ކ. މާލެ
|
9 ޑިސެންބަރ 2017 | ހޮނިހިރު 09:37
ކޮންގޯގައި މަސައްކަތްކުރާ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ޓެންޒޭނިއާ އިން ނަގާފައިވާ ސްޕެޝަލް އިންޓަރވެންޝަން ބްރިގޭޑް ފޯސަސްގެ ސިފައިން
ކޮންގޯގައި މަސައްކަތްކުރާ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ ޓެންޒޭނިއާ އިން ނަގާފައިވާ ސްޕެޝަލް އިންޓަރވެންޝަން ބްރިގޭޑް ފޯސަސްގެ ސިފައިން
ޔޫއެން ފޮޓޯ
ހަނގުރާމައިގެ ޖަރީމާ
ކޮންގޯގައި އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގެ 14 ސިފައިން މަރާލައިފި
 
މި ހަމަލާ ދީފައި ވަނީ ނޯތު ކިވޫގައި ގާއިމްކޮށްފައިވާ އދ. ގެ އޯގަނައިޒޭޝަން ސްޓެބިލައިޒޭޝަން މިޝަންގައި
 
ބުރާސްފަތި ދުވަހުގެ ރޭ ދިން އެ ހަމަލާގައި 53 މީހުން ޒަޚަމްވި

އދ. ގެ ސުލްހަބަލަހައްޓާ ފައުޖުގެ 14 ސިފައިންނާއި ކޮންގޯ އެއަރ ފޯސްގެ ފަސް މެމްބަރަކު ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަރާލައިފި ކަމަށް އދ. އިން ބުނެފިއެވެ.

އދ. އިން ބުނި ގޮތުގައި މިއީ ފަހުގެ ތާރީޚެއްގައި އެ ޖަމާއަތުގެ ސުލްހަ ބަލަހައްޓާ ފައުޖަށް ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ.

އެ ޖަމާއަތުން ބުނީ ބުރާސްފަތި ދުވަހުގެ ރޭ ދިން އެ ހަމަލާގައި 53 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

"މި ހަމަލާ ވަރަށް ފާޅުކަން ބޮޑުކޮށް ކުށްވެރިކުރަން" އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް ނެރުއްވާފައިވާ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސުލްހަ ބަލަހައްޓާ ފަރާތްތަކާ ދެކޮޅަށް ގަސްތުގައި ދެވޭ މިފަދަ ހަމަލާތަކަކީ ބަލައިގަނެވޭނެ ހަމަލާތަކެއް ނޫން ކަމަށާއި މިއީ ހަނގުރާމައިގެ ޖަރީމާ ހިންގުން ކަމަށް އެ ބަޔާނުގައިވެއެވެ.

"ޑެމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އިދާރާތަކަށް އަޅުގަނޑު ގޮވާލަން މި ހާދިސާ ތަހުގީގުކޮށް އަދި ހަމަލާދިން ފަރާތްތައް އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް. މިފަދަ ހަމަލާތައް ދޭ ފަރާތްތަކަށް މި ގައުމުގަ ނޫނީ އެހެންތަނެއްގައި ވިޔަސް އެއްވެސް ލުޔެއް އޮވެގެން ނުވާނެ."

މި ހަމަލާ ދީފައިވަނީ ނޯތު ކިވޫގައި ގާއިމްކޮށްފައިވާ އދ. ގެ އޯގަނައިޒޭޝަން ސްޓެބިލައިޒޭޝަން މިޝަންގައެވެ. މި ސަރަހައްދަކީ އެލައިޑް ޑެމޮކްރެޓިކް ފޯސަސްގެ ހަނގުރާމަވެރިން ތަކުރާރުކޮށް ހަމަލާ ދީފައިވާ ސަރަހައްދެކެވެ.

އދ. ގެ ތަރުޖަމާނުގެ ނާއިބު ވިދާޅުވީ ސުލްހަ ބަލަހައްޓާ ފައުޖުގެ ސިފައިންގެ ތެރެއިން ގިނަ މީހުންނަކީ ޓެންޒޭނިއާގެ ރައްޔިތުން ކަމަށެވެ.

އެ ސަރަހައްދުގެ ރޭޑިއޯ ސްޓޭޝަނަކަށް އަސްކަރިއްޔާއިން ދީފައިވާ މައުލޫމާތާ ހަވާލާދީ އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމަވެރިންނާ ސުލްހަ ބަލަހައްޓާ ފައުޖާ ދެމެދު ހަތަރު ގަޑިއިރުވަންދެން ހަމަލާ ބަދަލުކުރެވުނެވެ.

އދ. ގެ ހިސާބުތަކުން ދައްކާ ގޮތުން 1999 ވަނަ އަހަރު ސުލްހަ ބަލަހައްޓާ ފައުޖުތައް އެގައުމަށް ދިޔަ ފަހުން މިހާތަނަށް އެ ފައުޖުތަކުގެ 300 އެއްހާ ސިފައިން ވަނީ މަރުވެފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް