ކ. މާލެ
|
18 ނޮވެންބަރ 2017 | ހޮނިހިރު 14:43
ޑޭވިޑް ގޮފިން - މިއީ އޭނާގެ ކެރިއަރުގައި ސެމީއިން ޖާގަ ހޯދި ފުރަތަމަ ފަހަރު
ޑޭވިޑް ގޮފިން - މިއީ އޭނާގެ ކެރިއަރުގައި ސެމީއިން ޖާގަ ހޯދި ފުރަތަމަ ފަހަރު
ޓްވިޓަރ
އޭޓީޕީ ވޯލްޑް ޓުއަރ ފައިނަލްސް
އޭޓީޕީ ފައިނަލްސް: ޑިމިޓްރޯވް އާއި ގޮފިން ސެމީއަށް
 
ޑިމިޓްރޯވް ފައިނަލުގައި ކުޅޭނީ ސޮކް އާއި ދެކޮޅަށް
 
ގޮފިން ސެމީގައި ވާދަކުރާނީ ފެޑެރާ އާއި ދެކޮޅަށް

ލަންޑަނުގައި މިހާރު ކުރިޔަށްދާ އޭޓީޕީ ވޯލްޑް ޓުއާ ފައިނަލްސްގެ ސެމީ ފައިނަލުން ބެލްޖިއަމްގެ ޑޭވިޑް ގޮފިން އާއި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ޖާގަ ހޯދައިފިއެވެ.

ޓެނިސް ސީޒަން ނިންމާލުމަށް ކުޅޭ އެންމެ ޝަރުފުވެރި އެއް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ޑޭވިޑް ގޮފިން ހޯދީ ޕީޓް ސެމްޕްރާސްގެ ގްރޫޕުގެ ފަހު މެޗުގައި ދުނިޔޭގެ ރޭންކިންގެ ހަތަރު ވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް އޮސްޓްރިއާގެ ޑޮމިނިކް ތިއެމް ސީދާ ދެ ސެޓުން ބަލިކޮށް ގެންނެވެ. މި މެޗުގެ ސެޓުތައް ގޮފިން ގެންދިޔައީ 6-4 އަދި 6-1 އިންނެވެ.

މެޗު ނިންމާލުމަށް ފަހު ވާހަކަ ދައްކަމުން ގޮފިން ބުނެފައި ވަނީ ސެމީގެ ޖާގައެއް ލިބުމުން ވަރަށް އުފާވާ ކަމަށާއި ތިއެމް އާއި ދެކޮޅަށް ކުޅުނު މެޗަކީ ވަރަށް އުނދަގޫ މެޗެއް ކަމަށެވެ. އަދި ގާތް ރައްޓެއްސަކާއި ދެކޮޅަށް ގްރޫޕުގެ ފަހު މެޗު ކުޅެން ޖެހުމުން ވަރަށް އުނދަގޫވި ކަމަށެވެ.

މި ގްރޫޕުގެ ފުރަތަމަ މެޗުގައި ގޮފިން ވަނީ ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތް ރަފައޭލް ނަދާލް ބަލިކޮށްފައެވެ. ގޮފިން ސެމީގައި ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް ސްވިޓްޒަލޭންޑުގެ ރޯޖާ ފެޑެރާ އާއި ދެކޮޅަށެވެ. މިކަމާއި ގުޅޭގޮތުން ގޮފިން ބުނީ ސެމީގައި ފެޑެރާ ބަލިކުރުމަށް ފަހު ފައިނަލަށް ދަތުރު ކުރެވުން ވެގެން ދާނީ ވަރަށް ތާރީހީ ކަމަކަށް ކަމަށެވެ.

މި ގްރޫޕުގެ ދެވަނަ މެޗުގައި ބަލްގޭރިއާގެ ގްރިގޯ ޑިމިޓްރޯވް ވަނީ ދުނިޔޭގެ ރޭންކިންގެ ނުވަ ވަނައިގައި މިވަގުތު ރޭންކު ކުރެވިފައި އޮތް ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޑިމިޓްރޯވް ގެންގޮސްފައި ވަނީ 6-1 އަދި 6-1 އިންނެވެ. މި މެޗަށް ނުކުތުމުގެ ކުރިން ވެސް ޑިމިޓްރޯވްއަށް އޮތީ ސެމީގެ ޖާގައެއް ލިބިފައެވެ.

ނަދާލް މުބާރާތާއި ވަކިވުމުން މި މުބާރާތާއި ގުޅުނު ބުސްޓާ މި މެޗު ކުޅެފައި ވަނީ ރޭންކިން ޕޮއިންޓް ހޯދުމަށެވެ. އެގޮތުން މޮޅުވާ ކޮންމެ މެޗަކަށް 200 ޕޮއިންޓް ލިބޭއިރު ފައިސާގެ އިނާމުގެ ގޮތުގައި 145000 މިލިއަން ޕައުންޑް ލިބެއެވެ.

މި މުބާރާތުގެ ސެމީގެ ފުރަތަމަ މެޗުގައި ފެޑެރާ އާއި ދެކޮޅަށް ގޮފިން ނުކުންނައިރު ދެވަނަ ސެމީގައި ޑިމިޓްރޯވް އާއި ދެކޮޅަށް ނުކުންނާނީ މި މުބާރާތުގެ ސެމީއިން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އެމެރިކާގެ ޖެކް ސޮކްއެވެ.  

މި އަހަރުގެ މުބާރާތުގައި ވެސް ދުނިޔޭގެ ރޭންކިންގެ ގަދަ އަށެއްގައި ހިމެނޭ ހުރިހާ ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. އެގޮތުން ރަފައޭލް ނަދާލް، ރޯޖާ ފެޑެރާ، އެލެކްޒެންޑާ ޒަވަރޭން، ޑޮމިނިކް ތިއެމް، ގްރިގޯ ޑިމިޓްރޯވް، ޖެކް ސޮކް، ޑޭވިޑް ގޮފިންގެ އިތުރުން މަރިން ސިލިޗް ވަނީ ގްރޫޕު ސްޓޭޖުގައި ވާދަކޮށްފައެވެ. މި އަހަރުގެ މުބާރާތުގައި މިދިޔަ އަހަރު މި މުބާރާތުގެ ފައިނަލުގައި ކުޅުނު ދެ ކުޅުންތެރިން ކަމަށްވާ ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ އިތުރުން އިނގިރޭސިވިލާތުގެ އެންޑީ މަރޭ ވާދައެއް ނުކުރެއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް