ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 21:17
ނިއު އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ނިއު އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއެމްވީ
ޕްރެޒިޑެންޓްސް ކަޕް
ޕްރެޒިޑެންޓްސް ކަޕް: ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް ނިއު ފައިނަލަށް
 
އެފްއޭކަޕްގެ ފައިނަލުންވެސް ނިއު އަތުން ޓީސީ ބަލިވީ ޕެނަލްޓީ ޖަހައިގެން

ޕްރެޒިޑެންޓްސް ކަޕްގައި ޕެނަލްޓި ޖަހައިގެން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ފައިނަލަށް ދަތުރުކޮށްފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. އެހެން ނަމަވެސް ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ނިއު އިން ވަނީ 2-4 ގެ ނަތީޖާއިން ޓީސީގެ މައްޗަށް ކުރިހޯދާފައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅުނީ ނިއުއެވެ. އެގޮތުން އެޓީމުން ވަނީ ޓީސީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީވެސް ނިއުއިންނެވެ. މި ލަނޑު 15 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝާމިއުއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އަލީ ފާސިރު (ސެންޓޭ) ނަގައިދިން ހުރަސް ބޮލުން ކުރިޔަށް ފޮނުވާލައިގެންނެވެ.

ލަނޑަށްފަހު ވެސް ނިއުއިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޓީސީން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މާޒިންއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ ހަސަން އަދުހަމް (ސަޑޭ) އަށް ވަނީ އެޓީމަށް އަނބުރާ ލީޑު ހޯދައިދިނުމަށް ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މީގެއިތުރުން ޓީސީގެ އިބްރާހިމް މަހުދީ ހުސެއިން (ކުދު އިއްބެ) އަށްވެސް ވަނީ މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓީސީން އެޓީމުގެ ކުޅުން ވަރުގަދަކޮށްފައިވާއިރު، ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ. އެގޮތުން ކުދު އިއްބެއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޓީސީގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފެއްދުމަށް އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމު އެއްވަރުވެފައިއޮތުމުން ނަތީޖާ ނެރުމަށް ޖެހީ ޕެނަލްޓީއެވެ. އެގޮތުން ނިއުގެ ސެންޓޭ، ދަގަނޑޭ، އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި އަކްރަމް އަބްލްގަނީ ފޮނުވާލި ޕެނަލްޓީ ވަނީ ކާމިޔާބު ކޮށްފައެވެ.

ޓީސީގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ އީސާ އަލް މަގްރަބީ އަދި ކުދުއިއްބެ އެވެ. އެހެންނަމަވެސް އިބްރާހިމް ވަހީދް ހަސަން އަދި މުހައްމަދު އައްޒާމް ފޮނުވާލި ޕެނަލްޓީ ކީޕަރު ފައިސަލް ވަނީ ދިފާއު ކޮށްފައެވެ.

މި ނަތީޖާއާއެކު ނިއު ވަނީ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައެވެ. މެޗުން ބަލިވި ޓީސީ އަށް އަދިވެސް ފައިނަލަށް ދިޔުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން ޓީސީ އެ ފުރުސަތު ކަށަވަރުކުރުމަށް ނިކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަދި މާޒިޔާ ބައްދަލުކޮށް މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް