެވެ.

އަދީބުގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް، ކޯޓުން މައްސަލަ ބަލައިގަތީ ލިޔެކިޔުންތައް އިސްލާހު ކުރުމަށް ފަހު މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުށަހެޅުމުންނެވެ. 

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެކޮޅަށް އަދީބުގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެދިފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް ކަރެކްޝަނާއި ފުލުހުންނާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް އަމުރު ކޮށްދިނުމަށެވެ. 

އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 11:00 އަށެވެ. މިއަދަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދެފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން މައްސަލައަށް ހައްލެއް ހޯދޭތޯ ބެލުމެވެ. މައްސަލަ ޝަރީއަތަށް ފޮނުވަނީ އެ މަރުހަލާއިން ހައްލެއް ނުލިބިއްޖެނަމަ އެވެ.

އަދީބުގެ ސިއްހީ ހާލުކޮޅު ދެރަވެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. އަދީބުގެ އެތެރެހަށީގައި ސިސްޓް އުފެދިފައިވުމާއި ލޮލަށް ގްލަކޮމާ ޖެހިފައިވުމާއި ކިޑްނީގައި ހިލަ އުފެދިފައިވާ ކަމަށް އާއިލާ އާއި ވަކީލުން ދަނީ ބުނަމުންނެވެ. 

މެއި މަހުގެ ތެރޭގައި އެ މައްސަލަ ވަނީ އެޗްއާރްސީއެމަށް ވެސް ހުށަހަޅާފަ އެވެ. އަދީބުގެ އާއިލާއިން އެޗްއާރްސީއެމަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އަދީބުގެ ސިއްހީ ހާލަތާ ގުޅިގެން އެކަމުގައި ޒިންމާ ނަގަންޖެހޭ ހުރިހާ މުއައްސަސާއެއްގެ ސަމާލު ކަމަށް އެކަަންކަން ގެނެސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދީބުގެ ބޭސްފަރުވާގެ ޒިންމާ އެއްވެސް މުއައްސަސާއަކުން އުފުލާނެ ކަމަށް އަންގާފައިނުވާ ކަމަށެވެ.

އަދީބަށް އިތުރު ފަރުވާ ދިނުމަށް ވީހާވެސް އަވަހަކަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު، ސަރުކާރުން ވަނީ އެ ހުއްދަ އަދީބަށް ނުދިނުމަށް ނިންމާފަ އެވެ. ސަރުކާރުން ބުނަމުން ދަނީ އަދީބު ފިއްލަވާފާނެ ކަމަށާއި، އަދީބު ފިއްލަވައިފިނަމަ ދައުލަތަށް ލިބެންޖެހޭ ފައިސާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ލޯޔަރުން ވިދާޅުވަމުން ގެންދަވަނީ ސަރުކާރުން އަދީބު ރާއްޖެއިން ބޭރަށް ނުފޮނުވާ ހިފެހެއްޓުމަކީ ޤާނޫނީ އިމުން ބޭރުން ކުރާ ކަމެއް ކަމަށެވެ.

އެހެން ނަމަވެސް، ރާއްޖެއިން ބޭރަށް ފޮނުވައިފިނަމަ އަދީބު ފިއްލަވާފާނެ ކަމަށް ބުނެ ސަރުކާރުން ވަނީ ރާއްޖެއިން ބޭރަށް އަދީބު ގެންދިއުމުގެ ހުއްދަ ނުދޭން ނިންމާފަ އެވެ. ސަރުކާރުން ބުނަމުންދަނީ، އަދީބު ފިއްލަވައިފިނަމަ ދައުލަތުން ގެއްލުނު ފައިސާ އަނބުރާ ނުލިބޭނެ ކަމަށެވެ.

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ، ދައުލަތުން އަދީބު ނެންގެވި ހުރިހާ ފައިސާއެއް އަނބުރާ ދެއްކެވުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ. 

ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް އަދީބުގެ މައްޗަށް އިއްވާފައިވާއިރު، ޖަލު ހުކުމް ތަންފީޒް ކުރާ އެހެން ގައިދީންނާއި ޚިލާފަށް އަދީބު ބަންދުކޮށްފައިވަނީ ފުލުހުން ޑިޓެންޝަން ސެންޓަރެއްގެ ގޮތުގައި ބޭނުންކުރާ ދޫނިދޫގަ އެވެ. އަދީބުގެ މައްޗަށް އިތުރު 13 ދައުވާއެއް އުފުލާފައިވާއިރު އެ މައްސަލަތަކުގެ ޝަރީއަތް ކޯޓުގައި ދަނީ ހިންގަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް