ކ. މާލެ
|
4 ޑިސެންބަރ 2017 | ހޯމަ 15:32
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން
ޗައިނާގެ ރައީސް ޝީ ޖިންޕިންގ އަދި ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން
ރައީސް އޮފީސް
ޗައިނާ-މޯލްޑިވްސް
ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޓް އެގްރީމެންޓް، މަޖިލީހުގެ އެއްވެސް މެމްބަރަކަށް ދައްކާފައެއް ނުވޭ: ޖުމްހޫރީ ޕާޓީ
 
އެއީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމެނޭ އެގްރީމެންޓެއް
 
ގާނޫނާ އެއްގޮތަށް ފާސްކުރުމަށް ފަހު ނޫނީ ސޮއި ނުކުރުމަށް ޗައިނާ ސަރުކާރަށް ވަނީ ގޮވާލާފައި
 
ގާނޫނީ ހައިސިއްޔަތު ނެތް ޖަލްސާއަކަށް އެ އެގްރީމެންޓް ހުށަހެޅީވެސް، އަދި ފާސްކުރީވެސް

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމުގެ މުޅި ޕްރޮސެސް މަޖިލީހުގައި ހިނގާދިޔަ އިރުވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކަށް އެ އެގްރީމެންޓް ދައްކާފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓާ ގުޅިގެން ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ އެ އެގްރީމެންޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއެކު އެފަދަ ކަންކަމުގައި އަމަލު ކުރަމުންދާ އާއްމު އުސޫލުތަކާއި މުޅީން ހިލާފަށް އެމައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުވަން ދެތިން މިނެޓް ތެރޭގައި ފާސްކޮށްފައި ވަނީ މެމްބަރުންނަށް އެބިލާމެދު ބަހުސް ކުރުމަށް އެކަށީގެންވާ ފުރުސަތު ނުދީ ކަމަށެވެ. އަދި އެ ހިނދުން އެހިނދަށް ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ، ހަގީގީ މާނައިގައި އެ އެގްރީމެންޓް ދިރާސާ ކުރުމެއް ނެތި، ގާތްގަނޑަށް 1000 ޞަފްހާގެ އެ އެގްރީމެންޓަށް ރުހުންދޭން ފެންނަ ކަމަށް ދިހަވަރަކަށް މިނެޓްގެ ތެރޭގައި ނިންމާ، ހަމަ އެރޭ އަނެއްކާ ވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވާ، އެ އެގްރީމެންޓަށް ރުހުން ދިންކަމީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ރައްޔިތުންގެ މަޖިލީހަކުން ކުރާ ޒާތުގެ ކަމެއް ނޫން ކަމަށްވެސް ޖުމްހޫރީ ޕާޓީން ނެރެފައިވާ އެބަޔާނުގައި ބުނެފައި ވެއެވެ.

ޖުމްހޫރީ ޕާޓީން ބުނީ ފްރީ ޓްރޭޑް އެގްރީމެންޓަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ބޭއްވި ޣައިރު ގާނޫނީ ޖަލްސާއަކުން ކުރި އިހުލާސްތެރިކަމެއް ނެތް އަމަލު، އެޕާޓީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

މީގެއިތުރުން އެބަޔާނުގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތަށްވުރެ ވެސް ބޮޑު އަދަދެއް ކަމަށްވާ 45 މެމްބަރުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އެމައްސަލައަށް ވޯޓަށް އެހުމެއް ނެތި، މިހާރު މަޖިލީހުގައި ކުރިއަށް ގެންދާ ޖަލްސާތަކާއި މަޖިލީހުގެ ރައީސްގެ ހައިސިއްޔަތާމެދު ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެކަން އެގޮތަށް އޮތްއިރު، ގާނޫނީ ހައިސިއްޔަތު ނެތް ބޭފުޅަކު މަޖިލީހުގެ ރިޔާސަތުގައި އިންނެވި ޖަލްސާއަށް ސަރުކާރުން ހުށަހެޅި ފްރީ ޓްރީޑް އެގްރީމެންޓަކީ ރައްޔިތުން އެމައްޗަށް އަމަލު ކުރުން ލާޒިމްވާ ފަދަ ކަންކަން ހިމެނޭ އެގްރީމެންޓަކަށް ވާއިރު، ގާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ށ)ގެ ދަށުން މިފަދަ ކަމެއްގައި ވޯޓަށް އަހަންވާނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން (މަދުވެގެން 43) އެ ޖަލްސާއެއްގައި ހާޒިރުވެ ތިބި ވަގުތެއްގައި ކަމަށް ބަޔާން ކޮށްފައި ވަނިކޮށް، މިއެގްރީމެންޓަށް ވޯޓަށް އަހާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް 31 މެމްބަރުން ހާޒިރުވެ ތިބި ޖަލްސާއެއްގައި ކަމަށް ބުނެފައިވެއެވެ. އަދި އެ ވޯޓުގައި ބައިވެރިވީ 30 މެމްބަރުން ކަމުގައިވުމުން މި އެގްރީމެންޓަށް ވޯޓަށް އެހި ޖަލްސާއާ ޖަލްސާގައި މި އެގްރީމެންޓަށް ރުހުން ދިނުމަށް ހުށަހަޅައި ފާސްކުރުމަކީ ބާތިލް، އެމައްޗަށް އަމަލުކުރުން ހުއްދަވެގެން ނުވާ ނިންމުމެއް ކަމަށް ޖުމްހޫރީ ޕާޓީން ދެކޭ ކަމަށް ބުނެފައިވެއެވެ.

ޖުމްހޫރީ ޕާޓީގެ އެބަޔާން ނިންމާލަމުން ބުނެފައި ވަނީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓަށް އަމަލު ކުރުމުގައި ކުރަންޖެހޭ އެންމެހާ ކަންކަން ތަރުތީބުކުރުން ވަގުތުން ވަގުތަށް ހުއްޓާލުމަށާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކޮށް ނުދޭ މިފަދަ އެގްރީމެންޓެއްގައި ދިވެހި ދައުލަތުގެ ފަރާތުން ސޮއި ނުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ ފަރާތްތަކަށް ޖުމްހޫރީ ޕާޓީން ގޮވާލާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ސައްހަ ޖަލްސާއަކުން ގާނޫނާއި ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ރުހުން ހޯދުމަށްފަހު މެނުވީ މި އެގްރީމެންޓްގައި ސޮއި ކުރުމާއި އެގްރީމެންޓާއި ގުޅޭގޮތުން ކުރަންޖެހޭ އެއްވެސް ކަމެއް ނުކުރުމަށް ޗައިނާ ސަރުކާރަށް އިލްތިމާސް ކުރާ ކަމަށް ވެސް ޖުމްހޫރީ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
100%
0%
0%
0%
0%
ކޮމެންޓް